މިރޭ ހަނދުކޭތަ ހިފާނެއެވެ. މި ހަނދުކޭތައަކީ މިއަހަރު ތެރޭގައި ހިފާ އެންމެ ދިގުދެމިގެންދާ ހަނދުކޭތަކަމަށް މައުލޫމާތު ލިބެއެވެ.
ހަނދުކޭތަ ހިފަންފަށާނީ މިރޭ 8:50 ގައެވެ. މި ކޭތަ މެންދަމު 1:50 އާހަމައަށް ދެމިގެންދާނެއެވެ. އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނާނެކަމަށް މައުލޫމާތު ލިބެނީ 11:20 ގައެވެ. މިއީ މިއަހަރުތެރޭގައި ހިފާ ދެވަނަ ހަނދުކޭތައެވެ. މިކޭތައަކީ ފަޅިކޭތައެކެވެ.
ހަނދު ކޭތަ ހިފާތަން އެންމެ ރީތިކޮށް ފެންނާނީ އޭޝިއާ، އޮސްޓްރޭލިއާ، އެފްރިކާ، ސައުތު އެމެރިކާ، ޕެސިފިކް، އެޓްލާންޓިކް، އިންޑިއާ ކަނޑު އަދި އެންޓާޓިކާގެ ސަރަހައްދުތަކަށެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މިރޭ ކޭތަނަމާދުކުރުމަށް ވަނީ ހަމަޖެހިފައެވެ. ކޭތަ ނަމާދުގެ ޚުތުބާ އިސްލާމިކް މިނިސްޓްރީން މިހާރު ރަށްރަށަށް ވަނީ ފޮނުއްވާފައެވެ.
އޭދަފުށީގައި ކޭތަނަމާދުކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދު މުއީނުއްދީން ގައެވެ.ކޭތަ ނަމާދުކުރަން ފަށާނީ މިރޭ ނުވައެއްޖަހާއިރުއެވެ.
ހަނދުކޭތަ ހިފަނީ، އިރާއި ހަނދާ ދެމެދަށް ބިން ހުރަސްވެ، ބިމުގެ ހިޔަނި ހަނދަށް އެޅުމުންނެވެ. ކޮންމެ އަހަރަކު ވެސް ދެ ހަނދުކޭތަ އާއި ދެ އިރު ކޭތަ ހިފާނެ އެވެ. ބައެއް ފަހަރަށް ފެންނާނީ ފަޅި ކޭތައެއްގެ ގޮތުގައެވެ. އަދި ބައެއް ފަހަރަށް ފުރިހަމަ ކޭތައެއްގެ ގޮތުގަ އެވެ.
އިރު ކޭތަ ހިފާނީ ކޮންމެ ހިޖުރީ މަހެއްގެ ފެށުމުގަ އެވެ. އަދި ހަނދު ކޭތަ ހިފާނީ ކޮންމެ ހިޖްރީ މަހެއްގެ މެދުތެރޭގައެވެ.