ސައްޓު ހޯދުމަށް ނިއުރޭޑިއަންޓުން ބޮޑުއަގެއް ހުށައަޅައިފި – ރިޕޯޓް

163114_3_147afc1b32945370e0db76f58460c214009f4ca0_large.jpg

ސައްޓު --ފޮޓޯ : މިހާރު

މިއަހަރުގެ އުރީދޫ ޕްރިމިއަރ ލީގުން މިލަންދޫ ޓިމުގައި ވިދާލައި، ރާއްޖޭގެ ބޮޑެތި ކްލަބްތަކުގެ ލޯ އަމާޒުވެފައިވާ އޭދަފުށީގެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) އަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބޮޑު މުސާރައަކާއެކު ހުށައެޅުމެއް ލިބިއްޖެކަމަށް އީވީއަށް މައުލޫމާތު ލިބިއްޖެއެވެ.

ނިއުރޭޑިއަންޓްގެ ހުށައެޅުމާއިމެދު ސައްޓުއާ މަޝްވަރާކުރި އޭދަފުށީ ފުޓްބޯޅައިގެ އިސްއޮފިޝަލަކު އީވީގައި ނަންނުޖަހާގޮތަށް ބުނީ ސައްޓުއަށް ނިއުރޭޑިއަންޓުން ހުށައެޅުން ލިބުނީ ދާދިފަހުންކަމަށާ، އޭނާ ހޯދުމަށް ޓީސީއިންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ބުނީ ދެ ހުށައެޅުމަށް ބަލާއިރު ސައްޓުއަށް ބޮޑު އަގެއް ހުށައަޅާފައިވަނީ ނިއުރޭޑިއަންޓުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

“ވަރަށް ރަނގަޅު ހުށައެޅުމެއް ލިބިފައި އޮތީ. ނިއުގެ އިތުރުން ޓީސީންވެސް ސައްޓު ހޯދުމަށް މަސައްކަތް ކުރަމުން ދަނީ. ސައްޓު މުޅިން އަދި ގޮތެއް ނުނިންމާ” އޮފިޝަލް ބުންޏެވެ.

ތަކުރާރުކޮށް އެދުމުންވެސް ނިއުއިން ސައްޓުއަށް ހުށައެޅި އަގެއް އޮފިޝަލް ހާމައެއް ނުކުރިއެވެ. އަދި އެއީ ރެކޯޑް އަގެއްކަމެއްވެސް ސާފުވާގޮތެއް ނުވިއެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ސެންޓޭ މިދިޔަ އަހަރު ނިއުއަށް ސޮއިކުރީ ސީޒަނަކަށް ހަލައްކަ ރުފިޔާގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ސައްޓު ހޯދުމަށް ނިއުރޭޑިއަންޓުން ބޮޑުއަގެއް ހުށައެޅިއިރު މިދިޔަމަހު ފަހުކޮޅު އޭނާ ބުނެފައިވަނީ ކުޑައިރުއްސުރެ އެންމެ ސަޕޯޓް ކުރަނީ ނިއުރޭޑިއަންޓަށް ކަމަށާ، ނަމަވެސް ކުޅޭނެ ޓީމެއް ނިންމާނީ ލިބޭ އޮފާތަކަށް ބަލާފައިކަމަށެވެ.

އޮފިޝަލް ބުނީ ހުށައެޅުންތަކަށް ބަލާއިރު ބޮޑަށް ގަބޫލުކުރެވެނީ ސައްޓުއާއެކު އެއްބަސްވުމަކަށް އައުން ގާތީ ނިއުރޭޑިއަންޓުންކަމަށެވެ. އަދި އަންނަ ހަފްތާތެރޭގައި މިކަމާބެހޭ ގޮތުން ސައްޓުއާއި، އޭނާގެ އެޖެންޓް ފައިނަލް ކުރާގޮތެއް ސާފުވާނެކަމަށް ދެކޭކަމަށްވެސް އޮފިޝަލް ބުންޏެވެ.

ސައްޓު ހޯދުމަށް މީގެކުރިންވެސް މާލޭގެ ބޮޑެތި ކްލަބްތަކުން ހުށައެޅުންތައް އޭނާއަށް ލިބުނެވެ. ނަމަވެސް ވަޒީފާ ދޫކޮށް އޭރު އޭނާ ކުޅެން ދާން ބޭނުންނުވީއެވެ. ނަމަވެސް އަންނަ އަހަރު މާލެ ބަދަލުވާން ނިންމީފައިވާކަން މިދިޔަމަހު އޭނާވަނީ ހާމަކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top