އައްޝައިޙް އަބްދުލްމަޖީދު މުހައްމަދު މިއަދު ބ. ފެހެންދޫގެ ރައްޔިތުންނަށް ދީނީ ނަސޭހަތް ދެއްވައިފިއެވެ.
މިއަދު މެންދުރު ނަމާދަށްފަހު މިނަސޭހަތްދެއްވުން އޮތީ ފެހެންދޫ ހުކުރު މިސްކިތުގައެވެ. ފެހެންދޫ ކައުންސިލުގެ ރައީސް މޫސާ ނަސީމް ވިދާޅުވީ މިއީ އެކައުންސިލުން އިންތިޒާމްކޮށްގެން ރައްޔިތުން ދީނީ ގޮތުން ހޭލުންތެރިކުރުމަށް ކުރިޔަށްގެންދިޔަ ހަރަކާތެއްކަމަށެވެ. އޭނާ ވިދާޅުވީ މިއަދުގެ ނަސޭހަތުގައި ބޮޑަށް އަލި އަޅުވާލެއްވީ ނަމާދުގެ މުހިއްމު ކަމުގެ މައްޗަށް ކަމުގައެވެ.
ބ. އަތޮޅުގެ އެންމެ އާބާދީކުޑަ ފެހެންދޫގެ ރައްޔިތުންގެ ތެރެއިން މިއަދުގެ ނަސޭހަތް އަޑުއެހުމަށް ވިއްސަކަށް ފިރިހެނުން މިސްކިތަށް ދިޔައެވެ. ފެހެންދޫ ކައުންސިލުން ބުނީ ރަމަޟާންމަހުގެ ކުރިން ރައްޔިތުންނަށް އިތުރު ދީނީ ނަސޭހަތްދިނުމުގެ ސެޝަނެއް ބާއްވަން ގަސްދުކުރާ ކަމަށެވެ.