މާއްޑޫ، އުނޑުދޫ އަދި ފުނަދޫ މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަނީ

10628308_714309831977368_4855071486801181883_n-800x457-800x457-1.jpg

މްއިއްޔަތުލް ވަފާއިން މީގެކުރިން ބޭއްވި ސަގާފީ ކުޅިވަރު އައިޓަމެއްގެ ތެރެއިން. މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން އެޖަމްއިއްޔާ އާ ގުޅިގެން ކުލަގަދަގޮތެއްގައި ފާހަގަކުރަން ވަނީ ނިންމާފައި / ފޮޓޯ: ފޭސްބުކް

މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން އޭދަފުއްޓަށް ބަދަލުކުރިތާ 50 އަހަރު ފުރުން ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް އޭދަފުށީ ހުޅަނގު ސަރަހައްދުގައި ދިރިއުޅޭ އިސް ރަށްވެހިން ނިންމައިފިއެވެ.

މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ އަށް ނިސްބަތްވާ އިސްރަށްވެހިންގެ ތެރެއިން އީވީއާ ވާހަކަދެއްކި މީހަކު ބުނީ ހާއްސަ ކުޅިވަރުތަކަކާއިއެކު، ހަރަކާތްތަކެއް ބާއްވަން ނިންމީ އެރަށްރަށަށް ނިސްބަތްވާ ގިނަބަޔަކު މިކަމަށް އެދެމުންދާތީކަމަށެވެ. އޭނާ ބުނީ މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން ފާހަގަކުރަން ފަށާނީ އަންނަ އަހަރުގެ އަޟްހާއީދުގެ ތެރޭގައި ކަމަށާ، ޖަމްއިއްޔަތުލް ވަފާއާ ގުޅިގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މިއިވެންޓަށް ދުރާލައި ތައްޔާރީތަކެއް ވަމުންއަންނަ ކަމަށެވެ.

“ހުޅަނގު އަވަށު އިސްރަށްވެހިންގެ ފަރާތުން މިކަމާބެހޭ މަޝްވަރާތައް އެބަކުރިޔަށްދޭ ކޮންމެ ދުވަހަކުކަހަލަ ގޮތަކަށް. އަންނަ އަހަރުގެ އަޟްހާ އީދުތެރޭގައި ކުޅިވަރުތަކަކާއެކު، ގިނަ ހަރަކާތްތައް ކުރިޔަށް ގެންދަން ބޮޑަށް މަޝްވަރާ ކުރެވެނީ. އަވަށުގެ އެންމެން ވަރަށް ފޯރީގައި މިކަމުގައި އެބައުޅޭ” އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން އީވީއަށް މައުލޫމާތު ދިން އޮފިޝަލް ބުނީ މިހަރަކާތްތައް ކުރިޔަށް ގެންދާނީ އޭދަފުށީގެ ހުރިހާ ރައްޔިތުންނާވެސް ގުޅިގެންކަމަށާ، ކައުންސިލުގެ ބައިވެރިވުންވެސް މިކަމުގައި ބޭނުންވާނެކަމަށެވެ.

“އޭދަފުށީގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން މިކަމުގައި ވަރަށް މުހިއްމު. ކައުންސިލާވެސް އަދި އިސްރަށްވެހިންނާ، ޖަމާއަތްތަކާވެސް ގުޅިގެން މިކަން ކުރިޔަށް ގެންދަން ވިސްނަނީ. އަދި މިހަރަކާތްތަކުގައި ބައިވެރިވުމަށް އަތޮޅުގެ ރަށްރަށަށްވެސް ދައުވަތުދިނުމާމެދު މަޝްވަރާ ކުރެވެމުން އެބަދޭ”

ހުކުރު ވާޖިބުވާ 50 މީހުން ހަމަނުވާ ކޮންމެރަށަކީ ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސުމުގެ ޤާނޫނު 1968މ ވަނައަހަރު އޭރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ބ. އަތޮޅު މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން އޭދަފުއްޓަށް ބަދަލުކުރީ އެއަހަރުގެ ފަހުކޮޅުއެވެ. އެގޮތުން 3 ރަށުގެ 77 ގޭގެ މީހުން އޭދަފުއްޓަށް ބަދަލުކޮށް ނިމުނީ 17 ޑިސެމްބަރ 1968ދުވަހުއެވެ. މިމަޝްރޫއުގެ ދަށުން ބ. އަތޮޅު ކިހާދޫ މީހުން އޭރު ހިތާދުއަށްވެސް ބަދަލުކުރިއެވެ. ނަމަވެސް އެގާނޫނު އުވުމާ ގުޅިގެން 1975 ވަނަ އަހަރު ކިހާދޫ މީހުން ވަނީ އެނބުރި އަލުން ރަށަށް ބަދަލުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top