ނޫސްވެރިކަމުގެ މިނިވަން ކަމުގައި ރާއްޖެ 15 ދަރަޖަ ފަހަތަށް

117871_3_bb7cbfa5a4025230d46056954e0872a7d29799df.jpg

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު މިންވަރު ބަލައި “ރިޕޯޓާސް ވިތައުޓް ބޯޑާސް” އިން ކޮންމެ އަހަރަކު އާންމު ކުރަމުން ދާ “ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސް” ގައި ރާއްޖެ ކުރީ އަހަރަށް ވުރެ 15 ދަރަޖަ ވެއްޓިއްޖެއެވެ.

މިއަދު ފަހާގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން އެ ޖަމިއްޔާ އިން އާންމުކުރި އިންޑެކްސްގައިވާ ގޮތުން، މި އަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ. މިދިޔަ އަހަރުގެ އެ އިންޑެކްސްގައި ރާއްޖެ އޮތީ 72 ވަނައިގަ އެވެ. އެހެންކަމުން އެއީ 15 ދަރަޖައިގެ ވެއްޓުމެކެވެ.

ރާއްޖެއަށް ލިބުނު ޕޮއިންޓަށް ބަލާއިރު މިދިޔަ އަހަރު 70.87 ޕޮއިންޓް ލިބުނުއިރު، މިއަހަރު ލިބުނީ 59.55 ޕޮއިންޓެވެ.

މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި، އެ އިންޑެކްސްގައި ރާއްޖެ އެންމެ ފަހަތަށް ދިޔަ ފުރަތަމަ ފަހަރެވެ. އެ އިންޑެކްސްގައި 2018 ވަނަ އަހަރު ރާއްޖެ އޮތީ 120 ވަނައިގަ އެވެ އަދި 2019 ވަނަ އަހަރު 98 ވަނައިގައި އޮތް އިރު، 2020 ވަނަ އަހަރު އޮތީ 79 ވަނައިގައެވެ.

ރާއްޖޭގެ ހާލަތު ބެލުމަށް ފަހު، އިންޑެކްސްގައި ލިޔެފައިވާ ގޮތުން ރާއްޖޭގެ ގާނޫނު އަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ހައްގު ހަނިވާނެ ގޮތަށް ހެއްކާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ނޫސްވެރިން ލިޔާ ހަބަރެއް ނުވަތަ ރިޕޯޓެއްގައި ހިމެނޭ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭ ގޮތަށް އެ ބިލުގައި ހުށަހަޅާފައިވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބެލި މައްސަލައެއްގައި މިހާރު ނޫހުގައި ލިޔެފައިވާ ލިޔުމެއްގެ މަސްދަރު ހޯދަން މަސައްކަތް ކުރި ކަންވެސް ފާހަގަކޮށްފައިވެއެވެ. މިހާރު ނޫހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީގެ ކަންކަމުގައި ހަރަކާތްތެރިވާ ބޭފުޅުންނާ ހަވާލާދީ ވަރަށް ތަފްސީލްކޮށް ކެނެރީގޭގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ލިޔުނެވެ. އެ ލިޔުމުގެ މައްސަލަ 241 ކޮމިޓީން ބެލިއެވެ. ނަމަވެސް ނޫހަށް އެއްވެސް ފިޔަަވަޅެއް ނާޅައެވެ.

އިންޑެކްސްގައި ދެން ފާހަގަ ކޮށްފައި ވަނީ ހަރުކަށި ފިކުރާއި ގޭންގްތަކުގައި ހިމެނޭ ކުށްވެރިންގެ ފަރާތުން ނޫސްވެރިންނަށް އަންނަ ބިރު ދެއްކުމުގެ އިންޒާރުތަކެވެ. ހަރުކަށި ފިކުރުގެ މީހުންގެ އަމާޒަކަށްވެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި، ބްލޮގަރު ޔާމީން ރަޝީދު މަރާލާފައިވާ ހާދިސާ އިންޑެކްސްގައި ފާހަގަ ކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top