ވިސްނާލަމާ: ހަމަޖެހޭ ދިރިއުޅުމެއް ލިބިދާނެ 11 ގޮތެއް

happily_married_couples.jpg

ލިޔުނީ: އަހްމަދު ނަދީމް

ކޮންމެ ދެމަފިރިއަކުވެސް ޙަޔާތެއް ފަށަނީ ވަރަށް ފޮނި އުއްމީދު ތަކަކާއި އެކުގައެވެ، ޕްލޭންތަކެއް ކުރެއެވެ. އެހެންނަމަވެސް ކަންކަން ރާވާއިރު ދިމާވެދާނެ ގޮންޖެހުންތަކަކަށް އެކަށީގެންވާގޮތެއްގައި ސަމާލުކަމެއް ނުދެވެއެވެ. ލޯބީގެގޮތުން ދެކުއްޖަކު ގުޅިގެން އުޅޭއިރު ދިމާނުވާ އެތަކެއްކަމެއް ކައިވެނީގެ ފަހުން ދިމާވާކަން އެންމެންވެސް ދަނެއެވެ. ދިރިއުޅުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ކުރިމަތިލައި ކާމިޔާބު ދިރިއުޅުމެއް ހޯދަން ކުރެވިދާނެ ކިތައްމެ ކަމެއްވެސް ހުންނާނެއެވެ.

1- ކިތައްމެ ލޯބިވިޔަސް ހުރިހާ އެއްޗެއް ދޫކޮށްނުލާށެވެ.

ކޮންމެ މީހަކަށްވެސް ބާރުތަކެއް ލިބިގެންވެއެވެ. ބައެއްފަހަރު މައިންބަފައިންނަކީ ނެތްބައެއްގެގޮތުގައި ކައިވެނި ކުރެއެވެ. އަނެއްބައި ފަހަރަށް ވަޒީފާ ދޫކޮށްލުމަށްފަހު ކައިވެނި ކުރެއެވެ. މިހެން ކަންތައް ދިމާވުމުން އެއްފަރާތަކަށް ބާރުތައްގޮސް ހުސްވެއެވެ. ތިމާއަކީ މާބޮޑު ގޮތްތަކެއް ނެތް މީހަކަށް ވާފަހަރު އާދެއެވެ. ދެން ޖެހެނީ ހެދިހާގޮތަކަށް ރުހިގެން އުޅޭށެވެ. ބާރުތައް ލިބިފައިވާ މީހާ ބާރުގެ ބޭނުން ހިފައި ނިކަމެތި މީހާ އިތުރަށް ނިކަމެތިކޮށްލައެވެ. މިހެން ކަންތައް ދިމާވެއްޖެނަމަ އެއީ ވަރަށް ހިތްދަތި ދިރިއުޅުމަކަށްވެ މީހާ ޑިޕްރެޝަންއަށް ދިއުމުގެ ފުރުސަތު ބޮޑުވެއެވެ. އިންސާނާ ކިތަންމެ ނިކަމެތި ހާލެއްގައި އުޅެންޖެހުނަސް ގޮތެއް ހުހެއް ނުވާނެއެވެ. ރަގަޅުގޮތް ހޯދަން މަސައްކަތް ކުރުމަކީ ތިމާގެ ޒިއްމާއެކެވެ. ހިތްވަރާއެކު މަސައްކަތްކޮށް ތިމާއަކީވެސް ބާރުވެރިމީހަކަށްވާށެވެ.

2- ބައިވެރިޔާއާއެކު ކޮލިޓީ ވަގުތުކޮޅެއް ހޭދަކުރާށެވެ.

އެއް ގެއެއްގައި އަބަދު އެއްކޮށް އުޅުނަސް ދެމަފިރިންނަށް ކޮލިޓީ ވަގުތުކޮޅެއް ހޭދަނުކުރެވިދާނެވެ. އެހެން ހުރިހާކަމަކުން ހުސްވެ ދެމަފިރިންގެ ވަގުތުކޮޅުކަމަށްހަދައި ވާހަކަތައް ހިއްސާކޮށްލަންވާނެއެވެ. ހިއްސާކުރެވޭނީ އަބަދުވެސް ހިތްހަމަޖެހޭ ވާހަކަތައް ނޫންކަން ދެފަރާތުންވެސް ހަނދާން ބަހައްޓަންވާނެއެވެ. އެވަގުތުކޮޅުގެ ބޭނުމަކީ ދެފަރާތުގެވެސް އިހްސާސްތައް ބޭރުކޮށްލުމެވެ. އެފަދަ ފުރުސަތު ނުލިބޭނަމަ ހިތްހަމަ ނުޖެހޭ ކަންތައްތައް ހިތުގައި ފޮރުވެންފަށައެވެ. އަހަރުތަކެއްފަހުން ހިތްހަމަ ނުޖެހޭ ކަންކަން ގިނަވެ ބޮމެއް ފަދައިން ގޮވައެވެ. އެހިސާބުން ކުރެވޭނެ މާބޮޑުކަމެއް ނޯވެއެވެ. ދެފަރާތުންވެސް ވަކިގޮތެއް އިޚްތިޔާރުކޮށް އެމީހެއްގެ ގޮތުގައި އެމީހަކު ތިބެއެވެ. މީގެ ސަބަބުން ކައިވެނި ރޫޅި ދަރިންތިބިނަމަ އެކުދިން ނިކަމެތިވެއެވެ. އަދި އެވަރަކުން ނިމުނީއެއް ނޫނެވެ. ޒާތީގޮތުން ދެމީހުން އެކަކު އަނެކަކަށް ހަމަލާދީ ކުށްވެރިކުރެއެވެ.

3- ވަފާތެރި ވާން ވާނެއެވެ

މިޒަމާނަށް ބަލާއިރު މުއާމަލާތު ކުރެވިދާނެ އެތައް ގޮތެއް އެބައޮތެވެ. ފޭސްބުކް، ވައިބަރ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ޙަޔާތުގެ ބައިވެރިޔާއަށް ދޮންކަޅުވެސް އަންގައި ނުލައި ބޮޑެތި ފާފަތަކަށް އަރައި ގަންނަނީ ކިތައް މީހުންބާވައެވެ. ތިމާއަށް ދިމާވާ ކުދިކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންކަމާހަމައަށް ބައިވެރިޔާ އާ ހިއްސާ ކުރަންވާނެއެވެ. ތިމާގެ ފޯނު ބައިވެރިޔާ ބަލަން ބޭނުންވާނަމަ އެކަން ކޮށްނުދޭންވީ ކީއްވެހެއްޔެވެ. ބައިވެރިޔާއަށް އެއްވެސްކަމެއް ސިއްރު ކުރެވެން ޖެހޭ ހެއްޔެވެ. އަޅުގަނޑު ދެކޭގޮތުގައި ފޭސްބުކް މެދުވެރިކޮށް ތިމާ ކުރާ ކަންކަންވެސް ބައިވެރިޔާއަށް ސިއްރު ކުރެވެން ޖެހޭ ސަބަބެއް ނޯންނާނެއެވެ. ވަފާތެރިކަމާއި ނުލައި ދިރިއުޅުން ބާއްޖަވެރިއެއް ނުވާނެއެވެ.

4- ޝައްކާއި ވަހުމް ފިލުވާލާށެވެ.

ކަމަކާއި ގުޅިގެން ބައިވެރިޔާއަށް ޝައްކު ކުރެވިދާނެއެވެ. އެކުރެވުނު ޝައްކު ފިލުވައިލުމަށް ދެފަރާތުންވެސް ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ. އިންސާނަކަށް ކުށެއް ކުރެވިދާނެއެވެ. ނަމަވެސް ކުށް ތަކުރާރުކުރުމަކީ ބަލައިގަންނަން ފަސޭހަކަމަކަށް ނުވެދާނެއެވެ. ކުށެއް ކުރެވިއްޖެނަމަ އެކުށް ކުރެވެން ދިމާވި ސަބަބު އޮޅުން ފިލުވައި ކުރިމަގުގައި އެކަން ތަކުރާރު ވިޔަ ނުދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާށެވެ. މިކަމުގައި ބައެއްފަހަރު ހިތްހަމަ ނުޖެހޭ ކަންކަން ދިމާވެދާނެއެވެ. އެކަމަކު ކެތްކުރަންވާނެއެވެ. ގެއްލިފައިވާ އިތުބާރެއް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް މަސައްކަތްކޮށްފިނަމަ އިތުބާރު އަލުން ހޯދިދާނެއެވެ.

5- އިހްތިރާމް ކުރާށެވެ.

ބައިވެރިޔާގެ ހުރިހާކަމަކަށްވެސް ފުރިހަމައަށް އިހްތިރާމް ކުރަންވާނެއެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ޚިޔާލު ތަފާތުވާ ދަނޑިވަޅުތަކުގައި އަބަދުވެސް އެންމެ ރަގަޅު ޚިޔާލަށް ބުރަވާށެވެ. ފަހަރެއްގައި އެއީ ތިމާ އެންމެ ރުހޭ ގޮތްކަމަށް ނުވެ ހިގައިދާނެއެވެ. ދެމަފިރިންގެ ސިއްރުތައް އެހެން މީހުންނާއި ހިއްސާކޮށް ބައިވެރިޔާގެ އަގު ވެއްޓޭނެފަދައިން އަމަލު ކޮށްގެންނުވާނެއެވެ. އެންމެ އިސްކަން ދޭންވާނީ ބައިވެރިޔާގެ އިހްސާސްތަކަށެވެ. ބައިވެރިޔާ ކަމަކަށް ބޭނުންވެފައި ހުއްޓައި އެހެން ކަމެއް އިސްނުކޮށްވޭތޯބަލާށެވެ. އެހެންކަމެއް އިސްކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ބައިވެރިޔާއަށް އެކަން ސާފުކޮށް އަންގައިދޭށެވެ.

6- އިތުބާރު ކުރާށެވެ.

ޙަޔާތުގެ ބައިވެރިއަކަށް ތިމާ ހޮވާ މީހަކަށް އިތުބާރު ކުރަންވާނެއެވެ. އިތުބާރު ކުރުމުގެ މާނައަކީ ބައިވެރިޔާ ކޮންމެ ގޮތަކަށް އުޅުނަސް އެކަމަށް ރުހިގެން އުޅުމެއް ނޫނެވެ. ބައިވެރިޔާގެ ފަރާތުން ތަފާތުކަމެއް ފެންނަނަމަ އެކަމާ ގުޅޭގޮތުން ސުވާލުކުރެވެން ޖެހޭނެއެވެ، ބައިވެރިޔާ ކަމަކާއި ގުޅިގެން ސުވާލުކޮށްފިނަމަ އެކަމާއި ހިތްހަމަ ނުޖެހުމުގެ ބަދަލުގައި ކޮށްފައިވާ ސުވާލަށް އެދެވޭ ޖަވާބެއް ދެވޭތޯ މަސައްކަތް ކުރާށެވެ. ފާރަވެރިވުމަކީ ފާރަލުންކަމަށް ނުދެކޭށެވެ.

7- ތައުރީފް ކުރާށެވެ.

ބައިވެރިޔާގެ ފަރާތުން ފެންނަ ރަގަޅުކަންކަން ފާހަގަކޮށް އެކަންކަމަށް ތައުރީފް ކުރަންވާނެއެވެ، ބައިވެރިޔާގެ ފަރާތުން ފެނުނު ރަގަޅުކަމާއި ގުޅޭގޮތުން ބައިވެރިޔާ ސުވާލުކުރުމުގެ ކުރިން ތައުރީފް ކޮށްލެވޭތޯ ބަލާށެވެ. މިސާލަކަށް ބައިވެރިޔާ ތައްޔާރުކޮށްފައިވާ ކެއުމެއް މީރުނަމަ ބައިވެރިޔާ އެކެއުން މީރުތޯ އެހުމުގެ ކުރިން ތިމާގެ ތައުރީފްގެ ބަސް ބައިވެރިޔާއަށް ރައްދުކުރެވޭތޯ ބަލާށެވެ. ތައުރީފް ކުރުމުގެގޮތުން ބުނެވޭ ބަސްތަކަކީ ލޯބިން ބުނެވޭ ބަސްތަކަކަށް ހަނދާށެވެ.

8- ލޯބިވާ ވާހަކަ ބުނާށެވެ.

ބައެއްފަހަރު ބައެއް މީހުން ކައިވެނި ކުރަނީ ލޯބިންނެއް ނޫނެވެ. ނަމަވެސް ކައިވެނިކޮށްގެން އުޅޭއިރު ބައިވެރިޔާގެ ފަރާތުން ލިބޭ ހިތްހަމަޖެހުންތަކާއި ގުޅިގެން ތިމާގެ ހިތްވެސް ބައިވެރިޔާގެ މައްޗަށް ހުސްކޮށްލެވެއެވެ. ލޯބިވާ ވާހަކަ ބުނާއިރު އަބަދު އެއް އިބާރާތަކުން އެއްގޮތަކަށް ބުނުމުގެ ބަދަލުގައި ބުނެވޭގޮތާއި ބޭނުންކުރެވޭ އިބާރާތް ބަދަލުކޮށްލުން މުހިއްމެވެ. އަދި ހާލަތަށް ރިއާޔަތް ކުރަންވާނެއެވެ.  ރަގަޅު ވަގުތުގައި ރަގަޅުބަސް ބުނުން ވަރަށް މުހިއްމެވެ. ތިމާގެ ބައިވެރިޔާގެ އިހްސާސްތައް އެންމެ ރަގަޅަށް އެނގޭނީ ތިމާއަށެވެ.

9- ޕްރެޝަރ ކުރުމުގައި ވިސްނާލާށެވެ.

ރަގަޅު ކަންކަމަށް ޕްރެޝަރ ކުރާއިރުވެސް ރަގަޅު ދަނޑިވަޅުގައި ޕޮޒިޓިވް ޕްރެޝަރ އެއް ކުރާށެވެ. ނުކުރެވި ހުރި ރަގަޅު ކަންކަމުގެ ވާހަކަ އަބަދު އަބަދު ދެއްކުމުގެ ބަދަލުގައި ހާލަތަކާއި ގުޅުވައިގެން އެވާހަކަ ދެއްކިދާނެއެވެ. ހަނދާންކޮށްދިނުމަކީ އަބަދުވެސް ކުރަންޖެހޭކަމެކެވެ. ކަމެއް ކުރުމަށް ބައިވެރިޔާ ބުނެފައިވާނަމަ ފަހުން އެކަންމަތިން ހަނދާންނެތިއްޖޭ ބުނުމަކީ ބައިވެރިޔާއަށް ދޭ ސަމާލުކަން ކުޑަވެފައިވާކަމުގެ ނިޝާނެކެވެ. އެންމެންވެސް އުޅެނީ ވަރަށް ބުރަކޮށެވެ. ނަމަވެސް ރަގަޅަށް ރޭވިގެން ކުރެވޭނަމަ ކަނޑައެޅިފައިވާ ކަންކަން ކުރެވޭނެއެވެ.

10- ޒިއްމާދާރު ވާށެވެ.

ތިމާއާ ޙަވާލުވެފައިވާ ޒިއްމާތައް ބަރާބަރަށް ނެގޭތޯބަލާށެވެ. ދެމީހުން އެކުގައި ކުރުމަށް ރޭވިފައިވާ ކަންކަން ކުރުމުގައި ދެފަރާތުންވެސް ފުރިހަމައަށް ބައިވެރިވާންވާނެއެވެ. ތިމާގެ ޒިއްމާގެ އިތުރުން ބައިވެރިޔާއަށް ނުކުރެވި ހުރި ކަންކަން ކުރުމުގައި ބައިވެރިޔާއަށް އެހީތެރިވެ ދޭށެވެ. ނަމަވެސް އެކަމުގެ ބަދަލަށް ނޭދޭށެވެ. މިސާލަކަށް ކަމެއްކޮށްދީފައި ތިމާ ކުރަން އޮތް ކަންތައް ބައިވެރިޔާ އާ ޙަވާލު ނުކުރާށެވެ. އެހީތެރި ވެދޭއިރުވެސް ތިމާއަށް ފެނިގެން އެހީތެރިވެދެވޭތޯ ބަލާށެވެ. ބައިވެރިޔާ ކަމަކަށް އެދެންދެން މަޑުނުކުރާށެވެ. އޭރުން ތިމާގެ ބައިވެރިޔާއަށް ދޭ ސަމާލުކަން ބައިވެރިޔާއަށް އިހްސާސް ކުރެވޭނެއެވެ.

11- ދެމަފިރިކަމުގެ ގުޅުން ހިންގުމުގައި ސަމާލުކަންދޭށެވެ.

މި ޕޮއިންޓާއި ގުޅޭ އާޓިކަލް މިއަންނަ ހަފްތާގައި.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top