އޭދަފުށްޓަށް އަންނަންއުޅޭތާ 32 އަހަރު. އަދި ކިރިޔާ މިއާދެވުނީ : ޙުސްނުއްސުޢޫދު

DSCN6030.jpg

އަލްއުސްތާޒް ޙުސްނުއްސުއޫދު އޭދަފުށީގައި - ފޮޓޯ :އޭދަފުށި ވޮއިސް

ރާއްޖޭގެ ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޒް ޙުސްނުއްސުޢޫދު މި ވަގުތު ހުންނެވީ އޭދަފުށީގައެވެ. ސުއޫދު ވަޑައިގެން މިއުޅުއްވަނީ އެހެން އެއްވެސް ބޭނުމަކު ނޫނެވެ. ހަމަ ކަމާ ކަން ފަށައިގެން އޭދަފުށްޓަށް ޗުއްޓީ ހޭދަކުރައްވާށެވެ.

އެކަމަކު އުސްތާޒްސުއޫދުގެ މި ދަތުރަކީ ވަރަށް ޚާއްސަ ތާރީޚި ދަތުރެކެވެ. ވަރަށް އާދަޔާ ޚިލާފު ދަތުރެއްވެސް މެއެވެ. ވަޑައިގަންނަވަން ކިތަންމެ ބޭނުންފުޅުވިނަމަވެސް އޭދަފުށްޓަށް ވަޑައިގެންނެވުނީ 32 އަހަރުގެ ދިގު އިންތިޒާރަކަށް ފަހުގައި ކަމަށްވާތީއެވެ.

ހުސްނުއްސުޢޫދަކީ އޭދަފުށީގެ ތައުލީމަށް ކޮޅެއް މިނެއްނެތް އަދަދުނުކުރެވޭފަދަ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ.އަހްމަދު އަންވަރުގެ ކޮއްކޮއެވެ. އަދި ހަމައެހެންމެ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ހެޑްމާސްޓަރ ކަން ކުރައްވާފައިވާ އަބްދުﷲ ޒަމީރުގެ ވެސް ކޮއްކޮއެވެ. އެދެބޭފުޅުންނަކީ އޭދަފުށީ ރައްޔިތުންގެ ވަރަށް ޚާއްސަ ގަދަރަކާ އިހްތިރާމެއް ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް ވެފައި  ޚާއްސަކޮށް ޑރ.އަންވަރުގެ ދެވަނަ ގެއަކީ އޭދަފުށިކަމަށް ވާތީ އޭދަފުށްޓާ އައްޑު އަތޮޅު މީދޫ ހަސަންކާރިގޭ މި ގަދަރުވެރި އާއިލާއާ އޮތީ ވަރަށް ގާތް ގުޅުމެކެވެ.

ސުއޫދުވެސް ވިދާޅުވީ ހަމަ މިހެންނެވެ.

” މި ރަށަކީ އަޅުގަނޑުމެންގެ ވަރަށް ގާތް ރަށެއް. ކުރިއްސުރެ އަޅުގަނޑުގެ ބޭބެ އަންވަރު އަދި ޒަމީރު މި ރަށުގައި ގިނަ ދުވަސްތަކަކު ހެޑް މާސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައި އޭގެ ފަހުންވެސް އަންވަރު ވަރަށް ގިނައިން މިރަށަށް ވަޑައިގަންނަވާ .އަނެއްކާ މިރަށުގެ ވަރަށް ގިނަ ބޭފުޅުން ވަޑައިގަންނަވާނެ އަންވަރުމެން އަރިހަށް އަންވަރުމެންގެ ގެއަށް. އެހެންވީމާ އެގޮތުން ވަރަށް ގިނަ ރައްޓެހިންނާ ދަންނަ މީހުންވެސް މި ރަށުގައި އުޅޭނެ ”

ސުއޫދު ވިދާޅުވީ 1985 ހާހިސާބުގަ އަންވަރު މިރަށުގައި ހުންނެވި ހިސާބުން ފެށިގެން އޭރުން ފެށިގެން މި ރަށަށް އަންނަން އަޒުމް ކަނޑައަޅައިގެން މި ރަށަށް އަންނަން ބޭނުންކަމުގައި ވިޔަސް ކޮންމެވެސް ސަބަބެއް މެދުވެރި ވެގެން ނާދެވި ދިޔައީ ކަމުގައެވެ.  ރާއްޖޭގައި އޭނާ ވަޑައި ނުގަންނަވާ ރަށެއް މަދު ވާނެ ކަމަށާއި މި ރަށުގެ ވަށައިގެން ހުރި ރަށްރަށަށްވެސް ވަޑައިގެންނެވުނުކަމަށާއި އެކަމަކު އޭދަފުށްޓަށް ހަމަ ނާދެވުނު ކަމުގަގައެވެ. އެހެންވެ މިފަހަރު ނިންނީ ކޮންމެ ގޮތެއް ހަދައިގެންވިޔަސް އޭދަފުށްޓަށް އައުމަށެވެ.

” އަޅުގަނޑު ހިތަށް އަރާ ކީއްވެގެން ބާއޭ މިރަށަށް ނާދެވި މިއުޅެނީ .އެހެންވީމާ ހިތަށް އެރީ މިދަތުރު ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އޭދަފުށްޓަށް އަންނާނީއޭ. އެހެންވެގެން މި ދަތުރު ކޮންމެހެން މިއައީ.އެހާ ގާތް ރަށަކަށް ވެފާ މި ރަށަށް ނާދެވި އޮތީމަ .”

އޭދަފުށްޓާ ބެހޭ ގޮތުން ސުއޫދު ވިދާޅުވީ މިރަށަކީ ވަރަށް ތައުލީމީ ވަރަށް ގާބިލް ބަޔަކު އުޅޭ ރަށެއްކަމާއި ސަރުކާރުގެ މަތީމަގާމްތައްވެސް ފުރުއްވާފަ ތިއްބެވި ބޭފުޅުން ތަކެއް ތިއްބެވި ރަށަކަށް ވާތީ އެކަން މިރަށުންވެސް އެބަ ފެންނަކަމަށާއި މި ރަށުގެ ތަރައްގީއާ މެދު ސުވާލެއް ނުއުފެދޭ ކަމުގައެވެ.

“އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް މީހުން ހެޔޮރަށެއް. ކުރިންވެސް އެނގޭ މީހުން ހެޔޮ ރަށެއްކަން މީ. މީހުންނާ ވަރަށް ގުޅޭ ، މީހުންނާ ގުޅުންް ބަހައްޓާ ބައެއްކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ. އެހެންވީމާ އަލަކަށް ފެނުނު މަންޒަރެއް ނޫން އެއީ. ކުރިއްސުރެ ދަންނަ އެތައް ބަޔަކު، އޭގެ ތެރޭގައި އަޅުގަނޑާއެކު ސްކޫލްގައިވެސް އުޅުނު ބައެއްކުދިން . އެހެންވީމާ އެނގޭ މެހްމާން ދާރީ އަދާކުރުމުގެ ވެސް އެއްވަނައިގެ ރަށެއްކަން. ” ސުއޫދުގެ ޝުއޫރުތައް އީވީއާ ހިއްސާކުރެއްވިީ މި ގޮތަށެވެ.

ސުއޫދު އިތުރަށް ވިދާޅުވީ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ނުވަތަ މިވެނި ކަމެއް މިވެނި ގޮތަށް ހުރިނަމަ ހާދަ ރަނގަޅު ވީހޭ  އެހެން ބުނާނެ އެއްވެސް ކަމެއް ނެތް ކަމުގައެވެ. އެހެންނަމަވެސް ސުއޫދު ހީކުރެއްވި ގޮތާ ޚިލާފަށް އެއްކަމެއްގެ އުނިކަން އިހްސާސްކުރައްވަމުން ވިދާޅުވީ ހީކުރި ވަރަށްވުރެ މިރަށުގައި ގަސް މަދު ކަމުގައެވެ.

” ހީކުރިން ގަސްގަހާގެހި ގިނަވާނެކަމަށް. އެއީ ހަމައެކަނީ އަޅުގަނޑު ހީކުރި ގޮތާ ތަފާތުކޮށް މި ރަށުން ފެނުނު އެންމެ ކަމަކީ. ރަށުގައި ދިރިއުޅޭ ބަޔަކަށް ފިނި އަދި ހިތް ފަސޭހަ މާހައުލެއް ދެއްތޯ މުހިންމު ކަމަކީ. އެކަން ކުރެވޭނީ ގަސްގަހާގެހި އިތުރު ކޮށްގެން . “އުސްތާޒް ސުއޫދު ވިދާޅުވިއެވެ.

ސުއޫދުގެ މިވާހަކައަށް ސަތޭކަ އިންސައްތަ ތާއީދެވެ. އަޅުގަނޑުމެންގެ ކަންބޮޑުވުމަކީވެސް އެއީއެވެ. ރަށުގައި ގަސް މަދުވުމެވެ.  އެހެންނަމަވެސް ތަރައްގީގެ މަޝްރޫއުތަކާއެކު ނުކަނޑަން ޖެހޭ ކިތައް ގަސް މި ރަށުން ކަނޑައިފިކަން ފާހަގަކޮށް އެވާހަކަ ދައްކާ މީހަކު އެބައުޅޭ ހެއްޔެވެ. އެގަސްގަހުގެ ބަދަލުގައި އާގަސް އިންދާ ހެއްދުމަށް އިސްނަގައިގެން މަސައްކަތް ކުރާނޭ ބަޔަކު މިއަދު މިވަނީ މިރަށަށް އިންތިހާއަށް ބޭނުން ވެފައެވެ.

އުސްތާޒް ހުސްނުއްސުއޫދާއި އާއިލާ އަށް ވަރަށް އުފާވެރި ޗުއްޓީގެ ދުވަސްކޮޅަކަށް އެދެމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top