ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު ހަވީރު ގޮއިދޫއާއި އޭދަފުށި ބައްދަލުކުރި މެޗްް ނިމުނީ 2-2 ން އެއްވަރުވެގެންނެވެ.
ދޮންފަނު ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗްގައި ފުރަތަމަ ލަނޑުޖެހީ އޭދަފުށި ޓީމުންނެވެ. މެޗުގެ 14 ވަނަ މިނިޓުގައި މިލަނޑު ޖަހާފައިވަނީ އޭދަފުށި ޓީމް މި މުބާރާތުގައި ކުޅުނު ދެމެޗުގައިވެސް ލަނޑުޖަހާފައިވާ މިމްރާހު އެވެ.
ދެވަނަ ހާފުގައި ގޮއިދޫވަނީ މޮޅަށް ކުޅެ އޭދަފުށި ޓީމަށް ބާރު ބޮޑުކޮށް ގިނަ އިރުތަކެއް ނުވެ ލަނޑެއްޖަހައި މެޗު އެއްވަރުކޮށްފައެވެ. މި ލަނޑާއެކު އޭދަފުށީ ޓީމްވެސް ކުރިއަށް އަރައި ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރިއެވެ ނަމަވެސް ގޮއިދޫގެ ދިފާއު ފޫއަޅުވާލާފައި ލަނޑެއް ނުޖެހިއުޅެނިކޮށް ގޮއިދޫގެ ދެވަނަ ލަނޑާއެކު މެޗުގެ ނަތީޖާ ގޮއިދޫ ކޮޅަށް ބުރަކޮށްލިއެވެ.
އޭދަފުށިން މެޗް އެއްވަރުކުރުމުގެ ފުރުސަތު ހޯދީ 69 ވަނަ މިނެޓުގައި ޢަލީ ނަސީމެވެ.
މި މުބާރާތުގައި މާދަމާގެ މެޗުގައި ބައްދަލުކުރާނީ ކިހާދޫއާއި ދަރަވަންދޫ އެވެ. ސެމީގެ ފަހު ޖާގަ ހޯދަން ބޭނުންވާނަމަ ދަރަވަންދޫއަށް މި މެޗުން މޮޅުވުން ނޫން ގޮތެއް ނޯންނާނެއެވެ. ނަމަވެސް މެޗު އެއްވަރު ކޮށްލައިގެންވެސް ކިހާދޫއަށް ސެމީގެ ޖާގައެއް ލިބޭނެއެވެ.