ދަރަވަންދޫގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިމާރާތްކޮށް ނިންމާފައިވާ އާއިންޖީނުގެ ވަރަށް އަވަހަށް ހުޅުވޭނެކަމަށް ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނެފިއެވެ.
ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނީ އެއިންޖީނުގޭގެ ނުވަދިހަ ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށާ، ބާކީހުރި މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ފެނަކަ ބ. ރީޖަނަލް އޮފީހުގެ ރީޖަނަލް މެނޭޖަރ އަލީ ޝަފީޤް ވިދާޅުވީ މިވަގުތު ކުރެވެމުންދަނީ ޑީސަލް ޓޭންކްތައް ބަނުމުގެ މަސައްކަތް ކަމަށާ، އަމާޒަކީ ރޯދައިގެ ކުރިން އިންޖީނުގެ ހުޅުވައި ހިދްމަތް ފެށުން ކަމަށެވެ.
“އަމާޒުކުރަނީ ރޯދައަށް މަސައްކަތ ނިންމާ ހުޅުވުމަށް. އެހެންނަމަވެސް މަސައްކަތް ދާ ސްޕީޑް ވަރަށް ދަށް. އަވަސްކުރެވޭތޯ ކޮންޓްރެކްޓަރާ މަޝްވަރާވެސް ކުރެވެމުންދަނީ. ރޯދައަށް ނުހުޅުވުނަސް ލަސްނުވެ ހިދްމަތް ފެށޭނެކަމަށް އުއްމީދުކުރަނީ” އަލީ ޝަފީޤް ވިދާޅުވިއެވެ.

ބ. ދަރަވަންދޫގައި އަލަށް އިމަރާތްކޮށްފައިވާ އިންޖީނުގެ. މިއިންޖީނުގެ ވަރަށް އަވަހަށް ހުޅުވޭނެކަމަށް ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނޭ / ފޮޓޯ: އީވީ ޓީމް
އަލީ ވިދާޅުވީ ދަރަވަންދޫ އާއިންޖީނުގެއާއެކު އެރަށަށް އާއިންޖީނެއް ގެނައުމަށްވެސް މަސައްކަތް ކުރެވެމުންދާކަމަށާ، އާއިންޖީނުގެއާއެކު ޑިސްޓްރިބިއުޝަން ނެޓްވޯކަށްވެސް އެދެވޭ ހައްލުތަކެއް ލިބިގެންދާނެކަމަށެވެ. އަދި ރޯދައިގެން ކުރިން އަތޮޅުގެ އެހެންރަށްރަށުގެ ހާލަތުވެސް ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އަލީ ވިދާޅުވިއެވެ.