ހިތޭ ދޭމީ ފުރޭ ލޯބިން

My-Heart-Belongs-To-You.jpg

 

ވާހަކަ ލިއުނީ އައިޝާ

(15ޑިސެމްބަރއާ ގުޅޭ ) “ވަރުގަދައެއް ނުވިއެއްނު. އޭނާ އުޅެނީ އެއްގަހެއްގައި ފޮޅިފައި އިން ދެމަލުން އެއްފަހަރާ ފޮނި ބޯން.”

“މާނައަކީ ؟ ”

” އޭނާ ޒާހިޔާއާ ރައްޓެހިވުމުގެކުރިން ރައީގެ ކަންތައް ހިންގި. އަދި މިހާރުވެސް އެކަން އަންނަނީ ހިންގަމުން.  ”

“ކޮން ރައީއެއް؟ ”

ޒާހިޔާގެ ކަޒިން. މިބުނީ ޒާހިޔާ ބޮޑުބޭބެގެ ދަރިފުޅު ރައީފާގެ ވާހަކަ.  ”

ޒާހިޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހާސްވެއްޖެއެވެ. އޭނާއަށް މިއިވުނީ ކޮންކަހަލަ އަޑެއް ހެއްޔެވެ؟ ލޯތްބާ ތިމާގެކަމުގެ ގުޅުން. ހިތުގެ ލޯތްބާއި ރަހިމުގެ ގުޅުން……. މިއީ ތެދަކަށްވެދާނެ ހެއްޔެވެ؟

………… ދެން ބަލާލީ އޭނާގެ ކުރިމަތީގައި ހުރި ސާލިމަށެވެ.

“އަހަރެން ތިވާހަކަ ގަބޫލެއް ނުކުރަން. ” އޭނާއަށް ބުނެވުނީ މިހާވަރަށެވެ.

ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ.

“އަހަންނާއެކު މިރޭ އަށެއް ޖަހާކަށްހާއިރު އެގޭދޮށަށް ހިނގާ ! އޭރުން އަމިއްލަ ލޮލަށް އެމަންޒަރު ފެންނާނެ.”

” ނޫން. އަހަރެންނަށް ފާޑުފާޑުގެ ފިލްމް ދައްކަން އުޅޭނެކަމެއް ނެތް. ވަނޫދު ގާތު އަހާފާނަން. އެކަމަކު އޭނާއަކީ އެހާ މުޑުދާރު މީހެއްކަމަށް ގަބޫލެއް ނުކުރަން . ”

“އެއީ މުޑުދާރުކަމެއް ނޫން. ކާމިޔާބު ފިރިހެނުންގެ ގޮތް. ” ޒާހިޔާ އަނދަމުންދާ ހިތަށް އިތުރު ދަރުތަކެއް އަޅާލަމުން ސާލިމު ބުންޏެވެ.

އޭނާގެ ލޯބި އެއީ އެހާ ވަގުތީ އެއްޗެއްގެ ގޮތުގައި ހަދަން އުޅުނީތީވެ ވަނޫދުދެކެ ރުޅި އަތުވެއްޖެއެވެ. އޭނާއާ ރައްޓެހިވެގެން ހުރެ އާއިލާ ތެރޭގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރީތީވެ ޒާހިޔާ ގަސްދުކުރީ ހަމަ ވަގުތުން އިތުރު ތަހުގީގަކާ ނުލާ ވަނޫދުގެ މަގުން އެއްފަރާތްވާށެވެ. އެ މަގުގައި ހުރީ ބޮޑުބޭގެ ދަރިފުޅު ރައީ ކަމަށްވާތީ މިހާ ހިސާބުން ނިންމާލާށެވެ.

އޭނާގެ ހިތް ކިތަންމެ ވަރަކަށް ވަނޫދުއަށް ގޮވިޔަސް ދެން އޭނާ އެކަމާ އަޅައެއް ނުލާނެއެވެ. އޭނާގެ ޒުވާންކަމުގައި ލައްގަނޑެއް ނުޖެހި މިހާ ހިސާބަށް އާދެވުނުކަމީ ނަސީބުކަމުގައި ހީކޮށް ވަނޫދުކަހަލަ ލޯބިން ނާޖާއިޒް ފައިދާ ނަގަން އުޅޭ މީހެއްގެ ކިބައިން ސަލާމަތް ވީތީ އުފާކުރިއެވެ.

އޭނާއަށް ރޮވިއްޖެއެވެ. އިޚްތިޔާރަކު ނޫނެވެ.

އިޝްގުގެ ހޫނުން އުފެދުނު އުދާސްތަކުން ލޮލުގައި އަލަށް އުފެދުނު ކަރުނަތައް އެސްފިޔަތަކުގެ ހިޔަލުން ނުކުމެ ކޯތާފަތުގައި ކޯރުހެދެމުން ދިޔައެވެ. ދެން ޝަބްނަމްގެ ތިކިތަކެއް ފަދައިން މަޑުމަޑުން އޭނާގެ ޒުވާންކަމާ ރީތިކަން ފާޅުކޮށްދޭ މޭމަތި ތެންމަމުން ދެއެވެ. އެތައް އިރަކު ރުއިމަށްފަހު މޫނު އުފުލާލާފައި ބަލާލިއިރު އޭނާ ރޮއްވާލާފައި ސާލިމް ދިޔަ އިރެއްވެސް ނޭގުނެވެ.

ތެދުވެ ބަދިގެ ފަރާތުގައި ހުރި ޖޯލިފަތީގައި ޖައްސާލިތަނާ ޒަރީނާ އަތުވެއްޖެއެވެ. ޒަރީނާ ގާތު ރައީއާ ބެހޭގޮތުން ސާލިމް ދެއްކި ވާހަކަތައް ދައްކަން ފެށީ އެކަންތައްގަނޑުގެ ސަބަބުން ހިތަށް ލުއިކަމެއް ހޯދުމުގެ ބޭނުމުގައެވެ. ޒަރީނާއަކީ ރަށުތެރޭގައި ހިނގާ ކަންތައް އޭނާއަށްވުރެ ބޮޑަށް އެނގޭނެތީއާވެސް އެކުގައެވެ.

“އެކަހަލަ އަޑެއް އެހިން. އެކަމަކު އެއީ ތަންކޮޅެއް ކުރީގަ. ވެދާނެ ހަގީގަތަކަށްވެސް. ނޫނީ ހަދައިގެން ދެކެވުނު ވާހަކައަކަށްވެސް . އެންމެ ރަނގަޅުވާނީ ވަނޫދު ގާތު އަހާލުމެއް ނޫންތަ ؟ ” ޒަރީނާގެ ޚިޔާލު ދިނެވެ.

އެހާ ދުރަށް ދާކަށް ޒާހިޔާ ބޭނުމެއް ނުވިއެވެ. އެއީ އޭނާގެ މިޒާޖުގެ ބަލި ފައެވެ. ވާހަކަ އެއް ބުނެލާއިރަށް ތެދުކަމަށް ގަބޫލު ކުރެވުމެވެ.

“ލޯބިވޭ ވަނޫދު ދެކެ. އެކަމަކު ލޭގެ ގުޅުމަށްވުރެ އެހެން ހުރިހާ ގުޅުމެއް ބަލިކަށިވާނެކަންވެސް ގަބޫލު ކުރަން ޖެހޭ.  ” ޒާހިޔާގެ ލޮލުން ވެއްޓުނު ކަރުނަތިކިތައް ފޮހެލިއެވެ.

 

ލޯބީގެ އެސަފްހާ ނިމުނީއެވެ. ވަގުތުގެ ފައިދާ ނަގަން ދަންނަ ސާލިމް ދެން ބަދަލުވީ ޒާހިޔާ ގެ ވަފާތެރި އެކުވެރިއަކަށެވެ. އެގޮތުން ޒާހިޔާ ޅަދުވަހުގެ ލޯބިވެރިޔާގެ ގާތުން ވަކިކުރުމަށްފަހު ޒާހިޔާގެ ލޯބި ކާމިޔާބު ކުރުމަށެވެ.

ވަނޫދު، ޒާހިޔާ އާ ބައްދަލުކޮށް އުޅޭ ހިރުނދު ގަސްދޮށަށް އަނެއް ދުވަހުވެސް ދިޔައެވެ. ހަވީރުވެގެންގޮސް އިރު އޮއްސެން ކައިރިވީއިރުވެސް ޒާހިޔާ ނައުމުން ކަންބޮޑުވެއްޖެއެވެ. ކޮންމެވެސް ބޮޑުކަމެއް މެދުވެރި ނުވާނަމަ ޒާހިޔާ އައުން އެހާ ލަސްނުވާނެކަން އޭނާއަށް އެނގެއެވެ. އޭނާގެ ހިތުގައި ފާޑުފާޑުގެ ވަހުމްތައް ކުރެވެން ފެށިއެވެ. އަނެއްކާ މަންމަ ….  ޒާހިޔާގެ މަންމަ ވަނޫދު އާ އެހާ ގަބޫލެއް ނޫނެވެ. ވަނޫދުގެ ޒުވާންކަމާ ތައުލީމާ އާއިލީ ބާރުވެރިކަން އޮތުމުން ޒާހިޔާ ދެކެލޯބިން އުޅުނަސް ކައިވެންޏާ ހަމައަށް ދާނެކަމަށް ގަބޫލު ނުކުރެވޭތީއެވެ. ޒާހިޔާ އާއެކު ވަނޫދު އެއުޅެނީ ޒުވާން ކަމުގެ އާ ރަހައެއް ތަޖްރިބާ ކޮށްލުމުގައެވެ. އެކަން ނިމުމުން އަނެއްކާވެސް އެހެން ޒާހިޔާ އަކާ ދިމާލަށެވެ.

ޒާހިޔާ އައީ އޭނާ އެޚިޔާލުގައި ހުއްޓައެވެ. ދުނިޔެ އޮތީ އަނދިރިވެލާފައެވެ. މަހެއްގެ ކުރީކޮޅުގެ ރެއަކަށް މަރުހަބާ ކިޔާފައިވާ ހަނދުވަރުގެ ފަނޑު އަލީގެ ތެރެއިން ޒާހިޔާގެ މޫނު އޭނާއަށް ފެނުނީ އެ ހަނދުވަރެކޭ އެއްފަދައިން ފުރިހަމަނުވާ އަލިކަމެއްގެ ގޮތުގައެވެ. މޫސުމުގެ ސަބަބުން ހަނދުގެ ވަށައިގެން އެޅިފައިވާ ވަށްރޮނގަކީ ވިއްސާރައިގެ ނިޝާނެކެވެ. ހަމަދެންމެ ދެންމެވެސް ވެހިގެންފާނެކަން އަންގައިދޭ ނިޝާނެކެވެ. ޒާހިޔާގެ މޫނުންވެސް ފެންނަނީ ހަމަ އެގޮތެވެ. ހަމަ މިހާރުވެސް  އޮހިގަތުމަށް ތައްޔާރުވެފައިވާ ކަރުނަތަކެއް އެބަހުރިކަމުގެ ނިޝާނެވެ.

ވަނޫދު ޒާހިޔާ އާ ވަރަށް ކައިރިވެލިއެވެ. މިލާފައިވާ މޫނާއެކު ދެއަތުގެ ހިމާޔަތުގެ ތެރެއަށް ލައި ބޮނޑިކޮށްލުމަށް ހީކޮށް ދެއަތް ދިއްކޮށްލިއެވެ. އެކަމަކު ޒާހިޔާ އެގޮތް ބޭނުމެއް ނުވިއެވެ. ފަހަތަށް ޖެހުނީއެވެ.

“ޒާހިޔާ ! ކިހިނެއްވީ ! ” ވަނޫދު އަހާލިއެވެ.

ޒާހިޔާ އަނެއް ފަރާތަށް މޫނު އަނބުރާލީއެވެ. އިތުރު އެއްޗެކޭ ނުބުނެ ވަނޫދު މަޑުކޮށްލިއެވެ. ދެންވެސް ޒާހިޔާ ހުރީ ފުރަގަސް ދީގެން ހިމޭނުންނެވެ. މި ހިމޭން ދުނިޔެ ވަނޫދުއަށް ކަމަކު ނުދިޔައެވެ.  ޝަކުވާގެ ރާގެއްގައި ބުންޏެވެ. ” ހާދަ ދިގު އިންތިޒާރެއް ކުރުވައިފީމުއެވެ. އިރު އޮއްސުނީ އަހަރެން މި ތަނުގައި ޒާހިޔާގެ އިންތިޒާރުގައި އިންދައެވެ.”

“އަހަރެމެންގެ ލޯބީގެ ދުނިޔޭގެ އިރުވެސް އޮއްސުނީއޭ ހީކޮށްލާ!” އެހެން ބުނެފައި ޒާހިޔާ ދާން ހިގައިގެންފިއެވެ. ވަނޫދު އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ. ” ކޮބާ މައްސަލަ އަކީ ؟ވަނޫދު ކުޑަކޮށް ނުރުހިއްޖެއެވެ.

” މައްސަލައަކީ އަހަންނަކީ ވަނޫދު ގެންގުޅޭ ކުޅޭ އެއްޗަކަށްވާން ބޭނުން ނުވަނީ. މީގެ އިތުރަށް އަހަރެން ގާތު އެއްވެސް ވާހަކަ އެއް ނޭހުން ރަނގަޅުވާނީ . ދެން އަހަރެންނަށް އުނދަގޫ ނުކުރާތި. އަހަރެން ހޯދަން ނޫޅޭތި. އަހަރެންގެ އަތުން ދޫކޮށްލާ!.  ” ޒާހިޔާގެ މި ކުރު އަދި އަމުރުވެރި ވާހަކަ ކޮޅާއެކު ވަނޫދު ހިފަހައްޓާފައިވާ އޭނާގެ އަތް ދަމައިގެންފިއެވެ.

“އެކަމަކު ވެގެން އުޅޭ ގޮތް ކޮންމެވެސް ވަރަކަށް ކިޔައިދީގެންނޫނީ މިކަން ހައްލެއް ނުވާނެއެއްނު.  ހިނގާ އަހަރެމެން ވާހަކަ ދައްކައިގެން މިކަން ހައްލުކުރަން ! ”

“އެގޮތް އަހަރެން އެގޮތް ބޭނުން ވާ ނަމައެއްނު. އަހަރެން ބޭނުމެއް ނޫން .ދެން މި ގުޅުން އިތުރަށް ކުރިއަށް ގެންދާކަށް. ” އެހެން ބުނުމާއެކު ޒާހިޔާ ހިނގައްޖެއެވެ.

ވަނޫދުއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އޭނާގެ ލޯބީގެ ގުޅުން މިހާ ބަލިކަށި ވާނެކަމަކަށް ހީއެއް ނުކުރެއެވެ.  އަދި ޒާހިޔާ ……!  އެއީ ކޮންކަހަލަ އަންހެނެއް ހެއްޔެވެ؟ މައްސަލައެއް އުފަންވާއިރަށް އެކަން ހިނގި ގޮތް ބަލާވެސް ނުލާ ފަހުބަސް އިއްވުން….. ”   އޭނާގެ ހިތުގައި ޒާހިޔާއާމެދު ފާޑެއްގެ ރުޅިވެރިކަމެއް އުފެދުނެވެ.

އެގޮތަށް ޒާހިޔާ ކަންކުރުމުން ވަނޫދުވެސް އިތުރަށް ޒާހިޔާ އާ ވާހަކަ ދައްކައިގެން މައްސަލައަކީ ކޮބާކަން އޮޅުން ފިލުވާކަށް ބޭނުމެއް ނުވިއެވެ.

ރޮއިހޭރި އާދޭސްކުރާ ވަރަށް މި ލޯބި ތަރައްގީ ކުރެވިފައި ނުވާތީކަން ނޭގެއެވެ. ނުވަތަ އެހާ ވަރުގަދަ ގުޅުމެއް މި ދެމެދުގައި ގާއިމް ނުކުރެވެނީކަން ނޭނގެއެވެ. ދެމީހުންވެސް ވަކިވީއެވެ. ދެމީހުންވެސް ދިޔައީ ދެދިމާލަށެވެ. އެކަކަށްވެސް ހަގީގަތާ ކުރިމަތިލާކަށް ނުކެރުނެވެ.

އޭގެ އަނެއްރޭ ވަނޫދު ފުރައިގެން ދިޔައީ މާލެއަށެވެ. މަތީ ތައުލީމަށް ކިޔަވާށެވެ.  އޭނާގެ މައިން ބަފައިންވެސް ބޭނުންވީ އެގޮތެވެ.

***

ސާލިމް ބޭނުންވީ ކޮންމެ އަގެއް ދީގެންވެސް ޒާހިޔާ ހާސިލް ކުރުމަށެވެ. ދަނޑިވަޅުބަލާފައި އެނގަކުރި ހިފުމަށް ކުޅަދާނަ ސާލިމް، ޒާހިޔާގެ ލޯބި ކާމިޔާބުކުރުމަށް މާގިނަ މަސައްކަތެއް ކުރާކަށްވެސް ނުޖެހުނެވެ. ފުރަތަމަވެސް ގުޅާލީ ޒާހިޔާގެ މައިން ބަފައިންނާއެވެ. އެމިހުން ތިބީ މިކަމަށް އެދިއެދިއެވެ. ސާލިމުއަކީ ގޯސް މީހެއް ނޫނެވެ. ތައުލީމީ މީހެކެވެ. ފައިސާވެރިއެކެވެ. އެހެންވީމާ ނުގަބޫލުވާންވީ ސަބަބެއް ނެތެވެ. އެހެންނޫނަސް ދަރިން ކައިވެނި ކުރާނެ މީހެއް އެނގޭނީ މައިންބަފައިނަށެވެ. އެކުދިން ޒުވާންކަމުގެ އޮއިވަރުގައި ޖެހިގެން ހޯދާ ލޯބި އެއީ ދިރިއުޅުމާ ގުޅުން ހުރިކަމެއް ނޫނެވެ.

ޒާހިޔާ ބޭނުންވީ ވަނޫދުގެ ކިބައިން ބަދަލު ހިފުމަށެވެ.  ލޯބީގައި މަކަރު ހެދުމުން ލިބުނު ގެއްލުމުގެ ބަދަލު ހިފޭނީ އެގޮތަށް ކަމުގައި ގަބޫލު ކުރިއެވެ. އެއީ ގޮތް ހުސްވެފައިވާ މީހެއްނޫންކަން އަންގާލުމުގެ ގޮތުންވެސް މެއެވެ.

އެވަގުތު އެންމެ ކައިރީގައި ހުރީ އޭނާއާ ހުރެ ދީވާނާ ވެފައިހުރި ސާލިމެވެ. ސާލިމްގެ ހުށަހެޅުމަށް ވަގުތުން އާއެކޭ ބުނީ އެހެންވީމައެވެ.

އެދެމެދުގައި ލޯބީގެ މާތަކެއް ނުފޮޅެއެވެ. އެގޮތް ޒާހިޔާ ބޭނުމެއްވެސް ނޫނެވެ. އޭނާ ޒުވާން ވެފައި ރީތި ވިޔަސް ހަގީގީ ލޯތްބަކީ ކަންތައްތަކަކާ ހާދިސާ ތަކެއްވެސް މެދުވެރިވެގެން ވެވޭ އެއްޗަކަށް ވާތީ ސާލިމުއަށް އޭނާގެ ހިތުގައި އަދި އެޖާގައެއް ނުދެވެއެވެ. އެހެންކަމުން ލޯބިވެތި ހަރަކާތްތަކަކާއި ގައިގޯޅިވުމާއި ލޯބީގެ ހަދިޔާ ބަދިޔާ ބަދަލުކުރުމެއް ނެތެވެ.

ޒާހިޔާ އާނ ބަސް ބުންޏަސް އަބަދުވެސް ސާލިމްގެ ހިތުގައި ބިރުވެރިކަމުގެ ރަނގަބީލެއް އަޅައެވެ. އެއީ އޭނާގެ ލޯތްބަކީ ހަގީގަތެއް ނޫންކަމުގެ ބިރުވެރި އަޑެވެ.  އޭނާއަކީ ލޯބިން ވައްކަން ކޮށްފައިވާ މީހެއްކަމާއި އެކަން ކޮންމެ ހިނދެއްގައިވެސް ފަޅާ އަރާފާނެކަމުގެ ބިރުވެރި އަޑެވެ.

އެއީ ރެއެއްގެ ވަރަށްއިރާ ކޮޅެވެ. ސާލިމް ޒާހިޔާމެންގެ ގެއަށްއައިސްވަދެ މައިގެ ތެރޭގައި ހުރި ފޮތިޖެހި ގޮޑިއެއްގައި އެއްވެސް ބީރައްޓެހިކަމެއްނެތި އިށީނީ ޒާހިޔާގެ މަންމައާއި ބައްޕަވެސް އެތަނުގައި ތިއްބައެވެ. ޒާހިޔާގެ ބައްޕަ އޭނާއަށް މަރްހަބާ ކީ ހިނިތުން ވުމަކުންނެވެ. ހިނދުކޮޅެއްވެސް ނުވަނީސް އެދެމަފިރިން މައިގެތެރެއިން ނުކުމެގެން ކޮޓަރިއަށް ވަނީ ޒާހިޔާ މައިގެތެރެއަށް ވަނުމަށް ފުރުސަތު ދިނުމަށެވެ.

ޒާހިޔާ އައިސް ސާލިމްގެ ގާތަށް ހުއްޓިއްޖެއެވެ. އޭނާއެދުނީ ބަދިގެ ފަރާތު ޖޯލިފައްޗަށް އައުމަށެވެ.

“ސާލިމް ބިރެއްނުގެނޭތަ؟ “ޒާހިޔާ ފުރަތަމަވެސް ކުރީ މިސުވާލެވެ.

“ކީއްވެ؟ ކާކުދެކެ؟ ”

“އަހަރެންގެ މަންމަ ހަޅޭއްލަވައިގެންފާނެތީ . ”

” އަހަރެން މިއައީ މަންމަމެންނަށް އުފާވެރި ޚަބަރަކައިގެން ކަން  މަންމައަށް އެނގޭކަމަށްވާނަމަ ދެން ބިރު ގަންނަންވީ ކީއްވެ؟ އަހަރެން މިއައީ ޒާހިޔާގެ ކައިވެންޏަށް އެދެން. ގަސްދުކުރަނީ އަވަހަށް މިކަން ނިންމާލަން. ”

ޒާހިޔާ ދިޔައީ ސިހިގެންނެވެ. ސާލިމަކީ އެއްވެސް ކެތްތެރި ކަމެއްނެތި ކިހިނެއްވެގެން އުޅޭ މީހެއް ބާއޭ ހިތަށް އެރިއެވެ.

“ކައިވެންޏޭ!” ޒާހިޔާ ސާލިމްގެ މޫނަށް ތަހުލީލީ ނަޒަރަކުން ބަލައިލިއެވެ. އެމޫނުންފެނުނީ ޝައުގުވެރިކަމެއް ނޫނެވެ. އުފާވެރިކަމެއް ނޫނެވެ. ބިރުވެރިކަމެވެ. އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ. ސާލިމްގެ މޫނު އަނެއް ފަރާތަށް އަނބުރާލީ ޒާހިޔާ އަށް އެމޫނު ނުދައްކަން ވެގެންނެވެ.

“ސާލިމް ބިރުގަންނަނީތަ ! ” ޒާހިޔާ ހައިރާން ވެއްޖެއެވެ.

“އެއީ ޒާހިޔާ އިންކާރު ކޮށްފާނެތީވެ ވީ ގޮތެއްކަން ނޭނގެ. ”

” އަހަރެން އަދި ކައިވެންޏަކަށް ތައްޔާރެއް ނުވަން. ހިތަށް އަރަނީ ސާލިމް އާ އިނުމަކީ އަހަންނަށް ހެދޭނެ ގޯހަކަށް ނުވާނެބާއޭ !  އަހަންނަކަށް ސާލިމް ދެކެ ލޯތްބެއް ނުވެވޭ. ބޮޑަށް ބެލެވެނީވެސް އެކުވެރިއެއްގެ ގޮތުގައި. ލޯތްބާ ނުލާ ކައިވެންޏެއް ނުކުރެވޭނެދޯ ! ” އޭނާ ޖެހިލުމެއް ނެތި ސާލިމަށް ކިޔައިދިނެވެ. ” އެހެންވީމާ އަހަންނަށް ވަގުތު ދީ ! ”

“އެއީ ކިހާ ވަގުތެއް.”

“ސާލިމް ދެކެ ލޯބި ވެވެންދެން. ވަގުތާ އެކީ ހާލާތު ބަދަލުވާނެ. ފަހަރެއްގައި ހަމަ ވަރަށް އަވަހަށް ވެސް .”

“އަހަންނަށް ކުރިންވެސް ހީކުރެވުނު. ޒާހިޔާއާ އަހަންނާ ދެމެދު އޮންނަނީ ދެލޯބިވެރިންގެ މެދުގައި އޮންނަން ޖެހޭ ގުޅުމަށް ވުރެ ބީރައްޓެހި ގުޅުމެއްކަން. އަސްލު މައްސަލައަކީ ޒާހިޔާގެ ދުނިޔޭގައިވަނީ އެހެން މީހެއްކަން. ޒާހިޔާގެ ހިތުގައި ވެރިކަން ކުރަމުންދަނީ އަހަރެން ފިޔަވައި އެހެން މީހެއް. ” އެހެންނޫންތަ؟ ”

“އެއީ ކާކު؟ ” ޒާހިޔާ ކުއްލިއަކަށް އެހިއެވެ.

” ވެދާނެ ވަނޫދުއަށް ވެސް. ”

“ވަނޫދު…….! ” ސާލިމް ވަނޫދުގެ ހަނދާންތައް އާކޮށްދީފިއެވެ. ވަގުތުން މޫޑު ބަދަލުވެއްޖެއެވެ. އޭނާ އިސްޖަހައިގެން އިދެ ބުންޏެވެ. ” ނޭގެ އަފަކީރުވީ މިހާރު ކޮންތާކުކަންވެސް . ތެދަށް ބުނާނަމަ  ވަނޫދު އަދިވެސް އަހަރެންގެ ބައެއް ރޭރޭގެ ނިދި ނަގާލާ. ބައެއްފަހަރު އަހަންނަށް މަލާމާތް ކުރޭ. ހިތަށް އަރަނީ ސާލިމްގެ ވާހަކަ ތައް ގަބޫލު ކުރުމުގެ ކުރިން ވަނޫދު ގާތު އަހާނުލެވުނީ ކީއްވެގެން ބާއޭ ! ” ޒާހިޔާ ފުން ނޭވާއެއް ލުމަށްފަހު އަނެއްކާވެސް ބުންޏެވެ.

“ސާލިމް އަހަންނަށް ދޮގު ހަދައިފީމު. ”

ސާލިމް ތެޅިގަތެވެ. އަވަސްއަވަހަށް ބުނެލިއެވެ. ” އެއީ ކޮން ދޮގެއް؟ ”

“ބުނީމެއްނު ވަނޫދު އުޅެނީ ރައީ ދައްތައާ ރައްޓެހިވެގެންނޭ. އެއީ ތެދެއްނަމަ ރައީ އެހެންމީހަކާ އެއިނީ ކީއްވެ؟

މިސުވާލަށް ދޭނެ ޖަވާބެއް ސާލިމަކަށް ނޭނގުނެވެ. ތެދެކެވެ. މަރީ އެހެން މީހަކާ އިނދެގެން ނުލާހިކު ލޯބިން އުޅެތާ މިހާރު ހަތަރުމަސް ދުވަސްވަނީއެވެ.

“އެކަމަކު އެއީ ހިނގި ކަމެއް. އެކަން ހަމަ ޔަގީން. ”

“ކަމެއް ހިނގާނަމަ ރަށު ތެރޭގައި އެވާހަކަ ދައްކާނެ. އެކަމަކު އެއްވެސް މީހަކު އެވާހަކަ ނުދައްކަނީ އެއީ ނުހިގާ ކަމަކަށް ވާތީ. އެހެންނޫނަސް ދައްތަ ގާތު އެހީމާވެސް ބުނީ އެއީ ދޮގެކޭ ރައީ އުޅެނީ މިހާރުގެ ފިރިމީހާ އާ ރައްޓެހިވެގެންނޭ. ”

ޒާހިޔާގެ ވާހަކަ ބަދަލު ކޮށްލާފައި ބުންޏެވެ.(ނުނިމޭ )

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top