ބަރުދަން ލުއިކުރުމަށް ސައްހަ ނޫން ތަކެތި ބޭނުން ނުކުރަން އިލްތިމާސްކޮށްފި

tyfughbjnm-2048x1294-1.jpg

ބަރުދަން ލުއިކުރުމަށާއި އެކި ބަލިބަލީގެ ފަރުވާއެއް ކަމަށް ބުނެ، ސައްޙަ ނޫން މަޢުލޫމާތު ހިމެނޭ ކާބޯތަކެތި އިޝްތިހާރުކޮށް ބޭނުންކުރަމުންދާތީ އެ ކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސައިންޓިފިކް އެއްވެސް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް، ސިއްހީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ދައްކައިގެން ގިނަ އަދަދެއްގެ އުފެއްދުންތައް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އިޝްތިހާރު ކުރަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިފަދަ ތަކެތި ބޭނުންކުރުމަށް އާންމުންނަށް ބާރުއަޅައި ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

އެ އޮތޯރިޓީން ފާހަގަކުރި ގޮތުގައި، ހަގީގަތާ ޚިލާފު މައުލޫމާތު ހިމަނައިގެން މިފަދަ އުފެއްދުންތައް މާކެޓުކުރުމަކީ ބޭނުންކުރާ ފަރާތްތަކަށް މައުލޫމާތު އޮޅި، ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. ވަކިން ހާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ގާތުން ކިރުދޭ މައިންނަށް މިފަދަ ތަކެތީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ބޮޑުކަން އެމްއެފްޑީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

އެހެންކަމުން، ސިއްޙަތަށް ވަކި ފައިދާއެއް ކުރާނެ ކަމަށް ނުވަތަ އެކިއެކި ބަލިބަލީގެ ފަރުވާއަށް ރަނގަޅުވާނެ ކަމަށް ދޭހަވާ ގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާ ކަމެއްކަން އެމްއެފްޑީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން، ކާބޯތަކެއްޗަކީ ވަކި ފެންވަރެއްގެ ނުވަތަ ވަކި ޚާއްސަ ސިފައެއްގެ އެއްޗެއް ކަމަށް ދޭހަވާ ގޮތަށް ޙަގީގަތާ ޚިލާފަށް ނުވަތަ ޙަގީގަތް އޮޅޭނެ ފަދަ ގޮތަކަށް އިޝްތިހާރުކުރުމަކީވެސް މި ގަވާއިދުގެ ދަށުން މަނާ ކަމެކެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

ސާބިތު ނުހިފޭ މަޢުލޫމާތު ހިމެނޭ އުފެއްދުންތަކަށް ބަރޯސާވުމުގެ ބަދަލުގައި، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި މިންހެޔޮކޮށް ކެއުމާއި، ކެއުމުގައި ލޮނާއި ހަކުރު މަދުކުރުމުގެ އިތުރުން އާދަވެގެން ކަސްރަތުކުރުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ސައްޙަ ނޫން މަޢުލޫމާތުތަކަށް ޢާންމުން ސަމާލުވުމަކީ ސިއްޙީ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ އޮތޯރިޓީން ދެކެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top