ގަވާއިދާ ހިލާފަށް ބަހައްޓާފައިހުރި ތަކެތި، އޭދަފުށީ ކައުންސިލުން ނަގަން ފަށައިފި

thake.jpg

އޭދަފުށިގެ ދެކުނުފަރާތު އަތިރިމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިހުރި އެއްޗެތިތަކެއް އޭދަފުށީ ކައުންސިލުން އިއްޔެ ނަގަނީ. / ފޮޓޯ އޭދަފުށީ ވޮއިސް

އޭދަފުށީގެ މަގުތަކާ، އިޖްތިމާއީ ސަރަހައްދުތަކުގައި އާންމުން ގަވާއިދާ ޚިލާފަށް ބަހައްޓާފައިހުރި ތަކެތި އޭދަފުށީ ކައުންސިލުން ނަގަން ފަށައިފިއެވެ.

ދެމަސް ދުވަހުގެ ނޯޓިސް ދިނުމަށްފަހު ކައުންސިލުން މިތަކެތި ނަގަން ފެށީ ހޯމަދުވަހުއެވެ. އޭދަފުށީ ކައުންސިލުން ބުނީ ފުރަތަމަ ތަކެތި ނަގަމުންދަނީ ރަށުގެ ވަށައިގެން އޮތް އޮޖްތިމާއީ ސަރަހައްދުތަކުން ކަމަށާ، ތަކެތި ނެގުމުގައި ހަރަކާތްތެރިވަނީ އޭދަފުށީ ކައުންސިލްގެ މުވައްޒަފުންކަމަށެވެ.

އޭދަފުށީ ކައުންސިލްގެ ޒިންމާދާރުވެރިޔާ ނިއުމާ އަހްމަދު ވިދާޅުވީ ރަށުތެރެ އާމާން، ސާފުތާހިރު ތަނަކަށް ހެދުމަށްޓަކައި ރަށު ކައުންސިލަރުންގެ އިސްނެގުމާއެކު، މިފެށުނު ޕްރޮޤްރާމް ކާމިޔާބުކަމަށާ، މިކަމަށް އާންމުންގެ ފަރާތުންވެސް ތަރުހީބު ލިބެމުން އަންނަ ކަމަށެވެ.

“އިރުމަތީ ކޮޅުން ފެށިގެން ދެކުނު ފަރާތުގައި ހުރި ތަކެތި ނެގުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު ކުރަމުން މިދަނީ. ވަރަށް ބޮޑަށް އާންމުންގެ ތަރުހީބު ލިބޭ މިމަސައްކަތަށް. އެއްވެސް މީހަކު ހިތްހަމަ ނުޖެހުމެއް ނެތް. އަނެއްކާ ގަވާއިދުން ކުރާ ކަމެއްގައި ހިތްހަމަޖުނުޖެހުމެއް އޮންނާކަށްވެސް ނުޖެހޭ ދެއްތޯ” ނިއުމާ ވިދާޅުވިއެވެ.

ނިއުމާ ވިދާޅުވީ ތަކެތި ނަގައި ޖަމާކުރަމުންދަނީ ކުނި ކޮށީގެ ސަރަހައްދަށް ކަމަށާ، އޭގެތެރެއިންވެސް ބޭނުންނުހިފޭ ޒާތުގެ ތަކެތި ނައްތާލަމުންދާކަމަށެވެ.

3000 އަށްވުރެ ބޮޑު އާބާދީއެއް އޮތް އޭދަފުށީގެ މަގުތަކުގައި އާންމުންގެ ބޭނުންތަކަށް ގަސްގަސް ހެއްދުމާއި، އަމިއްލަ ތަކެތި ބެހެއްޓުމަކީ ފަހަކަށް އައިސް ވަރަށް އާންމުކަމެކެވެ. އެގޮތުން ޖޯލިފައްޗާއި، ވީލްބަރޯއާއި، ގެދޮރު އިމާރާތްކުރާ ސާމާނު ފަދަ ތަކެއްޗާއި، ކޮޕީ ފަތްގަހަކީ މަގުތަކުގައި އާންމުކޮށް ފެންނަން ހުންނަ ތަކެއްޗެވެ.

އޭދަފުށީ ކައުންސިލްއިން ގެޒެޓް ކޮށްފައިވާ އާންމުތަންތަނާ، މަގުމައްޗަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދުގައި ބުނެފައިވަނީ މިގޮތަށް ހުންނަތަކެތި ނެގުމަށް އެންގުމަށްފަހު 15 ދުވަހުގެ ތެރޭގައި ނުނަގައިފިނަމަ، އެތަކެތި ކައުންސިލުން ނެގުމުގެ ބާރު ކައުންސިލަށް ލިބިދެއެވެ. އަދި ގަވާއިދާ ހިލާފު ވުމުގެ ސަބަބުން ފުރަތަމަ ފަހަރު ނަސޭހަތްދިނުމަށްފަހު، ދެން ތަކުރާރުވާ ކޮންމެ ފަހަރަކު 500ރ އާ، 5000ރ އާ ދެމެދުގެ އަދަދަކުން އެފަރާތް ޖުރުމަނާ ކުރެވޭނެކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top