ޝުކުރުއަދާކުރަންޖެހޭ ޚިދުމަތްތެރިއެއް

105712.jpg

އަހްމަދު ނާސިރުގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން "ފޭލި" ޖަމިއްޔާއިން ވަނީ ހަނދާނީ ފިލައެއް ދެއްވާފަ.

އަޅުގަނޑުމެންނަށް ކިޔަވައިދެއްވި އުސްތާޒަކު ވަރަށް ގިނައިން ނަސޭހަތުގެ ގޮތުގައި ވިދާޅުވާ ހަރުބަހެއް އޮވެއެވެ. “ބުނާމީހާއަށް ނުބަލާށެވެ. ބުނާ އެއްޗަކަށް ބަލާށެވެ. ” އަޅުގަނޑު އެއަށް ކުރު ޖުމްލައެއް އިތުރުކޮށްލާނަމަ ކުރާ މީހާއަށް ނުބަލައި ކުރާކަމަކަށް ބަލާށޭ ބުނެލާހިތް ވެއެވެ. ބައެއްފަހަރު މީހެއްގެ ޚިދުމަތްތެރިކަމުގެ ވާހަކަ ދައްކައިފިނަމަ އެޚިދުމަތުގެ އަގުވަޒަންކުރުމެއް ނެތި އެމީހާގެ ޒާތަށް އަމާޒުވެފާ ހުރީމައެވެ.

އަޅުގަނޑުގެ މިރިޕޯޓްގެ އަމާޒަކީ އޭދަފުށި ސިއްދަތުރަ އަހްމަދު ނާސިރުއެވެ.

އޭނާއަކީ އޭދަފުށި ރީތި ހިތްގައިމު އޭދަފުށްޓެއްގެ ގޮތުގައި ބޭއްވުމަށް މިއަދުވެސް އެންމެބޮޑަށް މަސައްކަތްކުރަމުން އަންނަ އެކެކެވެ. ބައެއްފަހަރު އަމިއްލައަތުން ޚަރަދުކޮށްގެން ބުރަމަސައްކަތާއެކު ތަފާތު ހުރަސްތަކާވެސް ކުރިމަތި ލައިގެން އިޖްތިމާއީ ހަރަކާތްތަކުގައި އޭނާވަނީ ގިނަ ވަގުތު ހޭދަކޮށް ރަނގަޅުނަތީޖާވެސް ނެރެދީފައެވެ.

ނާސިރުގެ ޚިދުމަތުގެ އެއް ދިމާލަށްބަލައިލާއިރު ފެންނަނީ ކޮންކްރިޓް ޖަންގައްޔަކަށް ވަމުންއަންނަ އޭދަފުށިގެ ހޫނުގަދަ ޖައްވަށް ފިނިކަމެއް ހޯދައިދިނުމުގެ ގޮތުން އޭނާ ވަނީ ރަށުގެ އެކި ދިމާލުގައި ބިޔަ ގަސްގަސް އިންދައި އެގަސްގަހުގެ ހިޔާވަހިކަން ރައްޔިތުންނަށް ހޯދައިދީފައެވެ. މިއީ އޭދަފުށިގެ މިޒަމާނުގެ ތާރީޚުގައި އެއްވެސް ޖަމާއަތަކަށް އަދި ވެރިކަމުގެ ފަރާތުން ވެސް މިރަށަށް ކޮށްދެވުނު ކަމެއް ނޫނެވެ. މިރަށުގެ ވެރިންނަކީ ގަސް އިންދުމަށް އެއްވެސް އިރަކު އަމިއްލައަށް އިސްނަގައިގެން އެކަން ކުރި ބައެއް ނޫނެވެ. ސަރުކާރުން އަންގަވައިގެން ވަކި މުނާސަބަތަކާ ގުޅިގެން ގަސް އިންދުމަކީ މުޅިން އެހެންކަމެކެވެ. އެކަމަކު ރަށުގައި އެތައް އަހަރަކުން ހެދިފައި ހުރި ބިޔަ ގަސްތައް ނެގުމުގައި މިރަށުގެވެރިން އުޅުއްވާނީ ވަރަށް ކުރީގައެވެ.

ނާސިރުގެވާހަކަ ފެއްޓެވީ މި މަސައްކަތް ފެށި ހިސާބުންނެވެ.

” 1996 ވަނައަހަރަކީ މުޅި ރާއްޖޭގައި މިލިއަންގަސް ހެއްދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔައަހަރު. އެއީ ރައީސް މައުމޫން އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް. އެމަނިކުފާނަކީ ރާއްޖޭގެ ނާޒުކު ތިމާވެއްޓާ ބެހޭގޮތުން އެންމެ ފުރަތަމަ އަޅުގަނޑުމެން ހޭލެއްވި ރައީސް. އަދި ބައިނަލްއަގްވާމީ ސަމާލުކަމަށްވެސް ރާއްޖޭގެ ތިމާވެށިގެ ނާޒުކުކަން ގެންނެވި ރައީސްވެސްމެ. މިލިއަންގަސް އިންދުމުގެ އަހަރެއް ނުވަތަ ޕްރޮގްރާމެއް ސަރުކާރުން ފާހަގަކުރަން ނިންމުމަކީ މިކަންފެށުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. މި ރަށުގެ ހޫނުގަދަކަމާ ފިނިކޮށްލަންދާނެ ތަނެއްވެސް ނެތުމަކީ އަބަދުވެސް އަޅުގަނޑުގެ ކަންބޮޑުވުމެއް. އަޅުގަނޑު އިސްނަގައިގެން ގަސް އިންދަންފެށީ މިއީ ފަރުދީގޮތުން ކޮންމެ މީހަކު ވެސް އަދާކުރަންޖެހޭ ފަރުޟެއްކަމަށް ދެކިގެން. އަޅުގަނޑު މިކަން ފެށުމުން ރަށުގެ ވެރިންގެެ ސަމާލުކަމަށް މިކަން އަންނާނެކަމަށް ހީކުރިން. އެހެންނަމަވެސް އެ ސަމާލުކަމެއް މިއަދާހަމައަށްްވެސް ނުލިބުނު.

އަޅުގަނޑުގެ ފުރަތަމަ މަސައްކަތަކީ މިރަށުގެ އުތުރުފަރާތުގައި މިހާރު ފެންނަން އެހުރި ބިޔަ ގަސްތަކާ ރުއްތައް ހައްދަންފެށުން. މި މަސައްކަތް ފެށުމާއެކު މިކަން ކުރިޔަ ނުދޭންވެސް ބަޔަކު ފޫގަޅައިގެން ނުކުމެތިބި. ކައިރި ގެތަކަށް އެގަސްތަކުގެ ފަތްތައް ދާތީވެ އެކަމުގެ ޝަކުވާ ރަށު އޮފީހަށް ކޮށްގެން އަޅުގަނޑު ރަށުއޮފީހަށް ގެންދިޔަ ކުށްވެރިއެއްގެ ގޮތުގަ. އެސަރަހައްދުގެބައެއް ގޭގެއިން އެގަސްތަކަށް ފެންދިނުމަށް ފެންފޮދެއް ދޭންވެސް އިއުތިރާޒު ކުރި. އެހެންނަމަވެސް އަޅުގަނޑު މިމަސައްކަތް ފެށީ މި އުދަނގޫތަކާވެސް ކުރިމަތިލާން ޖެހޭނެކަން އެގި ހުރެގެން ކަމަށް ވާތީ ގަސްތަކަށް ފެން ދިނީ ކޮންމެ ދުވަހަކުވެސް އަމިއްލަގެއިން ބަރޯއަކަށް ފެންއަޅައިގެންއައިސް. ހަމަ އެގޮތަށް ގަބުރުސްތާނުގެ ވަށައިގެންވާ ސަރަހައްދުގައި މިހާރު ބިޔަވެފައި އެހެރަ އިޕިލްއިޕިއްޔާ ރީތިގަސްފަދަ ގަސްތަކުގެ އިތުރުން އަތޮޅު ހޮސްޕިޓަލުގެ ކުރިމަތީގައި ހުރި ހިޔާ ދޭ ބިޔަ ގަސްތަކަކީ ވެސް އަޅުގަނޑު ޝައުގުވެރިކަމާއެކު ކުރި މަސައްކަތުގެ ނަތީޖާ. ” ނާސިރު އޭނާގެ ވާހަކަތައް އީވީއާ ހިއްސާކުރަމުން ބުންޏެވެ.

މި މަސައްކަތުގައި ކުރިމަތިވި ހުރަސްތަކުގެ ތަފްސީލު ކޮންމެވެސް ވަރަކަށް ނާސިރު ކިޔާދެއްވިއެވެ.

” އެންމެ ފުރަތަމަ ދިމާވިހުރަހަކީ އަޅުގަނޑު އިންދާފައިހުންނަގަސްތައް ރޯވެގެން ހެދެންފަށާއިރަށް އުފުރާލުން. ދެވަނަކަމަކީ މި މަސައްކަތަށްހިތްވަރުދީ މިކަމުގައި ބައިވެރިވާން ޖެހޭ ފެންވަރުގެމީހުން މިކަން ކުރިއަ ނުދޭން މަސައްކަތްކުރުން. ހަމައެގޮތަށް ގަސްތަކަށް ފެންދިނުމުގައި އެގަސްތަކުގެ ހިމާޔަތާ ހިޔާ އެންމެ ބޮޑަށްލިބޭނެ އަވައްޓެރިންގެ އެއްބާރުލުން ނުލިބުމަކީ ވަރަށް ދެރަވި ކަމެއް. ”

ނާސިރު ވިދާޅުވިގޮތުގައި އޭނާ ވަނީ ފުޓްބޯޅަ ދަނޑުގެ ވަށައިގެން ގަސްޖަހައި އެގަސްތައް ހެއްދޭތޯވެސް ބުރަ މަސައްކަތްތަކެއްކުރައްވާފައެވެ.

“އެހެންނަމަވެސް އެގަސްތައް ހެދުނަކަ ނުދިން. މިގަސްތަކަށް ފެންދިނުމަށް މިސްކިތުވަޅުން ފެންގެންދާތީ ވެރިކަމުގެ ފަރާތުން އެކަންމަނާކޮށްފި. މި މަގު ބަންދުވުމުން ދެން ދިމާކުރީ ތައުލީމީ މަރުކަޒުން ފެން ލިބޭ ގޮތެއް ވޭތޯ. އެކަމަކު ސްކޫލުންވެސް އަޅުގަނޑަށް އެމަދު ފަިކޮށެއް ނުދިން . އެންމެފަހުން އަޅުގަނޑުގެ ގެއިން (ފުދޭވަރަކަށް ދުރު )ބަރޯއަކަށް ފެން އަޅައިގެންގޮސް އެގަސްތަކަށް ފެން ދިނިން. އެކަމަކު ދެންވެސް އެގަސްތައް ހެދުނަކަ ނުދިން. ކޮންމެ ގަހެއްގެ ވަށައިގެން ބައި އިންޗި ދަނގަޑުން ކޮށިއަޅައިގެން އެކަން ކުރީވެސް އެގަސްތައް ޖަނަވާރުންގެ ކިބައިން ސަލާމަތްކުރުމުގެ ބަދަލުގައި އިންސާނުންގެ ކިބައިން ހިމާޔަތް ކުރުމަށް. އެކަމަކު އެމީހުންގެ އަތްތަކުން ގަސްތައް ހަލާކު ކޮށްލީ. އެހެންނޫންނަމަ މިއަދު ބޯޅަދަނޑުގެ ވަށައިގެންވެސް ހިޔާދޭ ބޮޑެތި ގަސްތައް ގަބުރުސްތާނެކޭ އެއްފަދައިން ހުންނާނެ.” ނާސިރު ވިދާޅުވިއެވެ.
.
އެކަމަކު ދާދި މިދާކަށްދުވަހު މިރަށުން މީހަކު ނިޔާވެގެން މެންދުރު ގަދަހޫނުގައި މައްޔިތާ ވަޅުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދިޔައިރު އަޅުގަނޑު ހެއްދި ގަސްތަކުގެ ހިޔަލުގައި އަޅުގަނޑަށް އެންމެ ބޮޑަށް އެތަނުގައި ގަސްއިންދުމަށް ހުރަސްއެޅި ބައެއްމީހުން ތިބިތަން ފެނުމުން ވަރަށް އުފާވިކަމުގައި ނާސިރު ވިދާޅުވިއެވެ.

ހަމަ އެގޮތަށް އޭނާ ހުޅަނގުކޮޅު ހުރަސް ޖެޓީކައިރީގައި އިންދާފައި ހުރި ގަހަކަށް ކަރާސީނު އަޅައިގެން މަރާލި ހަނދާން އެއީ ވަރަށް ހިތި ހަނދާނެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. .

ވަރަށް ކުރު ގޮތަކަށް މި ބަލައިލީ ނާސިރުގެ އެއްފަރާތަށެވެ. ދެން އޭނާގެ އިޖްތިމާއީ ޚިދުމަތް ތަކުގެ ސަފްހާއިން ތަންކޮޅެއް ނިއުޅާލަމާހިންގަވާށެވެ.

އިޖްތިމާއީ ގޮތުން އޭނާ ދެން ފާހަގަ ކުރެވިފައިވަނީ ކުޅިވަރުގެ ދާއިރާ ގައެވެ.

އޭނާގެ ޚިދުމަތްތައް ފެށިފައިވަނީ އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއާއި ހަމައިންނެވެ. އެ ޖަމިއްޔާގެ ފުޓްބޯޅަ ޓީމްގެ ބެލެނިވެރިއެއްގެ ގޮތުންނެވެ.

ޓީމުގޮވައިގެން އުޅުމުގެ ހުރިހާ ޒިންމާ އެއް ނަންގަވައިގެން ހުންނެވީ ނާސިރުއެވެ. އެއްވެސް އުޖޫރައަކާ ނުލައި ހަމަހިލޭ ސާބަހަށެވެ. ފަތިހު ކުޅުންތެރިންނަށް ގޮވައި ޕްރެކްޓިސްއަށް މާލޭގެ ސްޓޭޑިމަށް ގެންދިއުމާ ކުޅުމުގެ ތެރޭގައި ކުޅުންތެރިންނަށް ލިބޭ ގެއްލުންތަަކަށް ފަރުވާ ދިނުންފަދަ ހުރިހާ ކަމެއްގައިވެސް ނާސިރު އުޅުއްވިއެވެ. ޓީމްގެ ފެންވަރު ރަނގަޅުކުރުމުގެގޮތުން މާލޭގެ މަޝްހޫރު ޓީމްތަކަށް ދައުވަތު ދީގެން އެޓީމުތަކާއެކު ކުޅުމުގެ ފުރުސަތު ހޯއްދަވައި މާލޭގައާއި ހުރާ ފަދަ ރަށްރަށަށް ޓީމްގެ އިސް މީހެއްގެ ގޮތުގައި ގޮސް ގިނަ މެޗުތަކެއްވެސް ވަނީ ކުޅުވާފައެވެ.

މިގޮތުން އޭނާ ދެތިން މެޗު ފާހަގަކުރެއްވިއެވެ

1999ވަނަ އަހަރު ކ.ހުރާ ޖަމިއަޔްތުލް ހުއްރިއްޔާ ޕޮމިސްކަޕް ކާމިޔާބު ކުރުމާ ގުޅިގެން މެޗެއް ކުޅުމަށް އެޓީމުގެކޯޗް މޫސާމަނިކު ދައުވަތު ދެއްވުމުން ޓީމެއް ތައްޔާރުކޮށް އޭދަފުށީ ދަނޑުގައި އެމެޗްކުޅެ މެޗުން މޮޅުވުން ފާހަގަކުރެއްވީ އޭނާއަށް ލިބުނު ވަރަށް ޚާއްސަ އުފަލެއްގެ ގޮތުގައެވެ.

މި މެޗަށްފަހު އެޓީމްގެ މަޝްހޫރުކޯޗް މޯނިންގސަން މޫސާމަނިކު އޭދަފުށިފުޓްބޯޅަ ޓީމަކަށް ކޯޗްކޮށްދިނުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށާއި އެއީ ކިތަންމެ ކުޑަކުދިންކޮޅެއްކަމުގައިވިޔަސް މައްސަލައެއް ނެތްކަމުގައި މޫސާ މަނިކުވިދާޅުވިކަމަށް ނާސިރު ވިދާޅުވިއެވެ.

ނާސިރުގެ މިފަދަ އަނެއް ފޮނި ހަނދާނަކީ އޭރުގެ ބ.އަތޮޅުގެ ރައްޔިތުންގެ މަޖްލިސް މެންބަރު އަހްމަދު ތަސްމީންއަލީގެ ހުށަހެޅުއްވުމެކެވެ.

” އެއީ 1999ވަނައަހަރުގެ ޖޫންމަހުގެ 25ވަނަދުވަސް . ތަސް އެދިވަޑައިގެންނެވީ އޭރުގެ އެންމެ މަޝްހޫރު ވެލެންސިއާ ނުވަތަ ނިއުރޭޑިއަންޓް ކަހަލަ ޓީމަކާއެކު އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ތައްޔާރުވުމަށް. އަޅުގަނޑު ދެންނެވިން ތިޔައީ ވަރަށް ރަނގަޅު ފުރުސަތެކޭ. ހަމަ އެއާއެކު އަޅުގަނޑު ހިތަށް އެރި ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމަކާއެކު މެޗެއް ކުޅޭއިރު އަޅުގަނޑުމެން ދާނީ ކިހާވަރަކުން ބާއޭ. އެހެންނަމަވެސް އެމެޗަށް ބ. އަތޮޅުގެ ނަން ބޭނުންކޮށްގެން އޭދަފުށީ ޒުވާން ކުދިންކޮޅަކާއެކު އޭދަފުށީ ދަނޑުގައި ކުޅެގެން އަޅުގަނޑުމެން މޮޅުވިން 2-1 ން. އަޅުގަނޑުމެންނާ ބައްދަލުކުރީ ކްލަބް ވެލެންސިއާގެ ވަރުގަދަ ޓީމް. އެއީ އެކްލަބް އެފް އޭ ކަޕްގެތަށި އެއަހަރު ހޯދުމަށްފަހު އޭގެ ތިން ދުވަސްފަހުން ކުޅުނު މެޗެއް.” ނާސިރުގެ އުފާވެރި ހަނދާންތައް އާކުރެއްވިއިރު ހުންނެވީ ހިނިތުންވެފައެވެ.

އެހެންވީމާ އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ ފުޓްބޯޅައިގެ ރޮނގުން ހޯދާފައިވާ ހުރިހާ ކާމިޔާބެއްގެ ހިއްސާ ނާސިރުއަށް ހައްގުވާނެއެވެ.

އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ފުޓްބޯޅަޓީމް ގެންގުޅެމުން އޭނާވަނީ އާ ކުޅުންތެރިން އުފެއްދުމަށް އެހެން ގޮތްގޮތުންވެސް މަސައްކަތް ކުރައްވާފައެވެ.

ހަނދާނަށް އަންނަނީ ޔޫސުފްކަލޭފާނު ފުޓްބޯޅްކަޕްގެ ނަމުގައި އަހަރަކު އެއްފަހަރު އޭދަފުށީގައި ބާއްވަމުން ގެންދިޔަ މުބާރާތެވެ. މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ އާ ކުޅުންތެރިންތަކެއް އުފައްދައިގެން އޭދަފުށީގެ ފުޓްބޯޅަ ތަރައްގީ ކުރުން ކަމުގައިވާތީ އެކަމުގައިވެސް އިސްވެ އުޅުއްވި އެކަކީ ނާސިރުއެވެ. އޭގެ ހެއްކަކީ 1992އިންފެށިގެން 11 އަހަރުވަންދެން އޭދަފުށީ މެދުއަވަށް ތަމްސީލު ކުރުމަށް “ހިއްސިއްޔާ”ގެ ނަމުގައި އޭނާ ގެންގުޅުއްވި ފުޓްބޯޅަ ޓީމެވެ.

ޔޫސުފްކަލޭފާނުކަޕްގައި ބައިވެރިވާ އޭދަފުށީގެ ކޮންމެވެސް އެއް ޓީމެއްގެ ނަމުގައި ނާސިރުއުފައްދާފައިވާ އާ ކުޅުންތެރިންތަކެއް ކޮންމެ އަހަރަކުވެސް ނެރެއެވެ. މި ސިލްސިލާ މިއަދާހަމައަށް ވެސް ގެތެމުން އަންނަނީ މިގޮތަށެވެ. ޓީމްގެ ނަންތައް ބަދަލު ވަމުންއައި ކަމުގައި ވިޔަސް ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާއި ފުޓްބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތުގައި އެންމެ ފިޔަވަޅެއްވެއް ފަހަތަށް އެޅުއްވުމެއް ނެތި ނާސިރު އަންނަނީ އޭނާގެ އެންމެ ޒުވާން އިރުގައި ހަރަކާތްތެރިވިފަދައިން މިއަދުވެސް ހަމަ އެގޮތަށް ހަރަކާތްތެރިވަމުންނެވެ.

އޭނާއަކީ މިހާރު ކުޅެވެމުންދާ މިނިވަން 50 ޒޯން 3 ގެ މުބާރާތަށް ކޮލިފައިވެފައިވާ އޭދަފުށީ ޓީމުގެ އޮފިޝަލެކެވެ. މި މުބާރާތުގައި އެންމެ ފަހުން އިހަށް ދުވަހު ކުޅެވުނު އޭދަފުއްޓާ ދަރަވަންދޫގެ މެޗް 2-2 އިން އެއްވަރުވުމުން އިހްސާސްކުރެވެނީ ކޮންކަމެއްތޯ އަހާލުމުންވެސް ވިދާޅުވީ “މިއީ ލިބުނު ބޮޑު ކާމިޔާބެއް ކަމުގައެވެ. ” ސަބަބުވެސް ވިދާޅުވިއެވެ. ” ޓީމްގައި މުޅިންހެން ތިބޭނީ 21 އަހަރުން ދަށުގެ އާ ކުޅުން ތެރިން. ބޭނުންވަނީ އަނެއްކާވެސް އާ ޓީމެއެް އުފައްދަން . ޒުވާންކުދިންނަށް މިކަހަލަ ބޮޑެތި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ނުދީ މޮޅު ކުޅުންތެރިން އުފެއްދޭނީ ކިހިނެއްތޯ ” އޭވިދާޅުވެ ސުވާލު އުފެއްދެވިއެވެ.

މި ޓީމްގޮވައިގެން ނާސިރު އޭނާގެ ވަގުތުތައް ޓީމާއެކު ނުވަތަ މި މުބާރާތް ނޫނަސް އޭދަފުށި ތަމްސީލު ކުރާ ކޮންމެ ކަމެއްގައި ނަގާ ކިޔަން ހުންނަ މީހަކަށް ނާސިރު ވާއިރު އެންމެންވެސް ސުވާލު އުފައްދާ ކަމެއް އޮވެއެވެ. އެއީ އޭނާ މިކަހަލަ އިޖްތިމާއީ ކަންކަން މިނަން ގެންގުޅޭ މިން ގަނޑެވެ. ޓީމަށް ވަފާތެރިވާނެކަމުގެ ޔަގީންކަމާމެދު ކުރެވޭ ސުވާލެވެ. ބުނަންހެއްޔެވެ. މި ސުވާލުގެ ޖަވާބުވަނީ އޭނާގެ އިންތިޒާމްގެ ދަށުން ނެރޭ ޓީމުތައް ހޯދަމުންދާ ކާމިޔާބުތަކާ ގުޅިފައެވެ. އޭނާގެ ސިޔާސަތަކީ ސިޔާސީ ގޮތުން ފިކުރު ތަފާތުވުމަކީ ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި ނުވަތަ މުޅި ރައްޔިތުން ޝާމިލުވާކަންކަމުގައި އޭގެ ނުބައި އަސަރު ފޯރަންޖެހޭ ކަމެއް ނޫނެވެ. މިކަމުގައި ޕާޓީގެ ފިކުރަށްވުރެ ގައުމީ މަސްލަހަތު އިސްކުރަން ޖެހޭނެއެވެ.

އެކަންއޭނާވަނީކިތަންމެ ރަނގަޅަކަށް ވެސް ސާބިތުދީފައެވެ. މުޅި އޭދަފުށި ބައިވެރިވެގެން ނުކުންނަ ޓީމުގެ އޮފިޝަލަކަށް ޚިޔާރު ކޮށްފައިވަނީ އެއިތުބާރާއެކުގައެވެ.

ދެން އެހެންދިމާލެކެވެ. އޭދަފުށި ޒުވާނުންގެ ޖަމިއްޔާގެ “ދުވަސް” މާޒީވެ އޭގެ ބަދަލުގައި “ފޭލި” ޖަމިއްޔާ ދުނިޔެއަށްއައިސް ރަށުގެ ތަރައްގީގައި ބަސްކިޔަން ފެށުމާއެކު އެޖަމިއްޔާގައިވެސް އިސްސަފުން ފެނުނު މަދު މީހުންގެ ތެރެއިން އެކަކީ ނާސިރުއެވެ. ބަހިއްޔާ ޕްރީސްކޫލް އިމާރާތްކުރުމާ އެ ޖަމިއްޔާފަރާތުން ހިންގަމުން އައި އެކިއެކި މުބާރާތްތަކާ ކޯސްތައް ކާމިޔާބުކަމާއެކު ހިންގިފައިވަނީ ނާސިރުގެ ވަރަށްބޮޑު ބައިވެރިވުން އޮވެގެން ކަމުގައި ފޭލީގެ މަސްއޫލު ވެރިން ވިދާޅުވެއެވެ. “ފޭލި” ގެ ރިމޯޓް ކޮންޓްރޯލް އޮންނަނީ މާލޭގައި ކަމަށްވެފައި ބޭނުން ބަޓަނަކަށް އޮބާލުމުން ހަރަކާތްކުރަން އޭދަފުށީގައި ހުންނަނީ ނާސިރުމެން ކަހަލަ ދެތިން މީހެކެވެ. ނާސިރުގެ ބައިވެރިވުން ބޮޑުވާހަކަ ދެންނެވީ މިހެން ވީމައެވެ.

ފޭލި ޖަމްއިއްޔާގެ މަސްއޫލު މެންބަރަކު ވިދާޅުވީ ނާސިރު ފޭލި ޖަމްއިއްޔާއަށް ކޮށްދީފައިވާ ޚިދުމަތްތަކަށް ބަލާއިރު ނާސިރުފަދަ ހީވާގި ކަމާއެކު މަސައްކަތް ކުރެވޭނެ ދެވަނަ މީހަކު ހުންނާނެކަމަށް ގަބޫލު ނުކުރެވޭކަމުގައެވެ. އޭނާއަކީ މި ޖަމްއިއްޔާއިން މިވީހާތަނަށް ކުރިއަށް ގެންދިޔަ ކޮންމެ ކަމެއްވެސް ކާމިޔާބު ވުމުގެ އަސްލުސަބަބުކަމުގައެވެ. އޭގެތެރެއިންވެސް ފާހަގަކުރެވޭ ކަމެއްގެ ވާހަކަ އޭނާ ވިދާޅުވިއެވެ.

” ސުނާމީ ކާރިސާގެ ރިކަވަރިން ޕްރޮގްރާމް އޭދަފުށީގައި ޖަމިއްޔާގެ ފަރާތުން2005 އިން 2006 އަށް ހިންގި އެކިއެކި އިވެންޓްތަކުގައި ނާސިރު ކުޅުއްވީ ވަރަށް އާދަޔާ ޚިލާފު ރޯލެއް. ވަރުބަލި ވުމެއްނެތި އޭނާ މަސައްކަތަ ކުރެއްވި. އެތަނުން އެއް އިވެންޓަކީ ގަސްހެއްދުމާ ބެހޭ ކޯހެއް ހިންގުމުގެ އިތުރުން އަމަލީ ގޮތުން ގަސް އިންދާހެއްދުން. މި ޕްރޮޖެކްޓް ހިންގާފައިވަނީ ރާއްޖެއިން ބޭރުން ފީލްޑްއޮފިސަރެއްވެސް ގެނެސްގެން. އަސްލު މިރަށުގެ މީހުންނަށް ގަސްގަހަށް ޖެހޭ ތަފާތު ބަލި ބައްޔާ އޭގެ ފަރުވާ އެނގެން ފެށީ އޭގެ ފަހުން. ”
އެހެންނަމަވެސް ނާސިރުގެ މި ޚިދުމަތްތައް ހެޔޮ ހިތުން ބަލައިގަންނަނީ ކިތައް މީހުން ބާއެވެ. މިކަން ދަންނަނީ ކިތައް މީހުން ބާއެވެ. ނާސިރު ވިދާޅުވަނީ އޭނާ ކުރާ ކަމެއްކުރަނީ ރީތިނަމެއް ހޯދާކަށް ނުވަތަ އެކަން ބަޔަކު ފާހަގަ ކުރާނެކަމަކަށް ނޫނެވެ.

އަޅުގަނޑަށް އެގޭ ކަމަކީ ތަފާތު އެންގަލް ތަކުން ބެލިކަމުގައި ވީނަމަވެސް ނާސިރުއަކީ މި އޭދަފުށީގެ ފަސްގަނޑުން އުފެދުން އާދަޔާ ޚިލާފު ޝަޚްސިއްޔަތެއްކަމެވެ. އަދި ހަމައެފަދައިން ޝުކުރު އަދާކުރަންޖެހޭ ޚިދުމަތްތެރިއެއްކަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top