ސަރުކާރުގެ އޮފީސްތަކުގެ ބައިވެރިވުމާއެކު އޭދަފުށި ސާފުކޮށްފި

Eyd3.jpg

އޭދަފުށި ސާފުކުރުމުގެ މަސައްކަތުގައި ސަރުކާރުގެ މުވައްސަސާއެއް. –ފޮޓޯ: ތޯރިގް/އީޓީ

ބައިނަލްއަގްވާމީ “ކޯސްޓަލް ކްލީން އަޕް ޑޭ” ނުވަތަ ފާހަގަކުރުމުގެ ގޮތުން އޭދަފުށި ސާފުކުރުމަށް ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނާއި ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ނުކުމެ ރަށުތެރެ ސާފުކޮށްފިއެވެ. 

މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގެ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލް ތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން ސްކޫލްތަކާއި ސަރުކާރުގެ އިދާރާތައަ އަދި ޖަމިއްޔާ ޖަމާއަތްތަކާއި އާއްމު ރައްޔިތުން ވެސް ހިމެނޭ ގޮތަށް ގުޅިގެން މި ދުވަސް ފާހަގަކުރުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޗަން އެޖެންސީ (އީޕީއޭ ) އިން ވަނީ އެދިވަޑައިގެންފައެވެ. 

މިގޮތުން އޭދަފުށީ ކައުންސިލްގެ އިސް ނެގުމާއެކު ސަރުކާރުގެ އެކި އިދާރާތަކުން ފަސްދޮޅަހެއްހާ މީހުންނުކުމެ ރަށް ވަށައިގެން ސާފުކުރިއިރު ގަޑިއެއްހާއިރުން ބޮޑެތި ބާޒާރު ކޮތަޅުގެ 100 އަށް ވުރެ ގިނަ ކޮތަޅުގެ ކުނި އެއްކުރެވިފައިވާ ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދެއެވެ. 

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަޙްމާން ވިދާޅުވީ ބައިނަލް އަގްވާމީ ގޮނޑުދޮށް ސާފުކުރުމުގެ ދުވަހާ ގުޅިގެން ރަށް ވަށައިގެން ސާފުކުރި ނަމަވެސް މިކަމުގައި އެންމެ އިސްކަން ދޭން ޖެހިފައިވަނީ ރަށް ސާފު ތާހިރުކޮށް ބޭއްވުން އެއީ ދާއިމީ ކަމެއްގެ ގޮތުގައި އެންމެންވެސް ބެލުން ކަމުގައެވެ. 

މިކަން މިއަދު ރަށުތެރެ ސާފުކުރަން ނުކުތް މީހުންނަށް ރަނގަޅަށް ވަޒަން ކުރެވުނު ކަމަށް ތޮލާލު ވިދާޅުވިއެވެ. 

” ގޮނޑުދޮށާއި އަތިރި މައްޗަށް ކުނި އެޅުމަކީ ތަހްޒީބު މުޖުތަމައު ގަބޫލު ކުރާ ކަންކަމެއް ނޫން. އެގެ ބަދަލުގައި މިހާރު ކޮންމެވެސް ވަރަކަށް ބަނދަރުގެ އެކި ސަރަހައްދު ތަކުގަ އާއި އާއްމުކޮށް މީހުން ގޮސްއުޅޭ ސަރަހައްދުތަކުގައި ބަހައްޓާފައިވާ ޑަސްބިންތަކުގެ ބޭނުންހިފަންޖެހޭ. ޑަސްބިން ނެތް ތަނެއްކަމަށް ވިޔަސް ވެށި ސާފުކޮށް ތާހިރު ބޭއްވުމަށް ކުނި އެޅުމަށް ޚާއްސަ ކުރެވިފައިވާ ނޫންތަންތަނަށް ކުނި އެޅުމަކީ ރަށާއި މުޖްތަމައަށް ވެވޭ އިހާނާތެއް. ” ތޮލާލު ވިދާޅުވިއެވެ. 

މިދުވަސް ފާހަގަ ކުރުމުގެ މަގްސަދަކީ ހޭޅިފަށާއި ގޮނޑުދޮށާއި މޫދުގެ އިތުރުން ވަށައިގެންވާ ސަރަހައްދުތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއެކު އާއްމުން އެކަމަށް ހޭލުން ތެރި ކުރުންކަމަށް އެންވަޔަރަންމަންޓް އީޕީއޭ އިން ބުނެއެވެ. 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top