އޭދަފުށީ ޒުވާނުންގެ ޝަރަފްވެރި މެހްމާން

DSCN0512.jpg

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު - ފޮޓޯ : އީވީ

އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ޝުޖާއުއެވެ. ޝުޖާއުއަކީ އޭދަފުށީގެ ބޭފުޅެއް ނޫނެވެ. ބ.އަތޮޅަށް ނިސްބަތްވާ ބޭފުޅެއްވެސް ނޫނެވެ. އެހެން ނަމަވެސް އޭނާއަކީ އޭދަފުށީ ޒުވާނުންގެ ޝަރަފްވެރި މެހްމާނެވެ. ކީއްވެގެން ހެއްޔެވެ؟ އޭދަފުށީ ޒުވާނުންނަށް މިއީ ޖަވާބު ބޭނުންވާނެ ސުވާލެއް ނޫނެވެ.

ދިވެހި ސިންގާސަނާގެ ތާރީޚްގައި އެންމެ އަނދިރި ސޮފްހާތައް ލިޔެވެމުން ދިޔައިރު ދިވެހި ދައުލަތުގެ އަސްކަރިއްޔާގެ އެންމެ ބޮޑު ބާރުއޮތް މަޝްހޫރު ބާރަށަށް އުފަން އިބްރާހީމް ޝުޖާއުއަކީ ޒުވާނުންނަށް ނަމޫނާއެކެވެ. މުރާލިކަމާ އެއްވަރަށް ކުރާ ކޮންމެ ކަމަކުންވެސް ރަނގަޅު ނަތީޖާ ނެރުމަކީ މި ޝަޚްސިއްޔަތުގެ އެންމެ ކާމިޔާބު އެއްސިފައެވެ.

ތައުލީމީ ހަޔާތަށްފަހު އުމުރުން 29 އަހަރުގައި ބާރަށު ދާއިރާގެ ރައްޔިތުން ޒުވާން ޝުޖާއު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރީ ދާއިރާގެ ރައްޔިތުންނަށް ފަހި ދުވަސްތަކެއް ހޯދަދޭނެކަމުގެ ޔަގީން ކަމާ އެކު ގައެވެ. އޭނާގެ ލީޑަރޝިޕްގެ އާރާއި ބާރު ރައްޔިތުން ވަޒަންކުރީ މަޝްހޫރު ރެޑްވޭވް ކުންފުނި އެއީ ދިވެހި ބްރޭންޑެއްކަމަށް މުޅި ރާއްޖެ ބަލައިގަތުމުގައި އެކުންފުނީގެ ޖެނެރަލް މެނޭޖަރގެ ގޮތުން އަދާ ކޮށްފައިވާ ރޯލަށް ބަލާފައެވެ. މަޖިލީހަށް އިންތިޚާބުވުމަށް ފަހު ސަރުކާރުގެ އެންމެ މަތީ ގިންތީގައި ހިމެނިގެން މަތީ ފެންވަރުގެ ބޭފުޅުންނާއެކު އަރިސް އެހާމެ ގާތް ގުޅުމެއް އޮންނަން ޖެހުމަކީ އޭނާގެ ނަސީބެއް ނޫނެވެ. އެއީ ޒުވާން ސުޖާއުގެ އުޅުމާ އަޚްލާގާއި އޭނާ ކިޔެވި އެއްޗެއްގެ ބޭނުން ތެދުވެރި ގޮތުގައި ހިފުމުގެ ނަތީޖާއެވެ. އެހެން އެއްވެސް ސަބަބެއް ނޫނެވެ.

އޭދަފުށީ ޒުވާނުން ހޯދާ ކޮންމެ ކާމިޔާބެއްގެ ފަހަތުގައި ޝުޖާއުގެ ދިގު އަތް އޮންނަނީ އެންމެ ކައިރީގައެވެ. އޭނާގެ ހިތްވަރުގެ ބަސްތަކާއި ތައުރީފް އަދިކާމިޔާބަށް ފަހު އެކަން ފާހަގަ ކުރުމަށް ބާއްވާ މުނާސަބާ ތަކުގައި ވެސް ހުންނަވާނީ އެންމެ ގާތުގައެވެ. އޭދަފުއްޓަށް ވަޑައިގެން މަގުތަކުގައި ހިންގަވާއިރު ފެންނަ ކޮންމެ މީހަކީ ދައްތައެކެވެ. ބޭބެއެކެވެ. ހިނިތުންވުމާ ހިތްހެޔޮކަމާއެކު މީސްމީހުންނާ ބައްދަލުކޮށް ހާލު އޮޅުން ފިލުއްވައި ހެއްދެވުމަކީ އޭދަފުށި ފަތަހަކުރެއްވުމަށް ގެންގުޅުއްވި އެންމެ ސަޅިގޮތެވެ. ގޭގެއަށް ވަޑައިގެން އަންހެންވެރިންނާ އެންމެ ގާތުން ބައްދަލު ކުރެވޭނީ ކާގެ ނުވަތަ ބަދިގެއިން ކަމަށްވާތީ ސަލާން ގޮވާލާ އަޑުވެސް ގިނަފަހަރު އިވޭނީ ބަދިގެ ފަރާތުންނެވެ.

އޭދަފުށީ ރައްޔިތުންގެ ގާތުގައި އޭދަފުށީގެ ނުއުފަން ދަރިއެއްގެ މަގާމް ލިބިފައިވަނި މިދެންނެވި ސަބަބުތަކުން ކަމަށް ވިޔަސް މިކަން މިމަގަށް ހިނގަން މެދުވެރި ވުމުގައި ކޮންމެވެސް ފަރާތެއްގެ ދީލަތިކަމާއި އޯގާތެރި ކަން އޮންނާނެއެވެ. އަޅުގަނޑުމެން ބޭނުންވީ އެކަން އޮޅުން ފިލުވާށެވެ. އޭނާގެ ބިޒީ ޝެޑިއުލްގެ ތެރެއިން ވަގުތުކޮޅެއް ހުސްކޮށްދެއްވައި ތަފްސީލަށް ވަޑައިގެންނެވިއެވެ. ޝުކުރުވެރި ހިތަކުން އެކަމަށް ޝުކުރު އަދާ ކުރަމެވެ.

އޭދަފުށީ ރައްޔިތުންނަށް ޝުޖާއު ތައާރަފްވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާއަށް 2009 ވަނަ އަހަރު އަހްމަދު ސަލީމު ކުރިމަތިލެއްވި ހިސާބުން ސަލީމުގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުންނެވެ. އޭގެ ކުރިން އޭނާއަކީ ސިޔާސީ ދާއިރާ އަށް ވަނުމުގެ ޝައުގުވެރިކަން ހުރި ބޭފުޅެއް ނޫނެވެ. އެހެންނަމަވެސް ވަގުތާ ހާލަތު އޭނާ ސިޔާސީ މީހަކަށް ބަދަލު ކޮށްލީ މި އިންތިޚާބާ ހަމައިންނެވެ.

” 2009ގަ އެމްޕީ.ސަލީމް އާއްމު އިންތިޚާބުގައި ވާދަކުރެއްވިއިރު އަޅުގަނޑަކީ ކެމްޕޭން މެނޭޖަރ. އިރާދުކުރެއްވީތީ ވަރަށް ކާމިޔާބާ އެކު އެއިންތިޚާބު ކާމިޔާބު ކުރިން. އޭގެ އެންމެ ބޮޑު ސިއްރަކީ  މަސައްކަތަށް އަޅުގަނޑު ނެރެންވެގެން ސަލީމް ވަކިން އަޅުގަނޑު ގެންގޮސް ދެއްވި ނަސޭހަތް ތައް.  މީހުންނާ މުއާމަލާތު ކުރުމުގައި ގެންގުޅެންޖެހޭނެ ކެތްތެރިގޮތާ މީހުންގެ ލޯބި ހޯދަން މަސައްކަތް ކުރަންޖެހޭނެ ގޮތްތައް ސަލީމް ވަރަށް ރަނގަޅަށް ކިޔާދެއްވައި ބައްޕައެއްގެ ދަރަޖައިގަ އަޅުގަނޑަށް ދެއްވަން ޖެހޭ ހުރިހާ ނަސޭހަތެއްދެއްވާފައި އަޅުގަނޑު ފޮނުވީ.”

ޝުޖާއު ވިދާޅުވީ އެއީ އޭނާގެ ސިޔާސީ ހަޔާތް ފެށުމާ އެކަމާ ގުޅުންހުރި ހުރިހާ ކަމެއްގެ ބިންގާ އެޅިގެންދިޔަ ސަބަބު ކަމުގައެވެ. މީގެ އިތުރުން ސިޔާސީ ކަންތައްތަކާ އަދި ވިޔަފާރީގެ ހުރިހާ ކަމެއްގެ ކާމިޔާބީގެ އަސްލަކީ އަޅުގަނޑުގެ ބޮސް އަހްމަދު ސަލީމްކަމުގައި ވިދާޅުވެ ސަލީމަށް ޝުކުރު އަދާކުރެއްވިއެވެ.

އޭދަފުށީ ޒުވާނުންގެ ހިތްތައް ފަތަހަ ކުރަން ގެންގުޅުއްވީ ކޮންކަހަލަ އުކުޅެއްތޯ ދެންނެވުމުން ވިދާޅުވީ ޒުވާނުންނަކީ ކޮންމެ ކަމެއްގައިވެސް ޚާއްސަކޮށް ގައުމު ބިނާ ކުރުމުގައިވެސް އެންމެ ބޮޑު އިންޖީނު ނުވަތަ ރައުސްމާލު ކަމުގައެވެ. އެއްވެސް ކަމެއް ޒުވާނުންނާ ނުލާ ކާމިޔާބު ކުރެވޭނެ އެއްވެސް ފޯމިއުލަރ އެއް މި ޒަމާނަކު ނޯންނާނެ ކަމުގައެވެ.

“އެހެންވީމާ އަޅުގަނޑު އިހްތިޔާރު ކުރީ ކުރާ ކޮންމެ ކަމެއްގައިވެސް ޒުވާނުންގެ ބައިވެރިވުން ބޮޑުކުރަން. އެއީ 2009 ގައިވެސް އަޅުގަނޑުމެން ބޭނުންކުރި ސްޓްރެޖީއަކީ. އޭތިވަރަށް ރަނގަޅަށް ވޯކް ކުރިކަން އެންމެ ރަނގަޅަށް އެނގޭނީވެސް އޭދަފުށީގެ ރައްޔިތުންނަށް. މުޅި ރަށުގެ ހުރިހާ ޒުވާނުން ކެމްޕޭނަށް އޮންބޯޑް ކުރިން. އޭގެ ފަހުން އޭދަފުށީގެ ކޮންމެ ޒުވާނަކީ އަޅުގަނޑުގެ ހިތުގައި ވަރަށް ޚާއްސަ ގަދަރަކާއި ލޯތްބެއް ދެވިފައިވާ ބަޔަކަށް ވާތީ އެކަން ބަލައިގަތީ ކަމަށް ވެދާނެ.”

ޝުޖާއު ވިދާޅުވަނީ ޒުވާނުންނާ ކަންކަމުގަ ބޮޑަށް އެންގޭޖްވާން ޖެހޭނެކަމުގައެވެ. ހަމައެއާއެކު ޒުވާނުން ބޭނުންވާނީ އެމީހުންކުރާ މަސައްކަތުގަ ތަންކޮޅެއް ސިމްޕަލް ގޮތަކަށް ޑީލް ކުރުމެވެ.” ބޭފުޅިޒަމް ނުވަތަ ކުރީގައި މިކިޔާ ބޭފުޅުންގެ ދަރަޖައިގާ އެގޮތަށް ޒުވާނުންނާ ޑީލް ކުރާނަމަ އެހާ ހިތްހަމައެއް ނުޖެހޭނެކަންނޭގެ އެކުދިން. އޭގެ ބަދަލުގަ ޒުވާނުންނާ ވީހާ ބޮޑަށް ގާތްކޮށް މަސައްކަތް ކޮށްފިއްޔާ އެކަން ޒުވާނުން ވަރަށް ބޮޑަށް ބަލައިގަންނާނެ. އެއީކަންނޭގެ ބޮޑަށް ޒުވާނުންގެ ހިތްތަކުގަ ޚާއްސަ ޝައުގުވެރިކަމެއް ދެވޭ ކަމަކީ އަޅުގަނޑާ މެދު.”

އެއީ ތެދަކަށް ވެދާނެކަމާމެދު ޝައްކު ކުރާނެ ޖާގައެއް ނެތެވެ. އޭނާއަކީ މިއަދު އެމް ޕީއެއް ނަމަވެސް އެންމެންނާވެސް މުއާމަލާތު ކުރުމުގައި ފެންނާނީ ވަރަށް އާދައިގެ މީހެއްގެ ގޮތުގައެވެ.

“އެމްޕީއެއްގެ ގޮތުގައި ހުރިކަމަށް ވިޔަސް އަޅުގަނޑަކީ އެސްޓައިލްގަ އުޅޭ މީހެއް ނޫން. ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެނީ ފެށުނީއްސުރެ. އެހެންވެގެން ކަން ނޭގެ ޒުވާނުންގެ އެޓްރެކްޝަން އެހާ ވަރަށް ހުންނަނީ.” ޝުޖާއު ވިދާޅުވިއެވެ.

އެމްޕީއަކަށް ވެވަޑައިގެންނެވި ފަހުންނާއި އޭގެ ކުރިންވެސް ޝުޖާއު އަކީ ރާއްޖޭގެ އުތުރުގެ ހާލަތު ޚާއްސަކޮށް ވަރަށް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެހެންނަމަވެސް އޭނާގެ އެތަޖްރިބާ އިން ވެސް އޭދަފުށީ ފާހަގަ ކުރެއްވީ ދިރުންހުރި އުއްމީދު ތަކެއް އެކުލެވިގެންވާ ޒުވާނުންތަކެއް އުޅޭ ރަށެއްގެ ގޮތުގައެވެ. ހަމައެއާއެކު އޭދަފުށީ ޒުވާނުންނަކީ ވަރަށް ކާމިޔާބު ބައެއް ކަމަށް ފާހަގަ ކުރެއްވިއެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ 2009 ވަނަ އަހަރާ 2014 ވަނަ އަހަރުގެ އާއްމު އިންތިހާބުގައިވެސް ޒުވާނުންގެ ފަރާތުން އެންމެ ބޮޑަށް ކުރިމަތި ކުރުވި އެއްކަމަކީ ފުޓްބޯޅަ ދަނޑެއްގެ ކަންތައް ކަމުގައެވެ.

“އެކަންތައް އިރާދަ ކުރެއްވިއްޔާ ނަޒީރުބޭ( އޭދަފުއްޓަށް އުފަން، ކްރައުން ނަޒީރު) އެވަނީ ކޮމިޓް ކޮށްދީފަ. ސަލީމްގެ ކެމްޕޭން ތެރޭގައި އެވާހަކަ ނަޒީރުބޭ ވަނީ ވިދާޅުވެފައި. އެ ވައުދު ނަޒީރުބޭ ފުއްދަވައިދެއްވާނެ.”

އޭދަފުށީ ޒުވާނުންނަށް ތާރީފު އޮއްސަމުން ޝުޖާއު ވިދާޅުވީ އެއީ ވަރަށް އިލްމީ ގާބިލު އަދި ކޮންމެ ފަންތިއެއްގެ ކުއްޖަކީވެސް ވަރަށް ރަނގަޅަށް ކިޔަވައިގެން އެކަމާ ވެގެން އުޅޭކުދިން ކަމުގައެވެ. އެގޮތުން ފުޓްބޯޅައިގެ ފަސްޓް ޑިވިޜަންގަ ހަރަކާތްތެރިވާ ކުޅުންތެރިންގެ އަޚްލާގު ރަނގަޅު ކަން އެއީ އެންމެ ރަނގަޅު ސިފަ ކަން ފާހަގަ ކުރެއްވިއެވެ. އެކުދިންނަކީ ތައުލީމީ ގޮތުން ނިންމަން ޖެހޭ ހުރިހާ މަރުހަލާއެއް ނިންމާފައިވާ ކުދިންކަމަށްވާތީ ފުޓްބޯޅަ ދަނޑުގައާއި ދަނޑުން ބޭރުގައި ވެސް ޚާއްސަ ޑިސިޕްލިން އެއް ހުންނާނެކަމާއި އެއީ އޭގެ ނަތީޖާކަމަށް ޝުޖާއު ވިދާޅުވިއެވެ.

“ކޮންމެ ޒުވާނަކުވެސް ހިތްހެޔޮކަމާއެކު ހިނިތުންވެލާފަ މުއާމަލާތް ކުރުމަކީ އަޚްލާގީ މަތިވެރި ސިފައެއް. އެހެންވީމާ ދިރުން ހުރި އުއްމީދު ތަކެއް އެކުލެވިގެންވާ ޒުވާނުންތަކެއް އުޅޭ ރަށެއްމިއީ .”

މި ހުރިހާ ތާރީފަކާ އެކުވެސް އޭނާގެ އިޚްލާސްތެރި އެދުމެއްވެސް އެބައޮތެވެ. ވިޝަން އަކާއެކު މަސައްކަތް ކުރުމެވެ. ވަކި ޓާގެޓަކަށް އަމާޒުކޮށްގެން ކުރިއަށް ދިއުމެވެ. އެއީ ޝުޖާއުގެ އިލްތިމާސެކެވެ. ޒުވާނުން މާޔޫސް ވެއްޖެނަމަ ދާންވީ މަންޒިލަށް ވާސިލް ވުމުގައި ދަތިތަކެއް ހުރެދާނެކަމަށް ގަބޫލު ކުރެވުނީ އޭނާގެ ހަޔާތް ދިރާސާ ކުރުމަށް ފަހުގައިކަމަށް ވިދާޅުވެ މި އިލްތިމާސް ބަލައިގަތުމަށް އެދިވަޑައިގަތެވެ.

“އަޅުގަނޑުވެސް މި ދާއިރާއަށް ނުކުތީ އަޒުމެއް އޮވެގެން އުއްމީދަކާއެކު. ޚާއްސަކޮށް ސިޔާސީ ދާއިރާގައި އަޅުގަޑުގެ އުމުރުން 29 އަހަރުގަ ގޮނޑިއެއް ކާމިޔާބުކުރެވުނީ ވަރަށް އަޒުމާ ހިތްވަރާއެކު މަސައްކަތް ކޮށްގެން. އެއީ އަޅުގަނޑުގެ މައްޗަށް ތިބޭ ވެރިންނަށް ޚާއްސަކޮށް އޭދަފުށީ ދާއިރާގެ މެންބަރު ސަލީމުގެ ޚާއްސަ ލަފާފުޅާ އެއް ގޮތަށް މަސައްކަތް ކޮށްގެން.” ޝުޖާއު ވިދާޅުވިއެވެ.

އެހެންވީމާ ޝުޖާއުއާ އޭދަފުއްޓާ އޮންނަ ގުޅުމަކީ އާދައިގެ ގުޅުމެއް ނޫންކަމަށް ދެންނެވިދާނެއެވެ. ސުޖާއުއަށް ހިނިތުންވުމާއެކު މަރުހަބާ ނުކިޔާ ގެއެއް އޭދަފުށީގައި ހުންނާނެކަމަށް އޭނާ ގަބޫލު ނުކުރައްވާއިރު ޝުޖާއު ދެކެވަޑައިގަންނަވަނީ އޭދަފުއްޓަކީ އޭނާގެ ސެކަންޑް ހޯމްގެ ގޮތުގައެވެ.

އަމިއްލަ ވަޒަން ފިޔަވައި މާދުރު އަތޮޅެއްގެ ޚާއްސަކޮށް އޭދަފުށީ ކަހަލަ ތަރައްގީ ވެފައިވާ ރަށެއްގެ ރައްޔިތުން އޭނާ އާމެދު ގެންގުޅުއްވާ ޚާއްސަ މެހްމާން ދާރީއާ މެދު ހުންނެވީ ފަޚްރު ވެރިވެފައެވެ.

ފަހު ސުވާލު: ސަލީމް މިދާއިރާއަށް ކުރިމަތި ނުލައްވާ ދުވަހަކުން ކުރިމަތިލާފާނަންތޯ ؟

“ސިޔާސީ ކަންކަމުގައި އަޅުގަނޑު މަޝްވަރާ ހޯދަނީ ސަލީމު އަރިހުން. ސަލީމުގެ އެޑްވައިސް ހޯދައިގެން ހުރިހާ ކަމެއްވެސް ކުރަނީ.” ހިނިގަނޑެއް ޖަހާލަމުން ޝުޖާއު ވިދާޅުވިއެވެ.

ސަލީމު އެދިވަޑައިގެންފިނަމަ ކުރިމަތި ލާފާނަންތޯ އެހުމުން ވެސް ވިދާޅުވީ އެހެން ވެއްޖެނަމަ އެކަމުގައި ކުރިއަށް ދިއުމުގެ ވިސްނުން ހުންނާނެކަމުގައެވެ.

“އެކަމަކު ބޭނުމެއްނުވޭ ޕޮލިޓިކްސް އެއީ އަޅުގަނޑުގެ ފަސްޓްކެރިއަރ އަށް ހަދާކަށް. މިފަހަރުވެސް (އާއްމު އިންތިހާބަށް) އަޅުގަނޑު އިޚްތިޔާރު ކުރެއްވީ ރައީސް ޔާމީން. އަޅުގަނޑަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވި އިންތިޚާބު ތެރޭގަ. އަޅުގަނޑުގެ އިންތިޚާބު ކާމިޔާބު ކުރުމުގަ އެންމެ އިސް ދައުރެއް އަދާ ކުރެއްވި ދެފަރާތަކީ އިއްޒަތްތެރި ރައީސްގެ ލަފާފުޅާއެކު އަދި އަޅުގަނޑުގެ ބޮސް އޭދަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހްމަދު ސަލީމު. އެހެންކަމުން މި ފުރުސަތުގައިވެސް އެދެފަރާތަށް ޝުކުރުވެރިވަން.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top