ބ. އޭދަފުށި (27 ފެބުރުވަރީ 2017) : ބ. އޭދަފުށީގެ މަގުތައް ތާރުއަޅައިގެން ހެދުމުގެ މަސައްކަތް 2016 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އަންނަނީ ހިނގަމުންނެވެ. ނަމަވެސް އެކިއެކި ސަބަބުތަކާހުރެ މަޝްރޫއުގެ މަސައްކަތް މިވަގުތު އޮތީ ވަރަށްބޮޑަށް މަޑުޖެހިފައެވެ. މިހާތަނަށް ކުރިއްޔަށްގެންދިޔަ މަސައްކަތަކީ މަގުތަކުގައި ފެންހިންދާ ޖަންގްޝަންތަކާއި، ހޮޅިތައް ވަޅުލުމުގެ މަސައްކަތެވެ. މިމަޝްރޫއުގެ ދަށުން ތާރުއަޅާ މަގުތަކުގެ ތެރެއިން 10 އިންސައްތަ މަގުގެ ފެންހިންދާ ޖަންގްޝަނާއި ހޮޅިއަދި ވަޅުނުލެވޭކަމަށް އެމްއާރުޑިސީ އޭދަފުށީ އޮފީހުން ބުނެއެވެ.
އެމްއާރުޑިީސީ އޭދަފުށީ ސައިޓް މެނޭޖަރ ބަޝީރު އީވީއަށް މިއަދު ވިދާޅުވީ މަސައްކަތް މެދުކެނޑިފައިއޮތީ ވެހިކަލްތަކަށް ދިމާވި މައްސަލައަކާހުރެކަމަށާ، އިތުރު ވެހިކަލްތަކެއް އިއްޔެ ސައިޓަށް ލިބިފައިވާކަމަށެވެ. އަދި މާދަމާ އަނެއްކާވެސް ރަށުތެރޭގެ މަގުތަކުގައި މަސައްކަތް ފެށޭނެކަމަށް ބަޝީރު ވިދާޅުވިއެވެ.
“އިއްޔެ އިތުރަށް މިލިބުނީ، ޕިކަޕާއި، ރޯލަރަކާ، ފޯކްލިފްޓެއްގެ އިތުރުން އަދިވެސް އިތުރު ވެހިކަލެއް ލިބިއްޖެ. މިހާރު މަސައްކަތް ފަށައިގަންނާނެ މާދަމާ”
މިއަދުގެ ފޮޓޯއިން ހަބަރުން ފެނިވަޑައިގަންނަވާނީ، އެމްއާރުޑީސީ މަސައްކަތު ސައިޓްގެ ބައެއް މަސައްކަތަކާއި، މަޝްރޫއާބެހޭ ބައެއް ފޮޓޯތަކެވެ.

އެމްއާރުޑިސީ މަސައްކަތު ސައިޓްގައި ބަހައްޓާފައިހުރި ފެންހިންދާ ޖަންގްޝަންތަކެއް. މާދަމާ އަލުން މަސައްކަތް ފެށޭނެކަމަށް އެމްއާރުޑީސީ އޭދަފުށި ސައިޓުން ބުނޭ / އީވީ ފޮޓޯ: ޕްރިންސް ނަވާ