ޝައިޚް މަޖީދުގެ ދަރެސް : ޙައިޟުވެރިޔާ ކީރިތި ޤުރްއާން ކިޔެވުން

quran-1170x778.jpeg

ޙައިޟުވެރިޔާ ކީރިތިޤުރްއާން ކިޔެވުމުގެ ޙުކުމާމެދު އިލްމުވެރިންގެ މެދުގައި ވަނީ ޚިލާފު އުފެދިފައެވެ.

މި މައްސަލައިގައި ބައެއް ޢިލްމުވެރިން ވިދާޅުވަނީ ނުކިޔެވޭނެކަމުގައެވެ. ނަމަވެސް ޙައިޟުވެރިޔާ މުޞްޙަފުގައި ބީހުމަކާނުލައި ކީރިތިޤުރްއާން ކިޔެވިދާނެކަމުގައި (ޖުމްހޫރުލްޢުލަމާއު) ގިނަޢިލްމުވެރިން ވިދާޅުވެއެވެ.

މުޞްޙަފުގައި ބީހުމަކީ، ޙައިޟުވެރިޔާއަށް ހުއްދަކަމެއް ނޫނެވެ. މިކަމުގައި ޢިލްމުވެރިންގެ ދަލީލަކީ ވާޤީޢާ ސޫރަތުގެ 79 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައިވަނީ، “ޠާހިރުވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ.” މި މާނައަށް ބަލާއިރު ޙައިޟުވެރިޔާއަކީ ބޮޑުޙަދަޘް ވެރި އެކެވެ. ހިނައިގަތުން ވާޖިބުވާ މީހެކެވެ. ޙައިޟުވެރިޔާއަށް މުޞްޙަފުގައި ބީހެވޭނީ ހިނައިގަތުމަށް ފަހުގައެވެ.

ބައެއްމީހުންގެ ސުވާލަކީ، ފޯނު ހިފަހައްޓައިގެން އިނދެ ފޯނުން ބަލައިގެން ކިޔެވުމާއި، އަދި ކީރިތި ޤުރްއާނުގެ ތަފްސީރު ފޮތެއް ހިފަހައްޓައިގެން އިދެ އެފޮތުން ބަލައިގެން ކީރިތިޤުރްއާން ކިޔެވިދާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި ގިނަ ޢިލްމުވެރިން ވިދާޅުވަނީ، ކިޔެވިދާނެ ކަމުގައެވެ. އެއީ ފޯނަކީ މުޞްޙަފެއްނޫނެވެ. އަދި ޤުރްއާން ތަފްސީރު ފޮތަކީވެސް މުޞްޙަފެއްނޫނެވެ. އަދި ހަމައެހެންމެ އެއްޗެއް ނުބަލައި ހިތުންވެސް ކިޔެވިދާނެއެވެ.

ޝައިޚުލްއިސްލާމް އިބްނުތައިމިއްޔާ (ރަޙިމަހުﷲ) ވިދާޅުވެފައިވަނީ، މުޞްޙަފުގައި، އާޔަތްތައް ލިޔެފައިވާގޮތަށް(ޞައްޙަމަގުން) ޙައިޟުވެރިޔާ މުޞްޙަފުގައި ބީހުމަކާނުލައި ޤުރްއާން ކިޔެވުމަކީ މަނާކަމެއް ނޫން ކަމުގަ އެވެ.

ޙައިޟުވެރިޔާއަކީ، އޭނާ އާއި ﷲ އާދެމެދު ޙައިޟުގެ މުއްދަތުގައި ގުޅުން ކެނޑިފައިވާ މީހެއްނޫނެވެ. އެހެންކަމުން ފާފަ ފުއްސެވުމަށް އެދި ﷲ އަށް ދެންނެވުމާއި، އެކިއެކި ކަންކަމަށް އެދި ދުޢާކުރުމާއި ޛިކުރުކުރުމާއި އަދި ތަސްބީޙަތައް ދުލުންނާއި ހިތުންވެސް ކިޔުމަކީ، ހުއްދަކަމެއްކަމަށް އިލްމުވެރިން އެއްބަސްވެވަޑައިގަންނަވައެވެ.

މިކަމުގައި ޙައިޟުވެރިޔާ އާއި ނިފާސްވެރިޔާ ހަމަހަމަވެގެންވެއެވެ.

މާތްﷲ އަޅަމެން ކުރާ އަޅުކަންތައް ޤަބޫލުކުރައްވައި ހެޔޮޖަޒާ ދެއްވާށިއެވެ.އާމީން.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top