އަހަރެމެން އަހަނީ ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުންނާނެއޭ ބުނާ އަޑެވެ. އެހެންވިއްޔާ ކާމިޔާބު ކޮންމެ އަންހެނެއްގެ ފަހަތުގައި ހުންނަނީ ކާކު ހެއްޔެވެ؟ ފިރިމީހާ ހެއްޔެވެ. އާއިލާ ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ދީފައިވަނީ އޭދަފުށީ އުއްމީދުގޭ ނާހިދާ އިސްމާއީލް އެވެ. އޭނާ ދައްކައި ދީފައިވަނީ ކާމިޔާބު މީހަކަށްވުމަށް އެމީހެއްގެ ފަހަތުގައި މީހަކު ހުރުމަކީ މުހިއްމު ކަމެއް ނޫންކަމެވެ. ކާމިޔާބު މީހަކަށް ވުމަށް ބޭނުންވަނީ ވަރުގަދަ އީމާންތެރިކަމާއެކު ނިޔަތުގައި ތެދުވެރިކަމެވެ. އެކަން އޭނާގެ ގެއަށް ވަން ކޮންމެ މީހަކަށް ވެސް ސާފުކޮށް އެހެރީ ފެންނާށވެ.
އޭނާގެ ވާހަކަ ވަރަށް ޝައުގުވެރިއެވެ. އާދަޔާ ޚިލާފެވެ. ދިވެހިންގެ ތެރެއިން މަދުން ނޫނީ ނުފެންނާނޭ ކަހަލަ އަގުހުރި ޝަޚްސިއްޔަތެކެވެ. އެއީ ބޮޑު ސިންގާ އާއިލާއެއް ހިންގާ މައިސޯބެވެ. ވަރަށް އާދައިގެ ދިރިއުޅުމަކުން ވަރަށް ފުދިގެންވާ ދިރިއުޅުމަކަށް އާއިލާ ބަދަލުކޮށްލި މިއާރުކާޓީ ، ދިވެހި ހީވާގި ކަނބަލުންގެ ލިސްޓްގެ އެންމެ ކުރީ ފޮޅުވަތުގައި ލިޔަންޖެހުނުކަމުގައިވިޔަސް އެކަން މި މުޖްތަމައު ވަނީ ހަނދާން ނައްތާލާފައެވެ. ކަނބަލުންގެ އަޑު ނުހަނު ގަދަވަމުންދާ ދުވަސްވަރެއްގައި މުޖްތަމައުގެ ހަވާސާއިން ބޭރުގައި ގައުމު ބިނާ ކުރުމަށް ބުރަ މަސައްކަތް ކުރާ މިފަދަ އަންހެނުންނަށް ހައްގު މަގާމު ހޯދައިދިނުމަކީ ކުރަން ޖެހޭ ކަަމެކެވެ. އެހެން ކަނބަލުންނަށް ދެވޭ ހިތްވަރެއްގެ ގޮތުންނެވެ. ދިވެހި ކަނބަލުންނަކީ އާދަޔާ ޚިލާފު ހިންގުންތެރި ބައެއްކަން މުޅި ދުނިޔެއަށް ގޮންޖަހާފައި ދެއްކުމަށް ޓަކައެވެ. ގައުމުގެ އަގު ބޮޑު މަންމައިންގެ ލިސްޓުގައި މި ގައުމުގެ ކޮންމެވެސް ހިސާބެއްގައި މިމުޖްތަމައުގައި ދިރުމާއި ކެރުން ހުރި އާއިލާތައް އުފައްދާ އަންހެނުން ނުހިމަނާ ދެން އިތުރަށް ހިމަނަން ޖެހޭ އެއްވެސް ބައެއް ނޯންނާނެތީއެވެ.
ނާހިދާއަކީ މަޝްހޫރު ނަމެއް ނޫނެވެ. ރަށުގެސިޔާސީ އަދި އިޖްތިމާއީ ދާއިރާގައި ބީރައްޓެހި ނަމަކަށް ވިޔަސް މިއީ ގައުމީ ފެންވަރުގެ ބަތަލާއެއްކަން ދަންނަނީ ކިތައް މީހުން ބާއެވެ. އޭނާގެ މަސައްކަތަށް ދޭންޖެހޭނީ މަހާރެހެންދި އެވޯޑު ނުވަތަ ގައުމުގެ އަންހެންދަރިޔާ ގެ ނަމުގައި ދެވޭ ޚާއްސަ އެވޯޑުކަމުގައި ގަބޫލު ކުރަން ޖެހެއެވެ. އޭނާގެ މަސައްކަތަށް އެވަރު ބޮޑު އަގެއް ދޭން ޖެހެނީ ކީއްވެގެން ހެއްޔެވެ. ޝައްކެއްވެސް ނެތް ގޮތުގައި އެއީ އޭނާގެ ތަފާތު އަދި ބުރަ އާދަޔާ ޚިލާފު މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
އުމުރުން 63 އަހަރުގެ ނާހިދާއަކީ އޭނާގެ އާއިލާގައި ހިމެނޭ 39 މީހުންނާއެކު ، އެއްގޭގައި އެއްބަދިގޭގައި ކައްކައި އެއްތަށި މަތިން ކާންދީގެން ގެންގުޅުމުގެ ރެކޯޑް ހޯދާފައިވާ މަންމަ އަދި މާމަ އެވެ. އޭނާގެ ގެއަށް ބޮޑުގެ އޭ ނުވަތަ ރިސޯޓޭ އާއްމު ބަހުރުވައިން މުޚާތަބްކުރެވެނީ ވަނަމަކަށް ނޫނެވެ. އެ ގެ ބޮޑުކަމަކުން ވެސް ނޫނެވެ. އެގޭގައި ކުރާ މަސައްކަތްތައް ގިނަވެފައި ބޮޑެތިކަމުންނެވެ. ގޭގައި ދިރިއުޅޭ މީހުން ޚާއްސަކޮށް އަންހެނުން ގިނަވެފައި އެއާއިލާގައި އޮތް ގަދަފަދަ އެކުވެރިކަމުގެ ސަބަބުންނެވެ. ރައްޔިތުންގެ ފަރާތުން ނުވަތަ އަވަށުގެ ފަރާތުންވިޔަސް ބޮޑު ކެއްކުމެއް ނުވަތަ ބޮޑު އިވެންޓެއް ބާއްވާކަމުގައިވާނަމަ މި ގެއަކީ ރައްޔިތުންގެ “ބޮޑުގެ” އެވެ.
ނާހިދާގެ އުމުރުން 15 އަހަރުގައި ކުރި ކައިވެންޏާއެކު ދިރިއުޅުމުގެ ތަފާތު ހުވަފެންތައް ދެކެން ފެށިއެވެ. ފިރިމީހާ މުހައްމަދު ހުސޭނަކީ މަސައްކަތް ތެރި މުރާލި މީހެކެވެ. ވަޑާންކުރުމާއި ސިމެންތީގެ މަސައްކަތުގައި އޭދަފުށީގެ ނިސްބަތުން ފުންނާބު އުސް މީހެކެވެ. އަލަތު ކައިވެންޏާއެކު ފުރަތަމަ ދިރިއުޅުނީ ނާހިދާ މެންގެ ގޭގައި ކަމަށް ވިޔަސް ދެކުދިން ލިބުމާއެކު ބަދަލުވީ ދެމީހުންގެ މަސައްކަތުން އިމާރާތްކުރި ބޮޑު ސިންގާ ގޯއްޗެއްގައި އިމާރާތް ކުރި ކުޑަކުޑަގެއަށެވެ. ދިރިއުޅުނީ އާދައިގެ ގޮތަކަށް ފުދޭވަރެއްގެ އާމްދަނީއަކާ އެކުގައެވެ.
އެހެންނަމަވެސް ކައިވެނީގެ އުފާވެރިކަމާ ދިރިއުޅުމުގެރީތި ހަވީރުތައް ނާމާން ރޭތަކަކާއި ދުވަސްތަކަކަށް ބަދަލު ވެގެން ދިޔައީ ހީވެސް ނުކުރާކަހަލަ ގޮތަކަށް ހަމަ ކުއްލިއަކަށެވެ. 11 ދަރިން ލިބި އެކުދިން ނަށް ތައުލީމާއި ތަރުބިއްޔަތު ދިނުމުގައި ރޭ ދުވާ އެއްކޮށްލައިގެން މަސައްކަތް ކުރުމަށް ފަހު ދިރިއުޅުމުން ހިންދަމާލަން ލިބުނު ވަގުތުގައެވެ. 12ވަނަ ކުއްޖާއަށް ބަލިވެ އިންދައެވެ. ނަސީބުގެ އުދަރެސް ބަނަކޮށްލީ ހަމަ ކުއްލިއަކަށެވެ. ފިރިމީހާ ޕެރެލައިޒްވީއެވެ.
ދެންހަދާނީ ކިހިނެއް ހެއްޔެވެ. 11 ކުދިންނަށް ތައުލީމު ދިނުމަކީ ކުޑަކަމެއް ނޫނެވެ. ހަމައެއާއެކު ފިރިމީހާގެ ބައްޔަށް ފަރުވާ ކުރުމަކީވެސް ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
އޭނާ މާޔޫސެއް ނުވިއެވެ. އަނެއްކާވެސް “ލިބާހުން އެއް ދަރު ބަނދެލީއެވެ.” އާ ހިތްވަރަކާއެކު ދުނިޔެއާ ކުރިމަތިލީއެވެ. އޭނާގެ އަތުގައި ފައިސާއެއްނެތެވެ. އިތުރު އިންވެސްޓެއްކުރެވޭނީވެސް އެހެންނަމަތާއެވެ. އޮތްހާވެސް އެއްޗަކީ އަޒުމަކާ އީމާންތެރިކަމެވެ.
“ފުރަތަމަ ފެށީ އޯޑަރަށް ކައްކައިދޭން. އެކަން ވައިގާ ހިފުމުން ހެދިކާ ހަދައިގެން ވިއްކަންވެސް ފެށީ.” މަސައްކަތް ފެށުނު ގޮތް ނާހިދާ ކިޔައިދިނެވެ.
ނާހިދާ ބުނި ގޮތުގައި އޯޑަރުތައް އައީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެއީ އޭނާގެ އުފެއްދުންތެރިކަން ރަނގަޅު ކަމުންނެވެ. އެހެންނޫންނަމަ މިއަދާ ހަމައަށް މިކަން ފުޅާވެގެން ނުދާނެތާއެވެ. މިއަދުގެ ހަގީގަތަކީ ލިބޭ އޯޑަރު ގިނަ ކަމުން ބައެއްފަހަރު ނޫނެކޭ ބުނަން ޖެހުމެވެ.
ނަސީބުވެސް ބަދަލުވީއެވެ. ދަރިންނާއި މާމަދަރިންގެ ބައިވެރިވުމާއެކު މިއަދު އެއާއިލާއަކީ އުފާވެރި ފުދުންތެރިއާއިލާއަކަށް ވަނީ ވެފައެވެ. ބައްޕަ ދަރިންނަށް އަބަދު ވިސްނައިދީ ދަސްކޮށދީފައި އޮތް އެންމެ ވަރުގަދަ ފިލާވަޅަކީ އަހަރެމެންނަކީ ނިކަމެތި ބައެއްކަން ދަނނާށޭ ބުނިކަމަށް ވިޔަސް މިއަދު އެހަގީގަތް ވަނީ ބަދަލުވެފައެވެ. ފުދުންތެރި އުފާވެރި އާއިލާއެއްގެ ހުރިހާ ޝަރުތެއް ހުރީ ހަމަވެފައެވެ.
މިހާރު ނާހިދާގެ 4 ފިރިހެން ކުދިންނާ 7 އަންހެން ކުދިން ވެސް ވަނީ ބޮޑެތިވެފައެވެ. އެންމެ ހަގު މީހާގެ އުމުރުން 23 އަހަރެވެ. ފިރިހެން ކުދިން މަސައްކަތް ކުރަނީ ރިސޯޓުތަކުގައެވެ. ދަރިންނާއި ދަރިންގެ ފިރިންނާއި އަނބިން އަދިމާމަ ދަރިންވެސް ދިރިއުޅެނީ ހަމަ މި ހިޔާވަހި ކަމުގައެވެ. މައްސަލައެއްް ނުޖެހި އޮމާންކޮށް މިހާހިސާބަށް އައުމުގެ ސިއްރެއްވާނެއެވެ.
ނާހިދާ ހީލާފާއި ޖަވާބު ދިނެވެ.
“ވެދާނެ ތަރުބިއްޔަތުގެ ނަތީޖާކަމަށް. އަހަރެމެން ދެމަފިރިން 11 ކުދިން ތަރުބިއްޔަތުކޮށްފައި އެތިބީ މަޑުމައިތިރިކަމާއެކު ވާހަކަ ދައްކައިގެން. ހަޅޭއްލަވާ އަޑުގަދަކޮށްގެން ނޫން. އެކަމުގައި އާއިލާގެ އެއްވެސް މީހެއްގެ، މަންމައެއްގެ އެހީތެރިކަމެއްވެސް ލިބިފައެއް ނޯންނާނެ. ދަރިންނަށް އެންމެ ކުޑައިރުން ފެށިގެން އަމިއްލަ ދިރިއުޅުމަކާ ހަމައަށް އަންނަންދެން އަންގާފަ އޮންނާނެ ރޭގަނޑު 9ގެ ފަހުން ބޭރުގައި ނޫޅުމަށް. ކުދިން ގެނެސް ކައިރީގައި ބައިތިއްބައިގެން ބައްޕަ ނަސޭހަތް ދޭނެ. ބަސްއަހާ ކުދިންނަށް ވުމަށް. އަހަރެމެންނަކީ ނިކަމެތި ބައެއްކަން އެކުދިންނަށް ހަނދާން ކޮށްދޭނެ. .ބައްޕައާއި މަންމަގެ ބަސް އެހުމަކީ ދަރިއެއްގެ ފުރަތަމަ ފަރުޟް ކަމަށް ބައްޕަ ބުނާނެ.”
ނާހިދާ ބުނީ ދަރިންނަށް ނަސޭހަތް ދިނުމަކީ ހަމައެކަނި ކުޑައިރު ކުރަންޖެހޭނެކަމެއް ނޫންކަމުގައެވެ. ބޮޑުވެ މީހުންނާއިނުމަށް ފަހުވެސް ނަސެހަތް ދޭން ޖެހޭނެކަމުގައެވެ.
“މިހާރުވެސް ނަސޭހަތް ދެން. ދައްކަނީ އެންމެ ކުޑައިރުވެސް ދެއްކި ވާހަކަތައް. އިތުރަށް ބުނަނީ ފިރިންނަށާ އަނބިންނަށް ކަމޭ ހިތުމާއެކު ދަރިންނާމެދު އިހުމާލު ނުވާށޭ. މަންމަމެން ގެންގުޅުނު ގޮތަށް އެކުދިން ގެންގުޅޭށޭ. ބާރަށް ހަޅޭއްލަވައިގެން ކުދިން ނަށް ބިރު ދެއްކުމުގެ ބަދަލުގައި މަޑުމަޑުން ލޯތްބާއެކު މުއާމަލާތު ކުރުމުން އެކުދިންނަށް މާބޮޑަށް އަސަރު ކުރާނެއޭ.” މާމަކިޔާ 14 ކުދިންނާ 11ކުދިންގެ މަންމަ ބުންޏެވެ.
ކުޑަކުޑަ “ރައްޔިތެއް ” ގޮވައިގެން ދިރިއުޅުމުގެ ބޮޑުބައި މިހާރު ނާހިދާ ހޭދަކޮށް ނިމުނީއެވެ. އިންސާނުންކަމަށް ވީތީ މިބައިމީހުންގެ މެދުގައިވެސް ކޮންމެވެސް ވަރަކަށް ޚިޔާލު ތަފާތު ވުމާއި ކުދި ކުދި މައްސަލަތައް ވެސް އުފެދޭނެއެވެ. އެކަންކަން ހައްލުކުރުމަށް ނާހިދާ ކަންކުރާ ގޮތަކީ ކޮބާހެއްޔެވެ؟
“އެންމެ ބޮޑަށް ބަލަނީ އިންސާފަށް. މާމަ ދަރިން އެއްކުދިން އަނެއްކުދިންނާ ތޮޅުމާއި ބައެއްފަހަރު ކުދިކުދި މައްސަލަ ޖެހުންކަމުގައި ވިޔަސް އެއްވެސް ފަރާތަކަށް ބުރަ ނުވެ އިންސާފު ގާއިމުކުރުމުން އެކަން ވަރަސް އަވަހަސް ހަމަޖެހިގެން ހިގައިދޭ. ”
ދެންއޮތީ ބޮޑު ސުއާލެވެ.
“އާއްމުކޮށް ރާއްޖޭގައި ހިނގާކަމެއް. ގެއަށް އަންނަ ޅީ ދަރިފުޅު (ފިރިހެންދަރިފުޅުގެ އަނބިމީހާ ) ވަރަށް ނުގުޅޭނެ މައިދައިތަ. އަދި އޭނާ ގެ އަންހެންދަރިން. މިގޭގަވެސް އެބައުޅޭ އެފަދަ ކުދިން. އެކުދިންނާ ނާހިދާ އާއި ނާހިދާގެ ދަރިންނާމެދު އެއްވެސް ނުތަނަވަސްކަމެއް އޮވޭހެއްޔެވެ.
“ނެތް. މިގެއަކީ ހުރިހާ ކުދިންގެވެސްގެ. ހުރިހާ ކުދިންވެސް ގުޅިގެން ރީތި ކޮށް އުޅެންވީ ” ނާހިދާގެ ޖަވާބު ކުރުވެފައި ފުރިހަމައެވެ.
ނާހިދާގެ ދިރިއުޅުމާމެދު މިހާރު ހަމައެކަނި އޮތް ކަންބޮޑު ވުމަކީ ފިރިމީހާގެ ބައްޔެވެ. އެބަލީގައި މިހާރު 23 އަހަރު އެދުމަތިވެފައި އޮންނައިރު ފިރިމީހާއަށް ޚިދުމަތް ކުރުމުގައި މިއަދުވެސް ނާހިދާ ފެންނަނީ ފުރަތަމަ ދުވަހާ އެއްގޮތަށެވެ. ފިރިމީހާގެ ޚިދުމަތުގައި ހުންނަނީ ފޫހިކަމެއްނެތި ހިނިތުންވުމާއެކުގައެވެ. އީވީގެ ޓީމަށް އެގޭތެރެއިން ނާހިދާގެ ފިރިމީހާ ފެނުނުއިރުވެސް ހީވީ ހަމަދެންމެ ފެންވަރުވާލާފައި އިންހެންނެވެ.
“23 އަހަރުމިވީ މި ގޮތަށް ނަގާ އުފުލުމުގައި. އެހެންނަމަވެސް ދުވަހަކުވެސް ބަރުބަހެއް ނުބުނަން. ފެންވެރުވުމާ ގަޑިން ގަޑިއަށް ކާން ދިނުމާއި އެހެނިހެން ޚިދުމަތްތަކުގައިވެސް ގަޑިއަށް ފަރުވާ ކުޑަކޮށްފައެއް ނޯންނާނެ.
އަހަރެމެން އެދެނީ ނާހިދާގެ ފިރިމީހާއަށް އަވަސް ޝިފާއެކެވެ.