ބ.ތުޅާދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެރަށުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު އަތުލައިގެންފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން އަތުލައިގެންފައިވަނީ 37 އަހަރުގެ ފިރިހެނެވެ.
އެ މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ތުޅާދޫއަށް އަންނަ ބޯޓަކުން މަސްތުވާތަކެތި ތުޅާދުއަށް އެތެރެ ކުރަން އުޅޭ ކަމަށް ތުޅާދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތުޅާދޫ ބަނދަރު ސަރަހައްދުން ކަމުގައި ފުލުހުން ބުނެއެވެ.
އެ މީހާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 151 ސެލޯފިންކޮޅު ފެނިފައިވެއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ.ދަރަވަންދޫން ވެސް ފުލުހުން ވަނީ މިމަހު 5ވަނަ ދުވަހު މީހަކު ހައްޔަރުކޮށްފައެވެ.
ދަރަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭކަމުގެ މަޢްލޫމާތު ފުލުހުންގެ އިންޓެލް އަށްލިބުމާ ގުޅިގެން ދަރަވަންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ދަރަވަންދޫ އެއަރޕޯޓްއިންނެވެ.
މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ ފުރަގަސްފަރާތުގައި ފޮރުވާފައިވަނިކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 4 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.