ކުރިއަށް އޮތް ތިންމަހު އުތުރުގެ އަތޮޅުތަކަށް ވާރޭ ވެހުން އިތުރުވާނެ

DSCN3062.jpg

އުތުރުގެ އަތޮޅުތަކަށް ކުރިއަށް އޮތް ތިން މަހު އެހެން އަހަރުތަކުގައި ވެހޭ ވާރެއަށްވުރެ އިތުރަށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށް އެންވަޔަރންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ މަޖީދު ވިދާޅުވެއްޖެއެވެ. މަޖީދު މިހެން ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގައި ދެކުނު އޭޝިއާގެ ގައުމުތަކަށް ވާރެވެހޭނެ މިންވަރާއި އަދި ފިނިހޫނުމިން ހުންނާނެވަރު އަންދާޒާ ކޮށް އެކިއެކި ސެކްޓާތަކަށް މައުލޫމާތު ހިއްސާ ކުރުމަށް ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާ ކްލައިމެޓް އައުޓްލުކް ފޯރަމް (ސާސްކޮފް) ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ސާސްކޮފްގެ ފުރަތަމަ ބައްދަލުވުމެވެ.

އެ ބައްދަލުވުމުގައި މަޖީދު ވިދާޅުވީ، އުތުރުގެ އަތޮޅުތަކަށް ގިނައިން ވާރޭ ވެހުނު ނަމަވެސް މެދު ރާއްޖެ ތެރެއަށާއި ދެކުނުގެ އަތަޮޅުތަކަށް ވާރޭ ވެހޭނީ އެހެން އަހަރުތަކާ އެއްވަރަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ފޯރަމްގެ ފޯކާސްޓުތަކުގެ ބޭނުން ކުރެވޭނީ ދަނޑުވެރި ކަމަށް އެކަނި ނޫން ކަމަށާއި، އެ ފޯކާސްޓްތަކުގެ ބޭނުން ފެނަށް ޖެހޭ ރަށްތަކުގެ ރައްޔިތުންނަށް ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

އެގޮތުން އާއްމުކޮށް ފެނަށް ޖެހިގެން އުޅޭ އުތުރުގެ ރަށްތަކުގެ ރައްޔިތުން އެ ފުރުސަތުގެ ބޭނުން ރަނގަޅަށްކޮށްފި ނަމަ ފެނަށް ޖެހުން ހައްލުވެގެން ދާނެ ކަމަށް މަޖީދު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ސްރީލަންކާ އާއި ނޭޕާލް އާއި އަފްގާނިސްތާންގެ އިތުރުން އިންޑިއާގެ ބޭފުޅުންނާއި، ޓޮކިޔޯ، ޕޫނޭ އަދި ކޮރެއާ ކްލައިމެޓް ސެންޓަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top