ކުލަ ބޮކިތަކެވެ. ނިވި ދިއްލޭ އަލިތަކެވެ. މިއުޒިކެވެ. ލަވައެވެ. ހުނުމާއި މަޖަލެވެ. ރީތި ކުލަތަކުގެ އަގުބޮޑުފޮތިން ނިވާވެފައިވާ މީހުންނެވެ. މެހްމާނުންނެވެ. ރައްޓެހިންނާ ގާތްތިމާގެ މީހުންނެވެ. ކުޅިއާއި ފޮނި ހެދިކާތަކެވެ. އައިސްކޮފީއެވެ. ފިނިކޮށްފައިވާ ޖޫހެވެ. މި ހަފްލާއަށްވުރެ ބޮޑު މުނާސަބާއެއް އަހަރެން ދެން ފާހަގަކުރަނެބާއޭ ހިތަށް އެރިއެވެ. މިއަށްވުރެ ބޮޑު އުފަލެއް ދެން ދުވަހަކުވެސް އަހަންނަށް ލިބޭނެބާއޭ ހިތަށް އެރިއެވެ. އަދިވެސް މީހުން އަންނަނީ އެވެ. ކޮންމެ މީހަކުވެސް އަހަންނާއި އަހަރެންގެ އަަލަތު އަނބިމީހާ އަރީޝާއާއި ސަލާން ކޮށްލައެވެ. މަރްހަބާ ކިޔައެވެ. ހެޔޮ އެދުމުގެ ބަސްކޮޅެއް އިއްވާލައެވެ. ލާނެތް މީހުން ކޮންމެވެސް ލާނެތް އެއްޗެއް ބުނެލައެވެ.
*****
އަހަރެންގެ ކައިވެނީގެ ހަފްލާ ނިމިއްޖެއެވެ. އަހަރެންނާއި އަރީޝާ ، މުޖްތަމައުގައިވާ އެންމެ މާތް އެއް ގުޅުން ކަމުގައިވާ ކައިވެނީގެ ގުޅުމުން ގުޅުވާފައެވެ. އެކަކު އަނެކަކާއެކު ދިރިއުޅުމަށް ވައުދު ކުރުވާފައެވެ. ބޭވަފާތެރިކަމާއި ޚިޔާނާތްތެރިކަން އަހަރެމެންގެ ހަޔާތުގައި ނުވުމަށް ދެމީހުންމެ ހެކިވީމެވެ. ނަފްރަތާއި ރުޅި އެއީ އަހަރެމެންގެ ރަދީފުގައި ނުހުންނަ ބަސްތައް ކަމުގައި ހެދުމަށް ދެމީހުންމެ ނިންމީމެވެ. ދިވެހި މުޖްތަމައުގެ ހަލާކަކީ ، ދަރިންގެ މުސްތަގްބަލް ގެއްލުވާލާ އެއްޗަކީ ވަރި ކަމުން ، ވަރި ނުކޮށް އޮމާންކަމާ އަމާންކަންމަތީ އަހަރެމެންނަށް ވަރި ގާތްކޮށްދޭ މިފަދަ ހުރިހާ ކަންކަމުން އެއްކިބާ ވެގެން ކަން އަހަރެމެން ދެނެތިބީމުއެވެ.
އަހަރެންނާއި އަރީޝާއަކީ އަރިއަތޮޅު ރަސްދޫ ދެމީހުންނެވެ. އަހަރެމެން ކައިވެނި ކުރިއިރު އަހަންނަށް 25 އަހަރު ފުރިއްޖެއެވެ. އަރީޝާގެ އުމުރަކީ 19 އަހަރެވެ. އަރީޝާއަކީ ރަސްދޫގެ އެންމެ ރީތި އަންހެން ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެއްކަމުން ދެމީހުން މާގިނަ ދުވަހު ރައްޓެހިވެގެން ނޫޅެ ކައިވެނި ކުރެވުނީތީ ވެ އަހަރެން ނުހަނު އުފާކުރީމެވެ. އެއީ ރަށުގެ ބައެއް މީހުން އަހަރެން މީހަކާ ނުއިދެ އުމުރުން ގިނަދުވަސްވާތީ ، މަލާމާތްކޮށް ، އިންނާނެ ރަނގަޅު މީހަކުވެސް ދެން ނުވާނެކަމުގައި ބުނެފައިވާތީއާވެސް އެކުގައެވެ.
މީހުން ކުރާ މަލާމާތަކާއި އަހަރެން މާބޮޑު ފަރުވާލެއް ނުބަހައްޓަމެވެ. އަހަރެންނާއ އެއްއުމުރުގެ އެހެން ބައެއް މީހުންނާއި އެއް ހާލަތަކަށް ދިއުމަށް އަހަރެން އެއްގޮތަކަށްވެސް ނޭދެމެވެ. އެމީހުންވަނީ މިހާރު ތިން ހަތަރު ދަރިންގެ ބަފައިންނަށް ވެފައެވެ. ހެސްކިޔާފައި މަސައްކަތް ކޮށްގެންވެސް އުޅެނެީ ދެކޮޅު ނުޖެއްސިގެންނެވެ. އެމީހުންގެ އަނބިން ވަނީ ގިނަ ދަރިން ގެންގުޅެ ހަށްޓަށް ނުތަކާހާ ބުރަވެގެން އެއްބަޔަކު ފަލަވެ އަނެއް ބަޔަކު ހިކިވެ ޒާތްޒާތުގެ ބަލި ޖެހި މީހާގެ ސިފަ ގެއްލިފައެވެ.
އަހަރެން ބޭނުންވަނީ މީހަކާ އިނުމުގެ ކުރިން ފައިސާކޮޅެއް ހޯދާށެވެ. ބައްޕަގެ ގެ އަދި ބައްޕަގެ ތިބި އަހަންނާއި އަހަރެންގެ ދެ ކޮއްކޮގެވެސް ގެ މަރާމާތު ކުރާށެވެ. ސިޓިންގރޫމެއް ރާނާ ، އެތަނަށް ބޭނުންވާނެ ފަރުނީޗަރު ހޯދައިފީމެވެ. އަހަރެމެން ދެމަފިރިންނަށް ކޮޓަރިއެއް ރާނާތައްޔާރު ކޮށްފީމެވެ. ޓީވީއެއްވެސް ގަނެފީމެވެ. އަދި ފުދޭވަރަކަށް ފައިސާވެސް މިހާރު އެބަހުއްޓެވެ. މީހަކާ އިނުމަށް ކުރަން ހުރި ތައްޔާރުތައް މިހާރު ކުރެވިއްޖެކަމަށް ބަލާފައި ރަށުގައި ތިބި ހުސްހަށިބައި ޒުވާންކުދިންގެ ތެރެއިން އެންމެ ރީތި އެއް ކުއްޖަކާ އިނުމަށް ނިންމީއެވެ. އަރީޝާއާއި އަހަރެން ރައްޓެހިވެގެން އެންމެ ތިން މަސްދުވަހުގެ ތެރޭގައި އޭނާއާއި އަހަރެން އިނީއެވެ. އޭނާދެކެ އަަހަރެން އޭރުވަނީ ވަރަށްބޮޑަށް ލޯބިވެވިފައެވެ.
*****
ރަސްދޫގެ ގިނަ ޒުވާނުންނެކޭ އެއްފަދައިން އަހަރެންވެސް މަސައްކަތްކުރަނީ ރަށާ ވަރަށްކައިރީގައި އޮންނަ ކުރަމަތި އައިލެންޑް ރިސޯޓްގައެވެ. ފުރަތަމަ އަހަރެން އެތާނގައި މަސައްކަތްކުރީ އޮފީހުގެ ލިއުންތައް ފައިލްކޮށް ބަލަހައްޓާ ކާތިބެއްގެ ގޮތުގައެވެ. ނަމަވެސް އެ މަގާމުގައި އަހަރެން އުޅެނިކޮށް ކޭޝިއަރެއްގެ މަގާމު ހުސްވުމާ ގުޅިގެން އެމަގާމު އަހަންނަށް ލިބިއްޖެއެވެ. އަހަރެން ކިޔެވީ ރަށު މަދަރުސާއިން ކަމުން އިނގިރޭސި ފެންވަރު މާރަނގަޅު ނޫނަސް ހިސާބަކީ އަބަދުވެސް އަހަންނަށް ވަރަށް ފަސޭހަ އަދި ވަރަށް މަތީ މާކްސް ލިބޭ މާއްދާއެއްކަމުން ، ކޭޝިއަރެއްގެ ވަޒީފާ މާ އުނދަގުލެއް ނުވިއެވެ.
ކުރަމަތި ރިސޯޓް ރަށާ ކައިރިކަމުން އަހަރެމެނން ގާތްގަނޑަކަށް ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ރަށަށް އައިސް އުޅެމެވެ. އެއްފަހަރަކު ރަށަށް އައިސް އުޅެނިކޮށް އަރީޝާ ބުންޏެވެ. “ޝިޔާމް . އިހަށްދުވަހު އަންހެނުންގެ ކޮމެޓީގެ ބައްދަލުވުމެއްގައި ، މާލެދާން އަހަރެން ހޮވާ ، އަހަރެން އެކަން ގަބޫލުވެސް ކޮށްފިން. އެއީ މާލޭގައި އޮންނަ 10މަސްދުވަހުގެ ފެހުމާއި މާޖެހުމުގެ ކޯހެއްގައި ބައިވެރިވުމަށް. މިރަށުން ކޯހުގައި ބައިވެރިވެވެނީ ހަމަ އެންމެ މީހަކަށް ވެފައި ކޮމެޓިން މިކަން ހުށަހެޅީމާ މަވެސް އެއބަސްވީ. އަހަރެން އެކަން ރަނގަޅަށް ދަސްކޮށްގެން އައިމާ އަހަރެންގެ އާމްދަނީވެސް އިތުރުވާނެއެއްނު. ”
އަރީޝާ މާލެދާން ލިބުނު ދައުވަތަށް އަހަރެން ދެކޮޅެއް ނުހަދަމެވެ. އަދި އޭނާއަށް ތާއީދުކޮށް ، އަހަރެމެންގެ އާމްދަނީ އިތުރުވެ ، ލިބޭ ހުސްވަގުތު ތަކުގައި ކުރާނެ ރަނގަޅު ފައިދާހުރިކަމެއް އަރީޝާއަށް ދަސްވާނެތީ އުފާކުރާ ވާހަކަވެސް ބުނީމެވެ. އަހަރެމެންގެ ކައިވެންޏަށް އޭރު 8 މަސްވަނީއެވެ. ކުއްޖަކު ހޯދާނީ ކައިވެންޏަށް ގާތްގަނޑަކަށް ދެއަހަރު ވުމަށް ފަހުގައި ކަމަށް އަހަރެމެން އެއްބަސްވެފައިވާތީ ، އަރީޝާގެ ކުއްޖަކުވެސް ނެތެވެ. އަދި ރަށުން ބޭރަށް ދިއުމަށް އެއްވެސް ކަހަލަ ދައްޗެއް ނެތެވެ. އަރީޝާ މާލެ ދިއުމުގެ ސަބަބުން އަހަރެމެންގެ އޮމާން ދިރިއުޅުން އެކޮޅުކޮޅުން ޖެހި އަހަރެމެންގެ ނިމުން ގެނެސްދޭނެކަން އޭރު އެނގުނު ނަމަކަ މިކަމަކަށް އަހަރެން އެއްގޮތަކަށްވެސް ހުއްދައެއް ނުދިނީމުހެވެ.
*****
އަރީޝާ މާލެ އަތުވެއްޖެއެވެ. އޭނާ ފުރައިގެން ދިއުމުން އަހަރެން ވަރަށް ބޮޑަށް އަރީޝާ މަތިން ހަނދާންވާން ފެށިއެވެ. އިނދެގެންވެސް ދެމީހުން އުޅުނީ ދެރަށުގައެވެ. ނަމަވެސް ވަރަށް ކައިރީގައެވެ. މިހާރު އޭނާ ވަނީ ވަރަށް ދުރުގައެވެ. އަރީޝާއާއެކު ދުވަސްކޮޅެއް ހޭދަކޮށްލަން މާލެދިއުމަށް އަހަރެން ރިސޯޓުން ޗުއްޓިއަކަށް އެދުނީމެވެ. ރިސޯޓުން އަހަންނަށް ޗުއްޓީ ލިބުނީ ހަމަސްދުވަސްފަހުން، އޯފްސީޒަންގައެވެ. އަހަރެން މާލެ ދިޔައީމެވެ. މާލޭގައި އަރީޝާ އުޅުނީ ރަށު މީހެއްކަމުގައިވާ ދޮން އިބްރާހީމް އޭ ކިޔާ މީހެއްގެ ގޭގައި ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. އަހަރެން އޭނާއަށް ގަވާއިދުން ފައިސާ ފޮނުވާތީވެ ކޮޓަރީގެ ކުލިވެސް ދައްކަނީ އެފައިސާއިންނެވެ. ދޮން އިބްރާހީމްގެ ގޭގައި ،މާލޭގައި ،އަރީޝާ އާއެކު ޗުއްޓީގެ އެއްމަސްދުވަސް ހޭދަކޮށްލީ ވަރަށް އަރާމާއި މަޖަލުގައެވެ. އަހަރެންގެ ޗުއްޓީ ނިމުމާ ގުޅިގެން އެނބުރި ދިޔައީ ކުރަމައްޗަށެވެ. އަރީޝާގެ ކޯހުގެ އަދި ބާކީ 3މަސްދުވަސް އޮތްކަމުން އޭނާ ހުރީ މާލޭގައެވެ.
******
ކޯސް ނިންމާފައި އަރީޝާ އެނބުރި ރަސްދުއަށް އަތުވެއްޖެއެވެ. އަދި އަހަރެމެންގެ ދިރިއުޅުން ހަމަ ކުރިއެކޭ އެއްގޮތަށް އޮމާންކަމާއެކީ ކުރިއަށް ހިނގަމުން ދިޔައެވެ.
ކުރަމަތީގައި އަހަރެން އެއްދުވަހަކު ފެންވަރަމުން ދަނިކޮށް ފާޚާނާ ތެރެއަށް ވެއްޓުނެވެ. މި ވެއްޓުމުގައި ބޮލަށާއި ފަޔަށް ކުޑަކޮށް ގެއްލުން ލިބުނު ކަމުގައި ވިޔަސް މާ ކަންބޮޑުވާ ވަރުގެ ގެއްލުމެއް ނުލިބޭތީވެ ، އަހަރެންވެސް އެވަގުތު އެކަމަށް ފަރުވާކުރުމަށްފަހު އަޅައެއް ނުލަމެވެ.
ފާޚާނާތެރެއަށް ވެއްޓުމުގެ ހާދިސާއަށް ފަހު އަހަރެން މުޅިން ބަރާބަރެއް ނުވިއެވެ. ބޮލަށް އަނިޔާވި ތާނގައިވެސް ދުވަސްދުވަސްކޮޅުން ރިއްސައެވެ. ބައެއްފަހަރު ކުޑަކޮށެވެ. އަނެއްބައި ފަހަރު ތަންދޮރު ވަކިނުވާހާވެސް ބޮޑަށެވެ. އަދި ފައިގަވެސް ރިއްސައެވެ. ބަލި ބޮޑުވާން ފެށުމުގެ ސަބަބުން މަސައްކަތަށްވެސް ބުރޫ އަރާތީވެ ރިސޯޓުގެ މެނޭޖަރާ ވާހަކަދެއްކުމަށްފަހު އަހަރެން ޗެކަޕެއްހަދަން ރިސޯޓުގެ ޚަރަދުގައި މާލެ ފޮނުވައިފިއެވެ. އަރީޝާ ، މާޖަހާ، ފަހާ ނިންމަންވެފައި ހުރި ތަކެތީގެ ގިނަކަމުން އޭނާ ، އަހަންނާއެކު މާލެއަކަށް ނާދެއެވެ.
އަނެއްކާވެސް އަހަރެން ފޭބީ ދޮން އިބްރާހީމްގެ ގެއަށެވެ. އަދި އެގޭ ފިރިހެން ކުއްޖަކާ އެކު ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކާ ، ވެގެން އުޅޭގޮތް ކިޔައިދީފީމެވެ. ޑޮކްޓަރުވެސް ލަފާ ދެއްވީ ރަނގަޅަށް ހަށިގަނޑު ޗެކް ކޮށްލުމަށް ޓެސްޓް ކުރުމަށެވެ.
ޖެހިގެން އައިދުވަސް ތަކުގައި ލެޔާއި ނަޖިހާއި ޓެސްޓް ކޮށް ،އެކްސްރޭ ނަގާ ހުރިހާ ޓެސްޓް ތަކެއްކޮށް ނިންމައިފީމެވެ.
ޓެސްޓްގެ ނަތީޖާ ލިބުމުން ، ނަތީޖާ ހިފައިގެން ގޮސް ޑޮކްޓަރަށް ދައްކައިފީމެވެ. އަހަރެން ގާތު މަޑުކޮށްލާށޭ ވިދާޅުވުމަށްފަހު ޑޮކްޓަރު އެ ހިއްޕަވައިގެން ކޮޓަރިން ބޭރަށް ނުކުންނަވައިފިއެވެ. އިރުކޮޅެއްވުމަށްފަހު އެނބުރިވަޑައިގެން “އައިސްބަލާށޭ ” ވިދާޅުވުމުން އަހަރެން އޭނާގެ ފަހަތުން ދިޔައީމެވެ. ޑޮކްޓަރ ގޮސް ވެންނެވީ އެހެން ކޮޓަރި އަކަށެވެ. އަދި އަހަރެންވެސް އޭނާ ފަހަތުން ވަނީމެވެ. އެކޮޓަރީގައި އިތުރު ދެމީހަކުވެސް ތިއްބެވެ. އެދެމީހުން އަހަންނާއި ސަލާން ކުރުމަށް ފަހު އެތަނުން އެކަކު ބުންޏެވެ.
” ޝިޔާމް. އަހަރެންގެ ނަމަކީ ރިޔާޒް. މި އިންނެވީ އަލީ ނަސީމް. ނަސީމަކީ ހެލްތް މިނިސްޓްރީގެ ބޭފުޅެއް. . އަހަރެން މަސައްކަތް ކުރަނީ ޑިޕާޓްމަންޓް އޮފް ޕަބްލިން ހެލްތުގައި. – ދެން މިއިންނެވީ ޑޮކްޓަރ ޝުޖާއު. ޝިޔާމްވެސް ދަންނާނެ ފަދައިން އެއީ ޝިޔާމަށް ފަރުވާކުރަމުން ގެންދަވާ ޑޮކްޓަރު. – އަހަރެމެން އެންމެން ޝިޔާމްއާއި މިބައްދަލުކޮށްލީ ޝިޔާމްގެ ލޭގެ ރިޕޯޓް ލިބުނު އިރު ، ޝިޔާމްގެ ލޭ ސަކަރާތްވެގެން. އެއީ އޭޑްސް ބަލީގެ ފަނި ނުވަތަ އެޗްއައިވީ ޝިޔާމްގެ ލޭގައި ހުރިކަން ޔަގީންވާތީ. ”
އަހަންނަށް ލިބުނު ޝޮކާއި ވީދެރައިން ލޮލުން އައެވެ. އަހަންނަށް އޭޑްސް ޖެހެންވީއެއްވެސް ސަބަބެއް ނެތެވެ. މިއއީ އޮޅުމެކެވެ. ކަނޑައެޅިގެން މިމީހުން ދޮގު ހަދަނީއެވެ.
“މިއީ ދައްކަން ލަދުގަންނަ ވާހަކައަކަށްވެސް ވެދާނެ. ” އަނެއްކާވެސް ރިޔާޒް ބުންޏެވެ. “އެކަމަކު އަހަރެމެން ކުރާ ސުވާލުތަކަކަށް ޝިޔާމް ތެދުބަހުން ޖަވާބު ދީފާނަންތަ؟ ” އަހަރެން ބޯ ޖަހާލުމުން ރިޔާޒް ބުންޏެވެ. ” ޝިޔާމް ވަރަށް ގިނަ މީހުންނާއެކު ޖިންސީ ގުޅުން ހިންގާފައިވާނެތަ؟ ”
” ނޫން! ” އަހަރެންގެ ލޮލުން އޮހޭ ކަރުނަތައް ހުއްޓުވަމުން ބުނީމެވެ. ” އަޅުގަނޑުގެ އަންހެނުން ފިޔަވައި އިތުރު އެއްވެސް މީހަކާއެކު ޖިންސީ ގުޅުމެއް ނުހިންގަން. ”
“އެހެންތަ! އެހެންވިއްޔާ ޝިޔާމް ޑްރަގްގެ ބޭނުން ކުރަންތަ!؟ ނޫނީ މީން ދުވަހަކު ރާއްޖެއިން ބޭރުން ބޭސް ފަރުވާކޮށް ލޭއަޅާހެދިންތަ؟ ”
“ނޫން. ” އަޅުގަނޑު ޖަވާބު ދިނީމެވެ. “އަޅުގަނޑަކީ ރާއްޖެއިން ބޭރަށް އެއްގޮތަކަށްވެސް ނުދާ މީހެއް. އަދި އަޅުގަނޑަކީ ޑްރަގް ނަގާ ، ރާބޮއި ހަދާ މީހެއް ނޫން. ކަންތައް މިހެން ހުރި އިރު އަޅުގަނޑަށް އޭޑްސް ޖެހިދާނެހެން އަޅުގަނޑަށް ހަމަ ވަރަށް ހީނުވޭ. ”
“ނޫނޭ ޝިޔާމް. އަހަރެމެން މިކަހަލަ ވާހަކައެއް ހީއެއްގެ މައްޗަކަށް ނުދައްކާނަން. ޝިޔާމްގެ ލޭވަނީ ތިން ހަތަރުފަހަރު ޓެސްޓްކުރެވިފަ. އަދި އެއީ ޝިޔާމްގެ ލޭކަންވެސް އަހަރެމެން ޔަގީން ކުރިން. ޝިޔާމްގެ ވާހަކައިން އަހަރެމެންނަށް އެނގުނު ގޮތުގައި ޝިޔާމްގެ ލެއަށް މިފަނި ވާސިލްވާނެ ދެންއޮތީ ހަމަ އެންމެ ގޮތެއް. އެއީ ޝިޔާމްގެ އަންހެނުންގެ ކިބައިން. އޭނާ މާލޭގައި އެބައުޅޭތަ؟ ” އަހަރެން ނޫނެކޭ ބުނުމުން ރިޔާޒް ބުންޏެވެ. “އެހެންވިއްޔާ ވީ އެންމެ އަވަހަކަށް އޭނާ މާލެ ގެނޭ ! ޝިޔާމަށް މިބަލި ޖެހެން ދިމާވި ގޮތެއް ދެން އެނގޭނީ އޭނާ ޓެސްޓްކޮށްގެން ސުވާލުކޮށް ހަދައިގެން. އަދި އޭނާވެސް ތެދުވެރިކަމާއެކު ޖަވާބު ދީގެން. ”
އަހަރެން މުޅިން ފިނި ވެފައި ހުރެގެން ގެއަށްގޮސް ، އަރީޝާއަށް ގުޅައި ވަރަށް މުހިންމު ކަމަކަށްޓަކައި ، ހުރިހާ ކަމެއް ހުއްޓާފައި ވީއެންމެ އަވަހަކަށް މާލެއައުމަށް ބުނީމެވެ.
އަރީޝާ އޭގެ ތިން ދުވަސް ފަހުން މާލެ އަތުވެއްޖެއެވެ. އަހަންނާއި ހަމަ ބައްދަލުވުމާއެކު ވީ ކީއްތޯ އަރީޝާ ސުވާލުކޮށްފިއެވެ. އަރީޝާ ކިހާ އަހަންނާ އަޅާލާހެއްޔެވެ؟ އޭނާގެ ސިއްހަތު ކިހާ ރަނގަޅު ހެއްޔެވެ؟ އޭނާ ދުވަހަކުވެސް އަހަންނަށް ދެރަ ގޮތެއް ނުހަދާނެއެވެ. އަހަރެން އަރީޝާއާއެކު ކޮޓަރިއަށް ވަދެ ދޮރު ތަޅުލާފައި ބުނީމެވެ. “އަހަރެން އަރީޝާއާ ދެތިން ސުވާލެއް ކޮށްލަން ބޭނުމެވެ. ތެދު ޖަވާބު ދެއްޗެވެ. ”
އަރީޝާ ކުޑަކޮށް ހާސްވެފައި އާއެކޭ ބުނުމުން އަހަރެން ބުނީމެވެ. “އަހަރެން މިހިރީ ވަރަށް އެހެން ކަހަލަ ބައްޔެއް ޖެހިފަ. އަރީޝާއަށް ވެސް އެނގޭނެ އޭޑްސް ބައްޔޭ ކިޔާ ވަރަށް ނުބައި ބައްޔެއްގެ ވާހަކަ….އަހަންނަށް މިވަނީ އެބަލި ޖެހިފައިކަމަށް ޑޮކްޓަރުން ބުނަނީ. އެހެންނަމަވެސް ރިސޯޓެއްގައި އުޅުނަސް އަހަންނަކީ އެތަނަށް އަންނަ ގެސްޓުންނާ ބަދުއަޚްލާގީ އަމަލު ހިންގާ ، އެތާގައި ހުންނަ އެއްޗެތީގެ އިސްތިއުމާލުކުރާ މީހެއް ނޫން. އަރީޝާ ފިޔަވައި އެހެން އެއްވެސް މީހަކާ އަހަރެން ޖިންސީ ގުޅުމެއް ނުހިންގަން. އެހެންވީމާ ، ޑޮކްޓަރުން ބުނަނީ އަހަރެންގެ ގަޔަށް އޭޑްސް ބަލީގެ ފަނި އަރާފައިވަނީ އަރީޝާގެ ކިބައިން ކަމަށް. ”
އަރީޝާ ހަމަ ބާރަށް ރޯން ފެށިއެވެ. އަހަރެން އޭނާ ހަމަޖައްސައިދިނުމަށް މަސައްކަތް ކުރީމެވެ. އެތައް އިރަކު ރުއިމަށް ފަހު ހިސާބަކަށް މައިތިރިވެގެން ބުންޏެވެ. ” ޝިޔާމް . ޝިޔާމްގެ އޯގާތެރިކަމާއި އަޅާލުމާއި ވަފާތެރިކަމުގެ އިނާމު އަހަންނަށް މި ދޭންޖެހުނީ ވަރަށް ހިތިކޮށް. ތިޔަ ބަލި ޝިޔާމަށް ޖެހިފައިވާނަމަ އެއީ އަހަރެންގެ ކިބައިން. އަހަރެންގެ ކިބައިގާ އެފަނި ހުރެ ، ޝިޔާމަށް ތިޔަ ވާސިލްވީ. ”
އަހަރެންގެ ކަންފަތަށް މި އިވެން ފެށީ ގަބޫލުކުރަންވެސް ދަތި ވާހަކަ ތަކެކެވެ. އަހަރެން ބޭނުންވީ ޑޮކްޓަރުން އެހަދަނީ ދޮގޭ ، ތިމަންނަ ގަޔަކު ތިޔަކަހަލަ ކަމެއް ނުހުންނާނެއޭ އަރީޝާ ބުނުމަށެވެ. އެހެންނަމަވެސް….
“އަހަރެން ފަހަން ދަސްކުރާ ކޯހުގައި މިގޭގައި ހުރިއިރު މިގޭގައި ޒިޔާދު ކިޔާ ބޯޓުދަތުރުކުރާ މީހަކު އުޅުނު. އޭނަވެސް އުޅުނީ މިގެއިން ކޮޓަރިއެއް ކުއްޔަށް ހިފައިގެން. އަހަރެމެން ދެމީހުންވެސް ކަނީ މިގެއިން. ދޭތެރެ ދޭތެރެއިން ކާގެއިންނާއި ސިޓިންގރޫމުން އޭނާއާއި ބައްދަލުވޭ. މި ގޮތަށް ދެމީހުން ބައްދަލުވާން ފެށުމުން ގުޅުން އުފެދި ، އެގުޅުން މާ ބޮޑުވެގެން ދިޔައީ. އޭނާއާއެކު ސއިކަލް ދުއްވާލަން ގޮސް ،ރެސްޓޯރެންޓްތަކަށްގޮސްވެސް ހަދަން ފެށުނީ. އަދި އެންމެ ފަހުން ދެމީހުން ބަދު އަޚްލާގީ ގުޅުންވެސް ހިންގާ ހިސާބަށް ދިޔައީ. ”
މިހާރު އިވެމުންދާ ވާހަކަތަކުގެ ސަބަބުން އަހަރެންގެ ހިތް ހުއްޓެންވެސް ވަނީ ކައިރިވެފައެވެ. މި ވާހަކަތައް ، އެހާވެސް ގަދަ ވޭނެއް އަހަންނަށް ދިޔައީ ދެމުންނެވެ. ކުރަކި ވެފައިވާ އަޑަކުން އަހަރެން އަހާލީމެވެ. ” އެއީ އަހަރެން އަރީޝާއާއި ބައްދަލު ކުރަން އައުމުގެ ކުރިންތަ؟ ނޫނީ އޭގެ ފަހުންތަ؟
އަރީޝާ ބުނި ގޮތުގައި އެބުނާ ޒިޔާދެއް ،އަރީޝާ މާލެއައިއްސުރެ ޒިޔާދު ފުރަންވަންދެން ދިޔައީ އަރީޝާގެ ބޭނުން ކުރަމުންނެވެ. އަހަރެން މާލެ އައިސްހުރި އެއްމަސްދުވަހު ، އޭނާ އުޅުނީ ދުރުދުރުން ، ނޭގޭކަމަށް ހަދައިގެންނެވެ. އަހަރެން މާލެ އަންނަ ވާހަކަ އަރީޝާ ޒިޔާދު ގާތު ބުނުމުން އޭނާ އެ އެއްމަހު އުޅުނީ އަރީޝާ ފެންނަ ހިސާބަށް ނައިހެވެ. ނަމަވެސް އަހަރެން އެނބުރި ރަށަށް ދިއުމުން ހަމަ ކުރިއެކޭ އެއްގޮތަށް އަރީޝާއާއި އޭނާ ގުޅުން ހިންގަމުން ގެންދިޔައީ ކަމުގައިވެސް އަރީޝާ ބުންޏެވެ.
އަރީޝާވެސް ގަސްދު ކުރީ މިކަން އަހަންނަށް ސިއްރު ކޮށްފައި ބޭއްވުމަށެވެ. ނަމަވެސް މިހާރު އަހަރެމެން ދެމަފިރިންގެ ދިރިއުޅުން މިވަނީ ސުވާލެއްގެ ތެރޭގައެވެ. އެހެންކަމުން އަރީޝާ އެވާހަކަތައް އަހަންނަށް ކިޔައިދިނީއެވެ.
އަހަންނަށް ދުނިޔެއިން އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ބޮނޑި މިވަނީ ލިބިފައެވެ. އަހަރެންގެ އުމުރުން 25 އަހަރުވަންދެން ކުރި މަސައްކަތުގެ މޭވާ އަހަންނަށް މިވީ ޒަހަރަކަށެވެ. އަހަރެން އެމީހަކު ދެކެ ނުހަނު ބޮޑަށް ލޯބިވާ އަނބިމީހާ އަހަންނަށް މި ހަދިޔާ ކުރީ މަރެވެ. އަހަރެންގެ މުސްތަގްބަލެއް ނެތެވެ. ދަރިއެއް ހޯދުމުގެ އުއްމީދެއް ނެތެވެ. އެއްވެސް ކަމެއްގެ އުއްމީދެއް ނެތެވެ.
އަހަރެން މުޅި ހަޔާތުގައިވެސް ލޯބިވީ އެންމެ އަންހެނަކު ދެކެއެވެ. އޭނާ އަހަރެންގެ ލޯބީގެ އިނާމަކަށް މިދިނީ މަރުބައްޔެވެ.(ނިމުނީ )
(ހަސަން ނިޒާމުގެ ވާހަކަ އެއް.)