މިއީީީ ބ. އަތޮޅުގެ ކުޑަކުޑަ ކިހާދޫން އެ އަތޮޅުގެ މައި މަރުކަޒު އޭދަފުށްޓަށް ހިޖުރަކުރި ވަފިއްޔާ ނިޒާރުގެ ވާހަކައެވެ. ވަފިއްޔާ އަކީ އޭދަފުށި މީހަކާ އިނދެގެން އޭދަފުށްޓަށް ހިޖުރަކޮށް އޭދަފުށީގައި ދިރިއުޅެމުންދާ އެ މުޖްތަމައުގެ އިސް ބައިވެރިއެކެވެ. ވަފިއްޔާ ޚާއްސަވާ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެ ކަންތައް ތަކުގެ ނުވަތަ ޚިދުމަތްތަކުގެ އުސްއަލިތަކުގެ ވާހަކަ ދެއްކުމަށް މިއީ އެންމެ މުނާސަބު ވަގުތެވެ. އިއްޔެ އަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސްކަމަށްވެފައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބުރަމަސައްކަތާއެކު މަސައްކަތްކުރާ އަންހެނުންގެ އަގު ވަޒަންކުރުމަކީ މިފަދަ ދުވަސް ފާހަގަ ކުރުމުގެ މަގްސަދު ކަމަށް ވާތީއެވެ. ހަމައެއާއެކު މިއަދަކީ ވަފިއްޔާ ވަރަށް ކުޑަރަށެއްގެ އެހާމެ ކުޑަ އާބާދިއަކުން ބޮޑު އާބާދީއަކަށް ނެރެ އެ އާބާދީގެ ގެ ބަސްހިނގާ އަންހެން ކަނބަލަކަށް ހަދައި ދިނުމުގައި އެންމެ ބޮޑު އެއް ބާރު ލުމެއް ދިން ފިރިމިހާ އާ އެކު ކުރެވުނު ކައިވެންޏަށް ބަރާބަރު 15 އަހަރު ފުރުނު ދުވަސް ކަމަށް ވާތީއެވެ.
ވަފިއްޔާ މިއަދަށް ޚާއްސަވީ ކީއްވެގެން ހެއްޔެވެ؟
ކައިވެންޏަށް ފަހު ވަފިއްޔާ އޭދަފުށްޓަށް ބަދަލުވެ އޭދަފުށި ކަހަލަ ބޮޑު ރަށެއްގެ މުޖަތަމައާ ކިތަންމެ ބީރައްޓެހިނަމަވެސް އޭނާގެ މިޒާޖާއި ކަންކަން ކުރުމަށް އިސްނެގުމުގެ ޝައުގު ވެރިކަން ހުރުމުން އޭނާ އަކަށް ‘ފިލައިގެން’ ނޫޅެވުނެވެ. ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމު ހޯދަމުންދިޔަ ކޮއްކޮގެ ބެލެނިވެރިކަމުގައި ސްކޫލްގެ ކަންކަމަށް ހާޒިރުވާން ޖެހުމާއެކު އޭނާއަކީ އާދައިގެ އަންހެންެ ނޫންކަން އެނގުނެވެ. ޕީޓީއޭގެ މެންބަރެެއްގެ ގޮތުން އޭނާގެ ޚިދުމަތް ބޭނުންވެގެން ބެލެނިވެރިން ކްލާސް މަންދޫބަކަށް ހޮވުނު ހިސާބުން އޭނާގެ ޚިދުމަތް ވަޒަންކުރާ މީހުން ގިނަވިއެވެ. ނަތީޖާއަކަށް ވީ ދުވަހުން ދުވަހަށް މަގްބޫލުކަން އިތުރުވެ ޕީޓީއޭގެ އެންމެރ ހީވާގި ކަނބަލުންގެ ތެރޭގައި ވަފިއްޔާ ހިމެނުމެވެ.
މިއަދު އޭނާއަކީ ޕީޓީއޭގެ މެންބަރުންގެ އިއްތިފާގުން ހޮވާފައިވާ ޕީޓީއޭގެ ނާއިބު ރައީސެވެ.
އަމިއްލަ ދިރިއުޅުމަށް ބަލާލާއިރު އޭނާގެ ހިމޭން ދުނިޔޭގެ ވަށައިގެން އޮތް ފަޅުކަމާއި އެކަނިވެރިކަމުގެ ތެރެއަށް އިތުރުވެފައިވާ ވޭނީ ރިހުމަކީ ފިރިމީހާއާއި ވަކިން އުޅެން ޖެހުމެވެ. ފިރިމީހާ ވަޒީފާ އަދާކުރަނީ ރަށުން ބޭރުގައި ކަމަށްވާތީ ދިރިއުޅެންޖެހިފައިވަނީ ދެކުދިންނާއެކު އެކަނިމާ އެކަންޏެވެ. އެހެންނަމަވެސް މި ފަޅުކަމާއި އެކަނިވެރިކަމާ ހަނގުރާމަ ކުރުމަށް އޭނާ ފެށީ އެހެން އަންހެނުންވެސް މިސާލަކަށް ބަލަން ރަނގަޅު މަގަކުންނެވެ.
“ސުހާގްރާތު”ގެ ރޭތައް ހަމަ ނިމުނުތަނާ ޚާލިދު ފުރައިގެން ދިޔައީ އޭނާ އެކަނިކޮށްލާފައެވެ. އަލަތު ކައިވެނީގެ އަގުބޮޑު ދުވަސް ތަކުގެ ބޭނުމަށްވުރެ ގައުމީ ޚިދުމަތް އިސްކޮށް ޚާލިދު ފުރައިގެން ދިޔައީ ލޯބިވާ އަނބިމީހާގެ އިހުސާސްތަކާ ގޭތެރޭގެ ފަޅުކަމާއި އެކަނިވެރިކަން އޭނާގެ ހަމަޖެހުމާއި އުފާވެރިކަން ނަގާލާނެކަން އެނގިހުރެ އެވެ. އެހެންކަމުން ވަގުތުތައް ފައިދާ ހުރި ގޮތުގައި ހޭދަކުރުމަށް ‘ގްރީން ޕޮޓް’ ހުޅުވައިދީފައެވެ. ދަނޑުވެރިކަމާބެހޭ ކޯސްތަކެއް ހަދައި ދަނޑުވެރިކަން ރާއްޖޭގައި އާލާކޮށް އެކަމަށް މީހުންގެ ޝައުގުވެރިކަން އުފެއްދުމުގެ މަސައްކަތުގައި 25 އަހަރު ހޭދަކޮށްފައިވާ މިނިސްޓްރީ އޮފް ފިޝަރީޒް ގެ ސީނިއަރ ފީލްޑް އޮފިސަރުގެ މަގާމުގައި ހުންނެވި ޚާލިދުގެ ގްރީން ޕޮޓް އަކީ ދަނޑުވެރިކަމާބެހޭ ތަކެތި ވިއްކާ ފިހާރައެކެވެ. ގަސްގަހަށް ޖެހޭ ބަލިބައްޔަށް ފަރުވާ ދިނުމާއި ބަލިތަކުން ދިފާއުކުރުމަށް ބޭނުންވާ ބޭހާ އެކު ޕޮޓްގެ ވިޔަފާރިވެސް ހިމެނޭ ގޮތަށް ފިހާރައިގާ ވިއްކަން ހުންނަ ހުރިހާ އެއްޗެއްގެ މައުލޫމާތާއުވެސް ދަސްކޮށްދިނުމަށް ފަހުއެވެ. ދިރިއުޅުމަކީ އަބަދު ބަހާރު މޫސުން ނޫންކަންވެސް ދަސްކޮށްދީފައެވެ.
އޭނާ ހިންގަމުން ގެންދާ އެފިހާރައިގެ ނަން މީހުން ކިޔައި އުޅޭނީ ވަފިއްޔާ ފިހާރައިގެ ގޮތުގައެވެ. ހަމައެއާއެކު ގޯތީގައިވާ ހުސް ތަންކޮޅުގައި މިރުހާ ކޮޕީފަތްފަދަ ގަސްތައް ހައްދައި އޭގެ ވިޔަފާރިވެސް ކުރަމުން ގެންދިޔައީ ‘އަންހެނުންނަށް ކުރެވޭނެ ‘ކަމުގެ މޮޓޯ އާއެކުގައެވެ.
ގްރީން ޕޮޓްގެ ނަން މަޝްހޫރުވެގެން އައީ ހަމައެކަނި އޭދަފުށްޓަކު ނޫނެވެ. ގްރީން ޕޮޓަކީ މުޅި ބ.އަތޮޅުގައި ހުރި ދަނޑުވެރިކަމާބެހޭ ހަމައެކަނި ހޮސްޕިޓަލްކަމަށް ވުމުން އެތަނަށް ފަރުވާ އާއި އިރުޝާދު ހޯދަން އަންނަ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިޔައީ ފަރުވާގެ ރަނގަޅުކަމުންނެވެ. ދަނޑުވެރިކަމާބެހޭ ޑޮކްޓަރުގެ އިތުބާރު ބ. އަތޮޅު ރައްޔިތުންގެ ގާތު ބޮޑުވީމައެވެ. އެކާމިޔާބާއެކު ގްރީން ޕޮޓުން ފެޅި ފެހިކުލަގަދަ ކުރިއަކީ ގާމެންޓާއި ކޮސްމެޓިކްސް ވިއްކާ “ފަލްކޯ “ފިހާރައެވެ. ޚާލިދުއާއި ވަފިއްޔާގެ ފަލްކޯއަށް މިހާރު ދެއަހަރުވެފައިވާއިރު ދެ ފިހާރައިގެ ވިޔަފާރިވެސް އަންނަނީ ކުރިއަރަމުންނެވެ. މި ދެފިހާރައިގެ ހުރިހާ މަސައްކަތެއްވެސް ބެލެހެއްޓުމުގައި އޭނާ ވަނީ އަނެއްކާވެސް ‘އަންހެނުންނަށް ކުރެވޭނެ ‘ކަން ދައްކުވައިދީފައެވެ.
އޭގެ އިތުރުން އޭނާއަކީ ވަރަށް ފުޅާކޮށް ކުޑަކުދިންނަށް ތަޖްވީދުމަގުން ޤުރުއާން ކިޔަވަން ދަސްކޮށްދޭ މުދައްރިސާއެކެވެ. އޭނާވަނީ ކުއްލިއްޔާ އާއި ގުޅިގެން އޭދަފުށީގައި ހިންގި 3 އަހަރުދުވަހުގެ ގާރީ ކޯހުގައި ބައިވެރިވެ ސެޓްފިކެޓް ހޯދާފައެވެ.
” ކޯސް ނިންމާފައި ގޭގައި ގުރުއާން ކިޔަވައިދޭން ފެއްޓީ ފުރަތަމަ އަވައްޓެރި ކުދިން ކޮޅަކަށް. އެކަމަކު މިކަން ފުޅާވެގެން ގޮސް ފަންސާހަކަށް ކުދިންނަށް ދެދަންފަޅިއަށް ވެސް ކިޔަވައި ދިނިން. އެކަމަކު ކުރިއާ ޚިލާފަށް މިހާރު އެހެން ކަންކަމަށްވެސް އިސްކަން ދޭން ޖެހިފައިވާތީ މިއަހަރު ކުދިން މަދު ކޮށްލީ. މިހާރު ކިޔަވައިދެނީ 35ވަރަކަށް ކުދިންނަށް.
އޭނާގެ މި މަސައްކަތުގެ ނަތީޖާވެސް އުފާވާހައި ރަނގަޅުކަމަށެވެ.
“އެންމެފަހުން މިދިޔަ އަހަރު ބަހިއްޔާގެ ޤުރުއާން މުބާރާތުން އަޅުގަނޑު ކިޔަވައިދިން ހުރިހާ ކުދިން ކަހަލަ ގޮތަކަށް ކޮންމެ ކުއްޖަކުވެސް ފާހަގަކުރެވޭ ވަނައެއް ހޯދި. ” ވަފިއްޔާ އޭނާގެ ކާމިޔާބާ ބެހެގޮތުން ބުންޏެވެ.
ވަފިއްޔާ ބުނީ އޭނގެ ހުރިހާ މަސައްކަތަކުންވެސް މިހާރު ކުޑަ ބްރޭކެއް ނަގާފައިވާ ކަމުގައެވެ. ކުރިން ކުރި ބައެއް މަސައްކަތްތައްވެސް މިހާރު ނުކުރާ ކަމަށެވެ. ދަސްކޮށްފައިވާ ކަންކަމުގެތެރޭގައި ހިމެނޭ ކޭކު އެޅުމާއި ފެހުން އަދި ރޯނުވެށުމާއި ފަންގި ވިނުންފަދަ މަސައްކަތްތައް ކުރަން ބޭނުންވިޔަސް ދެން އެކަމަށް އެނބުރި ދެވޭވަރަށްވުރެ ބިޒީވެއްޖެކަމަށް ބުންޏެވެ.
“ދަރިން ތަރުބިއްޔަތުކުރުމަކީ އެންމެ އިސް ކަމެއް ދޭ ކަންކަން. ދޮށީ ދަރިފުޅު ގްރޭޑް 9ގައި އަހަރަކަށްވުރެ އަހަރެއް ނަތީޖާ ރަނގަޅުކުރަމުން ދާއިރު ހަގު ދަރިފުޅު އަންނަނީ ގްރޭޑް 5 ގައި ކިޔަވަމުން. އެހެންވީމާ މިކަމަށް ގިނަ ވަގުތު ތަކެއް ހޭދަކުރަން ޖެހޭތީ ބްރޭކެއް ނެގީ.”
އެހެންނަމަވެސް އޭނާާއާ ހަވާލުވެފައިވާ މަސްއޫލިއްޔަތު ތަކާމެދު އިހުމާލެއް ނުވާނެއެވެ. ވަރަށް ރަނގަޅަށް ހިންގަމުން ގެންދާ ދެފިހާރައިގެ މަސައްކަތާއި ޕީޓީއޭ ގެ ނާއިބުރައީސްކަމުގެ ޒިންމާ ކިތަންމެ ބޮޑު ނަމަވެސް އެކަމަށްވެސް އޭނާ އޮތީ ޕްލޭންތަކެއް ކޮށްފައެވެ.
“ޕީޓީއޭގެ މާލީ ހާލަތު ރަނގޅު ކުރުމުގެ ގޮތުން ވަރަށް ފުޅާކޮށް މުޅި ރައްޔިތުންނަށް ބައިވެރިވެވޭގޮތަށް މިއަހަރު ތެރޭގައި ޑިނަރ ނައިޓެއް ބޭއްވުމާއި މަސައްކަތް ދުވަސްފަދަ ދުވަސްތައް ފާހަގަކޮށްގެން ފައިސާ ހޯދުމާއި މީގެ އިތުރުން ބެލެނިވެރިންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ކަންތައް ތަކެއް ކުރުމަށް ޕްލޭން ކުރެވިފައިވޭ. “ޕީޓީއޭގެ ތަސައްވަރު އޭނާ ކުރަހައިދިނީ މިގޮތަށެވެ.
އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ހުރިހާ އަންހެނުންނަށް ތަހުނިޔާ ކިޔަމުން އޭނާ ބުނީ ކޮންމެ އަންހެނަކަށްވެސް ކާމިޔާބު އަންހެނަކަށް ވެވިދާނެކަމުގައެވެ.. އެނަތީޖާ ނެރުމަށް ބޭނުންވަނީ ވާހަކަ މަދުކޮށް އަމަލު ގިނަކުރުން ކަމަށާއި ބޭކާރު ގޮތުގައި ވަގުތުތައް ހޭދަނުކުރުން ކަމުގައެވެ.
ނިންމާލަމުން ވަފިއްޔާ ބުނީ އޭނާގެ ކޮންމެ ކާމިޔާބީއެއްގެ އަސްލަކީ ފިރިމީހާ ޚާލިދުކަމަށާއި އެއީ ފިރިއެއްގެ ގޮތުންނާއި ބައްޕައެއްގެ ގޮތުން މިސާލެއްކަމަށެވެ. ” އޭނާގެ ލޯތްބާއި ހިތްވަރުދިނުމާއި އެހީތެރިކަން ނުލިބި ދިރިއުޅުމުގެ މިހާ މިހިސާބަށް އާދެވޭނީ ކިހިނެއް ؟ “ވަފިއްޔާގެ ވާހަކަ ނިންމާލީ މިސުވާލާއެކުގައެވެ.