މަޖިލިސް އިންތިޚާބުުގައި އާއްޓޭ ޚިޔާރު ކުރެއްވީ ސަލީމްގެ ފަހަތް

Untitled-1-copy.jpg

އަހުމަދު އާރިފް (އާއްޓޭ) ޕީޕީއެމް އަށް ސޮއި ކުރެއްވުމާއެކު އޭދަފުށީ ދާއިރާގެ ރައްޔިތުން ސުވާލު އުފެއްދެވީ ދެންވާނެ ގޮތަކާ މެދުގައެވެ. ސަލީމާއި އާއްޓޭ އަކީ މިވީހާ ތަނަށް ސިޔާސީ ދެ ވާދަވެރިންނެވެ. މި ދައުރު، ސަލީމް އޭދަފުށީ ދާއިރާ ޔަގީން ކުރެއްވީ އާއްޓޭ އާއި ވާދަ ކުރައްވައި ވާދަވެރި އިންތިޚާބަކަށް ފަހު އެވެ. ދާއިރާގެ ރައްޔިތުން ހީކޮށްގެން ތިބީ މިފަހަރުވެސް އާއްޓޭ، ސަލީމް އާއި ވާދަކުރައްވާނެ ކަމަށެވެ. އެކަމަކު ދެބޭފުޅުންގެ ފިކުރު އެއްގޮތްވެ އާއްޓޭ، ޕީޕީއެމްއަށް ސޮއިކުރެއްވުމުން މަންޒަރު ބަދަލުވެއްޖެ އެވެ. އެހެންކަމުން ދެން މި ދެބޭފުޅުން ސިޔާސީ މައިދާނުގައި ހަނގުރާމައިގެ ބެރު ޖައްސަވައި ހަތިޔާރު ނެންގެވުމަކީ ދާއިރާގެ ޚާއްސަކޮށް ޕީޕީއެމް ލަޝްކަރު ބޭނުންވާނެ ގޮތެއް ނޫނެވެ.

އާއްޓޭ ވަނީ ސަޕްރައިޒް ނަތީޖާއަކުން، ސަލީމާއި ވާދަކުރެވިދާނެ ފެންވަރު ހުރިކަން ވޯޓުން ދައްކައިދެއްވާފައެވެ. އެކަމަކު އޭނާ ބަލި ގަބޫލު ކުރެއްވީ މުޅިން އެހެން ކަހަލަ ގޮތަކަށެވެ. ބަލިވެގެން ފިލުމުގެ ބަދަލުގައި ދާއިރާއާއި އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވީ އެވެ. އޭނާ ފެނިގެންދިޔައީ ރައްޔިތުންނަށް ހެޔޮ ބޭފުޅެއްގެ ގޮތުގައެވެ. މީހުންގެ މުހުތާދުތައް ފުއްދައިދީ ޖަމިއްޔާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުވައިދިން ދީލަތި ހިތެއްގެ ވެރިއެއްގެ ގޮތުގައެވެ. މަދު ބަޔަކު އެއީ ސިޔާސީ ކަމެއްގެ ގޮތުގައި ދުށް ކަމުގައިވިޔަސް އާއްޓޭ އަބަދުވެސް ވިދާޅުވަމުން ގެންދެވީ މީގައި އަމިއްލަ އެޖެންޑާއެއް ނެތް ކަމަށެވެ.

އެކަމަކު އާއްޓޭ ހުންނެވި ގޮތެއް އެނގުމަށް ދާއިރާގެ ރައްޔިތުން މިހާރު އެބަ ބޭނުން ވެއެވެ. އަންނަ ދައުރުގައި އާއްޓޭ އޭދަފުށި ދާއިރާއަށް ކުރިމަތި ލައްވާނެ ހެއްޔެވެ؟ ސަލީމާއި އާއްޓޭ ވާދަކޮށްގެން ބަލިވީ ފިކުރުގެ ތަފާތުން ކަމަށް ދުށް މީހުން މިއަދު ސުވާލު ކުރަނީ ފިކުރި އެއް ގޮތްވުމުން ދެންވާނީ ކިހިނެއް ކަމާމެދު އެވެ.

މި ސުވާލަށް އާއްޓޭ ވަނީ އީވީ މެދުވެރިކޮށް ޖަވާބު ދެއްވާފަ އެވެ.

އާއްޓޭ ވިދާޅުވީ މިފަހަރު އޭނާ ހުންނަވާނީ ސަލީމަށް އިތުރު ދައުރެއް ހޯއްދަވައިދެއްވުމަށް ސަލީމުގެ ފަހަތުގައި ކަމަށެވެ.

”އަޅުގަނޑު ދެކެނީ އޭދަފުށި ދާއިރާއަށް އެންމެ އެކަށީގެންވަނީ ސަލީމް ކަމަށް. އެހެންވެ އަޅުގަނޑު ނިންމީ ސަލީމްގެ ފަހަތަށް އަރަން. މިދާއިރާއަށް ސަލީމް އިންތިޚާބު ކުރުމަށް އަޅުގަނޑުގެ ހުރިހާ ހަކަތައެއް ހުސްކުރާނަން. މިވާހަކަ އަޅުގަނޑު އޮންނާނީ ސަލީމަށް ދަންނަވާފައި. އެހެންކަމުން އަޅުގަނޑުގެ މިނިންމުމަށް ދާއިރާގެ ރައްޔިތުން އިހުތިރާމް ކުރެއްވުން އެދެން.“އާއްޓޭ ވިދާޅުވިއެވެ.

އެކަމަކު އޭގެ މާނައަކީ އޭދަފުށީ ދާއިރާއާއި އޭނާއާއި ދެމެދު މިހާރުވެސް އޮތް ގާތް ކަމާ ގުޅުމަށް ބަދަލު އައުމެއް ނޫންކަމަށާއި ދެންވެސް ހުންނާނީ  ދާއިރާގެ ރައްޔިތުންގެ ގާތް އަޚް، އާއްޓޭގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

”ސަލީމަކީ އަޅުގަނޑު ވަރަށް ގަދަރުކުރާ ގާތް އެކުވެރިއެއް. ސިޔާސީ ގޮތުން އޭނާއާއި އަޅުގަނޑާ ދެމެދު އޮތް ދުރުމިން ވެސް އެއް ފިކުރަކަށް ބަދަލު ވުމުން ދާއިރާގެ ތަރައްގީއާއި ކުރިއެރުމަށްވެސް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ“

ސަލީމް ވިދާޅުވީ އާއްޓޭގެ ނިންމެވުމަށް އިހުތިރާމް ކުރައްވާ ކަމަށާއި އޭދަފުށީ ދާއިރާއަށް އޭނާ ހޮއްވަވައި ދެއްވުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީތީވެ ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

”އާއްޓޭގެ އެދިވަޑައިގެންނެވުމާއެކު އަދި ކުރިއެކޭ އެއްފަދައިން ދާއިރާގެ ރައްޔިތުންގެ ލޯތްބާއިއެކު އަޅުގަނޑު، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާއަށް އަންނަ ދައުރު ކުރިމަތިލާން ނިންމައިފިން. “ސަލީމްވިދާޅުވިއެވެ.

”އާއްޓޭ އަކީ މަދުން ނޫނީ ނުފެންނަ އިޚްލާސްތެރި ގާތް އެކުވެރިއެއް. އިޖްތިމާއީ ކަންކަމްުގައި އަޅުގަނޑަށްވުރެ ވެސް މާ ދީލަތި ބޮޑު، ދީލަތި ހިތެއްގެ ވެރިއެއް. ޚާއްސަ ކޮށް އޭނާ ޕީޕީއެމް އަށް ބަދަލުވި ފަހުން އެކުގައި ކޮފީ މޭޒުތަކުންނާއި ފޯނުން ވެސް ދާއިރާގެ ކަންކަމުގައި މަޝްވަރާ ކުރެވޭ. “

ސަލީމް ވިދާޅުވީ އާއްޓޭ ވަނީ ޕީޕީއެމް އަށް ބަދަލުވި ފަހުންވެސް އޭދައްޓަށް ދިލަތި އެހީތެރިކަމެއް ވެދެއްވާފަ ކަމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top