ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަޝީދު ނޫން ހުރިހާ ލީޑަރުން ދެކޮޅު

l_166055117014pGv8.jpg

ރާއްޖޭގގައި މިހާރު ވެރިކަން ކުރަމުން އަންނަ ރިޔާސީ ނިޒާމް، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތަށް ގިނަ ސިޔާސީ ލީޑަރުން ދެކޮޅުކަން ހާމަކުރައްވައިފި އެވެ.

ނަޝީދަކީ އަބަދުވެސް ބަރުލަމާނީއަކީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމުކަމަށް ވަކާލާތު ކުރައްވަމުން އެނިޒާމު ރާއްޖެއަށް ގެނައުމުގެ ހުވަފެން ދެކެވަޑައިގެންނަވާ ބޭފުޅެކެވެ. އަދި އެކަން ވަނީ އެކިފަހަރު އެކި ޕްލެޓްފޯމުތަކުގައި ހާމަކުރައްވާފައެވެ.

އެންމެ ފަހުން އިއްޔެ ހެނދުނު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ގެންގުޅުއްވާ ތަސައްވަރު ވެސް ހާމަކޮށްދެއްވާފައެވެ.

ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ނަޝީދު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އިއްޔެ އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ނަޝީދު ވަނީ ހުރިހާ ބޭފުޅުންގެވެސް ތާއިދު އެކަމަށް ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ހާއްސަކޮށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އެއްބާރުލުން ބޭނުންވާ ކަމަށާއި ބަރުލަމާނީ ނިޒާމު ގެނައުމުގެ މަޝްވަރާތައް ޕާޓީގެ ހުރިހާ ފަރާތްތަކާއެކު ވެސް ކުރިއަށް ގެންދަވާނެ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ފައްޔާޒު ވިދާޅުވީ އޭނާ އަބަދުވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށެވެ.

ބަރުލަމާނީ ނިޒާމު ގެންނަން ރާއްޖެ މާ ކުޑަ ކަމަށާއި ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބަރުލަމާނީ ނިޒާމު ގެނައުމަކީ ހެޔޮވާވަރު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދު މި ހުވަފެން ދެކިވަޑައިގެންނަވާއިރު، އެންމެ ބޮޑު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ރައްޔިތުންގެ ވޯޓަކުން ފާހެއް ނުވާނެ ކަމަށް ވިދާޅުވެފައެވެ. ޔާމީން ވިދާޅުވަނީ މި ވަގުތަށް އެ ނިޒާމު ރާއްޖެއަށް “ފިޓު” ނޫން ކަމަށެވެ.

ރައީސް ޔާމީންގެ އިތުރުން ރައީސް ނަޝީދުގެ މިތުރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވިދާޅުވީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ނިޒާމާއި ގުޅޭގޮތުން ރައްޔިތުން ކައިރިއަށް ގޮސް މިކަމުގައި ވާހަކަދައްކާ، ރައްޔިތުންނަށް ނިޒާމު އޮޅުންފިލުވައިދީ، މިކަމާއި ގުޅޭގޮތުން ބަހުސް ކުރެވި، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް އޭގެ ފަހުން މަސައްކަތް ކުރެއްވިދާނެ ކަމަށާއި އެކަމަކު އެމަނިކުފާނު އެކަމަށް ތާއީދުނުކުރައްވާނެ ކަމަށެވެ.

މިހާރު އޮތް ކޯލިޝަން ސަރުކާރުގައި ހިމެނޭ ޖުމުހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ވެސް ވަނީ ބަރުލަމާނީ އާއި ދެކޮޅުކަން ހާމަ ކުރައްވާފައެވެ.

އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ރޭ ވިދާޅުވީ އަބަދުވެސް ތާއިދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ނުލިބެނީ ބާރުތައް މަސްހުނިވެފައިވާ ބަރުލަމާނީ ނިޒާމު ނެތިގެނެއްް ނޫން ކަަމަށް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަށެވެ.

ޝާހިދު ވިދާޅުވީ އޭނާ ތާއީދުކުރައްވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެވެރިޔާ ހޮވުމަށް ކަމަށާއި ގާނޫނު ހެދުމުގެ ބާރާއި ސަރުކާރު ޒިންމާދާރުކުރުވުން ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް ކަމަށެވެ. އެއީ ރިޔާސީ ނިޒާމެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ބަހުސެއް ކުރެވޭއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަނީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމާފައި ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top