ގަޔަށް ވައްޓާލި ލިބާހާ އެކު ދިރިއުޅެނީ އޭދަފުށީގައެވެ. އެކަމަކު އަދިވެސް އެއީ ރަސްމާދު މަރިޔަން ފުޅެވެ. އެއީ މައްސަލައެއް ނޫނެވެ. އޭނާގެ ދިރިއުޅުން އޮތީ އޭދަފުށީގައެވެ. ރަސްމާދޫ މީހަކަށް ވިޔަސް އޭނާ ދިރި އުޅުން ފެށީ އޭދަފުށީގައެވެ. އޭދަފުށީގެ މީހަކާ އިނދެގެން ފުރަތަމަ ކައިވެނި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ރޫޅުނު ނަމަވެސް ދެންވެސް ކައިވެނި ކުރީ އޭދަފުށީ މީހަކާއެވެ. އޭދަފުށީ ބޯޑިންގހައުސް ޢަބްދުﷲ އަލީއަކީ އޭނާގެ ދެވަނަ ފިރިމީހާއެވެ. ކުރީގެ ކައިވެންޏާއެކު ދެ އަންހެން ކުދިންނާއި ދެފިރިހެން ދަރިންލިބި ކައިވެންޏަށް ބައިގަރުނު ވާން ކައިރިވެފައިވާ އިރު މަރިޔަމްފުޅަކީ އޭދަފުށީގެ ހަޔާތުގައި މުހިއްމު ނަމެކެވެ.
މިރޯދަމަހާއެކު މަރިޔަމްފުޅާ ގުޅިފައިވާ ޚާއްސަ ހަނދާނަކީ މެދު އަވަށު އަންހެނުންގެ މިސްކިތުގައި އޭނާ އިމާމްވެ ތަރާވީޙް ނަމާދު ކުރުމެވެ. މަރިޔަމްފުޅަކީ ރީތިކޮށް ޤުރުއާންކިޔަވާ އަޑު ރީތި ކަނބަލެކެވެ.
އެ އަޅުކަން ގިނަ ޒަމާންތަކެއް ވަންދެން ކުރެއްވިއެވެ. އޭނާބުނީ މި މިސްކތު މުދިންކަންވެސް ކުރަމުން ރޯދަ މަހު ތަރާވީޙް ކުރަމުން ގެންދިޔައިރު އަބަދުވެސް ބަލާފައި އޮންނާނީ މިއީ އަޅުކަމެއްގެ އިތުރުން ޖަމާއަތަކަށް އިޚްލާސްތެރިކަމާއެކު ކޮށްދެވޭ ޚިދުމަތެއްގެ ގޮތަށް ބަލައިގެން ކަމުގައެވެ.
މަރިޔަންފުޅުގެ ފާހަގަ ކުރެވޭ އަނެއް ޚިދުމަތަކީ ޖަމާއަތްތެރިކަމުގެ ރޮނގުން 40 އަށް ވުރެ އަހަރު އޭދަފުށްޓަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތެވެ.
“ކަށުކަމާކެމީގެ ސަނަދު ނެގުމަށްފަހު ފެށީ މި މަސައްކަތް. އޭރުން ފެށިގެން ވަޒީފާއިން 2009 ގައި ރިޓަޔަރ ކުރަންދެން މިމަސައްކަތް މެދުނުކެނޑި ކުރިން.” ސާޅިހަށް ވުރެ ގިނަ އަހަރު ކަށުކަމާކެމީގެ ކަންކަމުގައި އުޅެފައިވާ މަރިޔަންފުޅު ބުންޏެވެ.
މަރިޔަންފުޅު ބުނީ މިމަސައްކަތުގައި އެންމެ ހަނދާންނައްތާލަން ދަތި ދުވަސްވަރަކީ ކޮލެރާ ދުވަސްވަރުގައި ގިނަ ބަޔަކު އެއްފަހަރާ މަރުވެ ހިނެވުމުގެ ކަންތަކުގައި އުޅެން ޖެހުންކަމުގައެވެ. އެދުވަސްވަރުގެ ހަނދާންތައް އާކުރަމުން އޭނާ ބުނީ ރޭގަނޑު ދަންވަރުވެސް އޭނާގެ ޚިދުމަތަށް ގޮވާލައިފިނަމަ ލަހެއް ފަހެއް ނެތި ގެއިން ނުކުމެގެން ދަނީ ކަމުގައެވެ.
“ދަރިން ކޮޅު ވަރަށް ކުޑަ. ދިރިއުޅެނީ ހަމައެކަނި ފިރިމީހާއާއެކު. އިތުރު އެހެން މީހަކު ނޫޅުމާއެކު ކުއްޖަކު ހޭލައިގެން ރޯފާނެތީ ވަރަށް ކަން ބޮޑުވޭ. ”
އެކަމަކު އެގޮތަށް ރޭގަނޑު މަސައްކަތުގައި ނުކުމެ އުޅެނިކޮށް ދުވަހަކުވެސް ދަރިއަކު ހޭލައިގެން މަންމަ ހޯދަން ނުރޯކަމަށް މަރިޔަމްފުޅު ބުންޏެވެ.
” އެގޮތަށް ބޭރަށް ދާއިރު ދަނީ ކުޑަ ކަމެއްވެސް ކޮށްލާފައި. ދަރިން ނުހޭލާތޯ ” ކުޑަކޮށް ހިނިތުން ވެލާފައި އޭނާ ބުންޏެވެ.
މިއަދު މަރިޔަންފުޅު އިނީ ގޭގައި ހުރިހާ ކަމަކުން ހުސްވެގެންނެވެ. އުމުރާ ހާލާތުގެ ސަބަބުން މުސްކުޅި އުމުރުގެ ދުވަސްތައް ފައިދާ ހުރި ހެޔޮ ގޮތުގައި އަދާކުރުން މަތީގައެވެ. ދަރިންނާއި މާމަ ދަރިންގެ ލޯތްބާއެކު ރަނގަޅު ދަރިންތަކެއް ބިނާ ކުރެވުނު ކަމުގެ ފަޚްރުވެރިކަން މަތީގައެވެ.