ކެންދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

kendhoo.jpg

ބ. ކެންދޫ އޭރިއަލް ފޮޓޯއެއް / ފޮޓޯ: ގެސްޓްހައުސް މޯލްޑިވްސް

ބ. ކެންދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިދިޔަ މަހު އެންވަޔަރުމެންޓް މިނިސްޓްރީން މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މިމަސައްކަތް ފެށި މިދިޔަ ހަފްތާތެރޭގައިކަމަށް ކެންދޫ ކައުންސިލުން ބުނެއެވެ. ކެންދޫ ކައުންސިލުން ބުނީ މިވަގުތު ކުރިޔަށްދަނީ އާރުއޯ ޕްލާންޓް ބަހައްޓާ ގޯތީގެ ބިންސާފުކުރުމުގެ މަސައްކަތް ކަމަށެވެ.  

މިމަޝްރޫއުގެ ދަށުން ކެންދޫގައި އާރޯ ޕްލާންޓަކާއި 50 ޓަނުގެ ސްޓޯރޭޖް ޓޭންކެއް ބަހައްޓާނެކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުނެއެވެ. މިމަޝްރޫއަށް ފަންޑު ކޮށްދެއްވަނީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިންނާއި ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.

ކެންދޫ ކައުންސިލުން ބުނީ ސުނާމީ ކާރިސާއަށްފަހު އެރަށު ފެންފަށަލަ ހަލާކުވެފައިވާތީ، ސަރުކާރުން ފެނުގެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް އެރަށުގައި ފެށުމަކީ ރައްޔިތުންނަށް ލިބިގެންދާ ވަރަށްބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. ކެންދޫ ކައުންސިލަރ އިބްރާހީމް އަބްދުއްރަހްމާން ވިދާޅުވީ މިމަސައްކަތް ނިމުމުން އެރަށުގެ ރައްޔިތުންނަށް ކޮންމެ އަހަރަކުވެސް ދަތިވަމުން އަންނަ ބޯފެން ލިބުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

“ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގެ ފަހުކޮޅު ސަރުކާރުން ވިހިހާސް ލިޓަރުން ތިރީސްހާސް ލިޓަރުން ޕްލާންޓްފެން ގެނަސްގެން ރައްޔިތުންނަށް ފެންފޯރުކޮށްދޭންޖެހޭ. ފެނަށްޖެހުމުގެ މައްސަލަ ވަރަށް ބޮޑު މިރަށުގައި ހަގީގަތުގައި. ދިވެހިސަރުކާރުން މިކަމަށް ހައްލެއް ގެނައުމަށް މިއަދު މިފެއްޓެވި މަސައްކަތަށް އަޅުގަނޑުމެން ޝުކުރު އަދާކުރަން” އިބްރާހީމް ވިދާޅުވިއެވެ.

ރައްރަށުގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް ދިވެހި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން ބ. އަތޮޅު އޭދަފުށީގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް މިދިޔަ މަހު ފެށިގެން ކުރިޔަށް އެބަދެއެވެ. އަދި ތުޅާދޫގައިވެސް މިއަހަރުގެ ކުރީކޮޅު ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top