ރިސޯޓްތަކަށް ހުޅުވާލައިގެން ބ. އަތޮޅުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

10153673_770074299689719_4297832903124662508_n.jpg

ބ. އަތޮޅު އިންޓަރިސޯޓް 2014 ވަނައަހަރުގެ ޗެންޕިއަން ސޮނެވާފުށީ ޓީމް ތައްޓާއެކު އުފާފާޅުކުރަނީ. ދެއަހަރުގެ މެދުކެނޑުމަކަށްފަހު އަހަރު އޭދަފުށީ ޒުވާނުންގެ ކްލަބުން ރިސޯޓު ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ވަނީ ނިންމާފައި / ފޮޓޯ: ސީސީ

ބ. އަތޮޅުގައި ހުރި ރިސޯޓްތަކަށް ހުޅުވާލައިގެން އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ބ. އޭދަފުށި ޒުވާނުންގެ ކްލަބުން ހަމަޖައްސައިފިއެވެ.

ޒުވާނުންގެ ކްލަބުން ބުނީ އަންނަމަހުގެ 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމަށް ބ. އަތޮޅުގައި ހުރި ރިސޯޓްތަކަށް ދައުވަތު ފޮނުވަމުންދާކަމަށާ، އެކަށީގެންވާ ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. ޒުވާނުންގެ ކްލަބްގެ ސީއީއޯ މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ މިމުބާރާތަކީ އެކްލަބަށް 10 އަހަރު ފުރުމާއި ގުޅިގެން ބޭއްވޭ ހާއްސަ ހަރަކާތެއްކަމަށެވެ.

“އެންގިވަޑައިގަންނަވާނެ ޒުވާނުންގެ ކްލަބަކީ ފުޓްބޯޅަ ކުރިއެރުވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކްލަބެއް. ހާއްސަގޮތެއްގައި އޭދަފުށީގެ ފުޓްބޯޅަ ދަނޑުގެ ތަރައްޤީއަށާ، ފެންވަރު ރަނގަޅު ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް. އަނެއްކާ ކްލަބަށް 10 އަހަރު މިއަހަރު މިފުރުނީ. މިމުނާސަބާއާ ގުޅިގެން ހާއްސަކޮށް ރިސޯޓް މުބާރާތް މިބާއްވަނީ” އޭދަފުށީގެ ފުޓްބޯޅަ ކުރިއެރުވުމަށް ބުރަކޮށް މަސައްކަތް ކުރައްވާ އަދި އޭދަފުށީ ފުޓްބޯޅަ ޓީމްގެވެސް ކޯޗު ބައްޓޭ ބުންޏެވެ.

އޭނާ ބުނީ މިމުބާރާތުގައި މިއަހަރު ވާދަކުރާ ޓީމްތަކުގެ ތެރެއިން ޗެންޕިއަން އަދި ރަނައަޕް ޓީމަށް އަންނަ އަހަރުގެ އަޟްހާ އީދުގައި ބާއްވާ ޕްރެންޑްލީ ޔޫތް ކަޕްގައި ކުޅުމުގެ ފުރުސަތުދޭން ނިންމާފައިވާކަމަށެވެ. އަޟްހާ އީދުގައި އޭދަފުށީގައި ބާއްވާ ފުޓްބޯޅަ މުބާރާތަކީ ކޮންމެ އަހަރަކު މުޅިއޭދަފުއްޓަށް ހުޅުވާލައިގެން ބާއްވަމުން އަންނަ އެންމެ ޝަރަފުވެރި އަދި އެންމެ އަގުބޮޑު މުބާރާތެވެ.

ބައްޓޭ ބުނީ ރިސޯޓް މުބާރާތުގެ އާފެށުމާއެކު މިސިލްސިލާ މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމަށެވެ. ބ. އަތޮޅު ރިސޯޓް ތަކަށް ހުޅުވާލައިގެން އޭދަފުށީ ކްލަބް ކޮންބިނޭޝަން (ސީސީ) އިންވެސް 2013ން 2015އާ ދެމެދު ފުޓްބޯޅަ މުބާރާތްތަކެއް ބޭއްވިއެވެ. ނަމަވެސް އެމުބާރާތް ނުބާއްވާތާ މިހާރު ދެއަހަރުވެއްޖެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top