މާލިއްޔާއިން ޓީބީއަށް 8000ރ، ފޭއްޔަށް 10000ރ ދޭން ނިންމައިފި

DSC_00321.jpg

ބ. އޭދަފުށީ ކައުންސިލްގެ މިދައުރުގެ މެމްބަރުން ހުވާކުރުމުގެ ރަސްމިއެްޔާތުގެ ތެރެއިން. އޭދަފުށީ 2 ޖަމްއިއްޔާއަކަށް އެހީދޭން ކައުންސިލުން ވަނީ ނިންމާފައި.

އޭދަފުށީގެ އަމިއްލަ ދެޖަމްއިއްޔާ ކަމުގައިވާ ކްލަބް ދަ ބިގިނާސް (ޓީބީ)އަށް 8000ރ އަދި ފޭލި ޖަމްއިއްޔާއަށް 10000ރ ދޭން އޭދަފުށީ ކައުންސިލުން ނިންމައިފިއެވެ.

1 ފެބުރުވަރީ 2017 ދުވަހު ބޭއްވި އޭދަފުށީ ކައުންސިލްގެ މިއަހަރުގެ 5 ވަނަ އާންމު ޖަލްސާގައި ކްލަބް ދަބިގިނާސް (ޓީބީ) އަށް 8000.00 (އަށްހާސް) ރުފިޔާގެ އެހީ ކައުންސިލް އެހީގެ ބަޖެޓުން ދޭން ނިންމީ އެކްލަބުން އިސްނަގައިގެން މިމަހު އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބ. އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖް މުބާރާތަށެވެ. ކައުންސިލް ޔައުމިއްޔާގައިވާގޮތުން 8000ރ ދިނުމަށް ފާސްވީ ކައުންސިލަރ މުހައްމަދު ރިޒާ ހުށައަޅުއްވައި، ކައުންސިލަރ އަހްމަދު އަފްޒަލް ތާއީދު ކުރުމާއެކު، ކައުންސިލަރ ނައުޝާދު އަހްމަދާއި، ކައުންސިލަރ މުހައްމަދު ރާމިޒްގެ ވޯޓާއެކުއެވެ. ރިޔާސަތުގައި އިންނެވީ ނާއިބްރައީސް މުހައްމަދު ނައުރީފްއެވެ.

ކްލަބް ދަބިގިނާސް އިން މިދިޔަ އަހަރު ބޭއްވި ފުޓްސަލް މުބާރާތެއްގެ ތެރެއިން. ފުޓްބޯޅަ މުބާރާތެއް ބޭއްވުމަަށް އެހީއެއްގެ ގޮތުން ޓީބީއަށް 8000ރ ދިނުމަށް ކައުންސިލުން ވަނީ ނިންމާފައި / ފޮޓޯ: ބިގިނާސް ފޭސްބުކްޕޭޖް

ފޭލި ޖަމްއިއްޔާއަށް އެހީދޭން ނިންމީ 8 ފެބުރުވަރީ 2017 ދުވަހުބޭއްވި އެކައުންސިލްގެ މިއަހަރުގެ 6 ވަނަ އާންމު ޖަލްސާގައެވެ. އެޖަމްއިއްޔާއަށް ކައުންސިލް އާމްދަނީ ފައިސާއިން އެހީދޭން ނިންމީ ސްރީލަންކާގެ އިންސްޓިޓިއުޓްއަކާއި ގުޅިގެން ޓީޗަރުން ތަމްރީން ކުރުމަށް ހިންގާ ޓްރޭނިންގް ޕްރޮގްރާމެއްގައި އޭދަފުށީގެ 5 ޓީޗަރަކު ބައިވެރިކުރުމަށް އެހީވުމުގެ ގޮތުންނެވެ. ކައުންސިލް ޔައުމިއްޔާގައިވާގޮތުން ފޭއްޔަށް 10000ރ ދިނުމަށް ފާސްވީ ކައުންސިލަރ މުހައްމަދު ރިޒާ ހުށައަޅުއްވައި، ކައުންސިލަރ މުހައްމަދު ރާމިޒް ތާއީދު ކުރުމާއެކު، ކައުންސިލަރ އަހްމަދު އަފްޒަލްއާއެކު 4 ވޯޓް ލިބިގެންނެވެ. ނަމަވެސް ހަތަރުވަނަ ވޯޓް ދެއްވި މެމްބަރެއް ކައުންސިލް ޔައުމިއްޔާގައި ހިމަނާފައެއް ނުވެއެވެ. ރިޔާސަތުގައި އިންނެވީ ނާއިބްރައީސް މުހައްމަދު ނައުރީފްއެވެ.

ފޭލި ޖަމްއިއްޔާއިން މިއަހަރު ހިންގި ކޭކް އެޅުމުގެ ކޯހުގެ ތެރެއިން. ޓީޗަރުން ތަމްރީން ކުރުމަށް ފޭއްޔަށް ކައުންސިލުން 10000ރ ދޭން ވަނީ ނިންމާފައި / ފޮޓޯ: ފޭލި

އޭދަފުށީ ކައުންސިލް އެހީގެ ބަޖެޓަކީ އޭދަފުށީ ރައްޔިތުންގެ މާލިއްޔާގައި ހުރި ފައިސާގެ ތެރެއިން ކޮންމެ އަހަރަކުވެސް ރަށުގެ އެކިއެކި ކަންކަމަށް ހަރަދުކުރުމަށް ކައުންސިލުން ފާސްކުރާ ބަޖެޓެކެވެ. އަދި ކައުންސިލް އާމްދަނީ ފައިސާއަކީވެސް ރައްޔިތުންގެ ތަކެތި ކުއްޔަށް ދީގެންނާ، އެހެނިހެން ގޮތްގޮތުން ރައްޔަތުންގެ މާލިއްޔާއަށް ލިބޭ ފައިސާގެތެރޭގައި ހިމެނޭ ބައެކެވެ.

ޖަމްއިއްޔާތަކުން ހިންގާ އެކިއެކި ހަރަކާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ރަށު ކައުންސިލުން ކޮންމެ އަހަރަކުވެސް އެކިވަރުގެ އެހީތައް އަންނަނީ ދެމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top