މަންކީޕޮކްސް ރާއްޖެ އިން ފެނިދާނެ، ރައްކާތެރިވޭ!

335772-3-7650f908871ddcb451763b9453e075401a6bf07b-large.jpg

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ މަންކީޕޮކްސް ރާއްޖޭއިން އަދި އަވަށްޓެރި ގައުމަކުންވެސް އަދި ފެނިފައި ނުވާކަމަށާއި. ނަމަވެސް ގިނަ ގައުމުތަކުން ބަލި އުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތްތައް އިތުރުވުމާއެކު، އެއާއި ގުޅިގެން ރާއްޖެއަށްވެސް ބަލި އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

މަންކީޕޮކްސް އަކީ ބަލި ޖެހިފައިވާ މީހަކާއެކު ގިނައިރު ކޮންޓެކްޓް ވުމުން ފެތުރޭ ބައްޔަކަށްވުމާއެކު، މިވަގުތު ރާއްޖޭގައި މިބަލި ފެތުރުމުގެ ރިސްކު ކުޑަކަމަށް ލަފާކުރެވޭ ކަމުގައި އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ މަންކީޕޮކްސް ބަލި ރާއްޖެއަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ލަފާކުރެވޭތީ އާއްމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް އިލްތިމާސް ކުރާކަމަށެވެ.

މިގޮތުން މަންކީޕޮކްސް އާއި މިފަދަ އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތް ސާފު ކުރުމާއި މާސްކް އެޅުމުން އަދި އެއްވެސް އަލާމާތެއް ކުރިނަމަ އެހެން މީހުންނާއި ބައްދަލުވެ ގައިގޯޅިވެ ނޫޅުމަށާއި ހުންއައުމާއި، ގައިގައި ރިހުންފަދަ އަލާމާތްތަކާއެކު، ގޮށްލާ، ހަމުގައި ބިހި ނަގައިފި ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އެދެއެވެ.

މި ބަޔާނުގައި ބުނީ އިނގިރޭސިވިލާތުގައި މަންކީޕޮކްސްގެ ކޭސްތަކެއް ރިޕޯޓްކުރުމާ އެކު އެޗްޕީއޭ އިން އެ އައުޓްބްރޭކްގެ ހާލަތު ބަލަމުން ކަމަށެވެ. އަދި އިއްޔެގެ ނިޔަލަށް 12 ގައުމަކުން 92 ކޭސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މަންކީޕޮކްސްގެ ކޭސްތައް އާންމުކޮށް ފެންނަނީ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުން ނަމަވެސް އެއިން އެއްވެސް ގައުމަކާ ގުޅުމެއް ނެތް ތަންތަނުގައި ބަލި ފެތުރެން ފެށި ގޮތް ނޭނގި އެ ބަލި ފެތުރޭ މިއީ ފުރަތަމަ ފަހަރެވެ. އެހެންވެ ބައްޔާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯ އިން ދިރާސާތައް މިހާރު ފަށާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މަންކީޕޮކްސްއަކީ ކަށިވިދުރި ޖައްސާ ވައިރަހާ އެއް އާއިލާއެއްގެ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ކަށިވިދުރި ނައްތާލުމަށް ޖެހި ވެކްސިނުން މަންކީޕޮކްސް ވެސް ރައްކާތެރިކޮށްދެ އެވެ. 1980 ގައި ދުނިޔެއިން ވަނީ ކަށިވިދުރި ނައްތާލެވިފަ އެވެ. ނަމަވެސް މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި މަންކީޕޮކްސް ފެތުރުނު ގައުމުތަކުގައި އެ ބަލި އިތުރުވި ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top