އޮއްސުނު ތަރިން: ނާނާވީ ސީދާ ލޯބިން ލޫޓުވާލެވުނު އަފްރާހު

0-02-06-ff2c06e29f5fe399a7c2df25f5e1df6adf8e78cf135fe5d95eb0158e8fb20ff1_4fd70091.jpg

މީގެ ސާޅިހަކަށް އަހަރު ކުރިން ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ މަރުހޫމާ ޖޭމު ދޮންކަމަނަ އޭނާގެ އަމިއްލަ ރާގަކަށް ކިޔާފައިވާ ‘ދިން މިހިތެއް އަނބުރާ ނުގެންނާނަން ހިލާ’ އަދިވެސް ޒުވާނެވެ. ފަހުގެ ލަވަކިއުންތެރިން އެ ލަވަ ކޮޕީކޮށްގެން ރިމިކްސް ހަދައިފިއެވެ. ލަވަ އެކި ގޮތްގޮތަށް ފުރޮޅާލައިގެން ރާގަށް ކުދިކުދި ބަދަލު ގެނެސްގެން ވެސް ކިޔަމުން އެބަ އާދެއެވެ. ހަމައެހެންމެ ޖޭމު ދޮންކަމަނައާ ގަރުނުގެ ލަވަކިއުންތެރިޔާ މަޝްހޫރު ނައިފަރު ދޮހޮއްކޮ އެކުވެއްޖެނަމަ އެވީ ލަވައަކަށޭ ބުނާހެން މި ދެ ލެޖެންޑުން ކިޔާފައިވާ ހަމައެކަނި ލަވަ، ނާނާ ވީ ސީދާ ލޯތްބަކީ ވެސް ހަމަ މިގޮތަށް އޭރުގެ ކެސެޓްރޯލްތަކުގައި ހިރަފުސް އަރާފައި އޮތަނުދީ ނަގައިގެން އެއަށްވެސް ބަދަލު ތަކެއް ގެނެސް މިހާރުގެ ލަވަކިއުންތެރިންވެސް ކިޔަމުން އަންނަ ލަވައެކެވެ. އެކަމަކު އަސްލު އެއޮތްގޮތަށް ބަދަލެއް ނައިސް އޮތީ މި ދެ ލަވައިގެ ވީޑިއޯއެވެ.

އޭރު އެންމެ ޓޮޕްގައި އޮތް މި ދެލަވައިގެ ވީޑިއޯ ލަވަ ކުޅެފައިވަނީ ދިވެހި ފިލްމީ ދުނިޔޭގައި އެންމެ ނަން ހިނގާ އެކެއް ކަމުގައިވާ މަރުހޫމާ ހާޖަރާއާއެކު އަލަށް ތައާރަފްވި ބ.މާޅޮސް ބާދަލް މުހައްމަދު އަފްރާހުއެވެ. މަރުހޫމާ ހާޖަރާ އެކްޓްކޮށްފައިވާ އެންމެ ރީތި ލަވަތައް ހޮވާނަމަ މަޝްހޫރު ދިވެހި ކޮމެޑިއަން ޔޫސޭ އާއެކު ކުޅެފައިވާ ބައެއް ލަވަތަކާއެކު ޗާޓުގެ އެންމެ ކުރީގައި އުޅޭނީ ބ. މާޅޮހު މުހައްމަދު އަފްރާހާއެކު ކުޅެފައިވާ ނާނާވީ ސީދާ ލޯތްބާއި ދިން މި ހިތެއް އަނބުރާ ނުގެންދާނަން …އެވެ.

ހާޖަރާ އާއެކު މި ދެލަވައިގެ އިތުރުން އެހެން ލަވައެއްވެސް ކުޅެލާފައި ސްކްރީނުން އަފްރާހު ގެއްލުނީއެވެ. އެކަމަކު އަހަރެމެންނަށް އޭނާ ނުފެނުނު ކަމުގައިވިޔަސް އޭގެ ދެއަހަރު ފަހުން 1995 ހާތާނގައި ނުކުތް ފިލްމް ނަފްރަތުން ކުޑަކުޑަރޯލެއް އަދާކުރިއެވެ. އެކަމަކު އެހިސާބުން އެއްކޮށް ގެއްލުނީއެވެ.

މިހާރު މިއީ އޭގެ 24 އަހަރު ފަހެވެ. މުޅިން ބަދަލުވެފައިވާ މޫނަކާއެކު “ބިތުފަންގި” ބައެއް އެޕިސޯޑުތަކުން އޭނާ ފެނިއްޖެއެވެ. އެއާއެކު އެދުވަސް ނުވަތަ ދިވެހި ވީޑިއޯ ލަވަތަކުގެ ރަންޒަމާން ހަނދާނާ ކުޅެލައިފިއެވެ. ސުވާލުތަކަކާވެސް އެކުގައެވެ. އަފްރާހު އެނބުރިއައީ ހެއްޔެވެ. ދިވެހި ފިލްމީ އުދަރަހުން އެރި އަފްރާހު ތަރި އަދިވެސް މުޅިން އޮއްސިގެން ނުދާކަމަށް ބަލަންވީ ހެއްޔެވެ؟

“ތެދެއް. ފިލްމާ ވީޑިއޯ ލަވައިގެ ދާއިރާއިން ވަކިވެ ސައުވީހަކަށް އަހަރު ވޭތުވެގެން ހިނގައްޖެ. މިހާ ދިގު މުއްދަތެއް ވޭތުވެގެން ދިޔައީ ދެން އިތުރަށް ކެމެރާގެ ކުރިމަތިން ފެންނަން ބޭނުން ނުވެގެން. ވަޒީފާ އާއި އެކު އެހެންކަންތައް ތަކެއްވެސް މެދުވެރިވެގެން. ބިތުފަންގީގެ ބައެއް އެޕިސޯޑުން ފެނުމުން އަނެއްކާވެސް ފުރުސަތުތައް ލިބެން ފަށައިފި. އެކަމަކު ހަނދާން ކުރަންޖެހޭނެ އާއްމުން އަހަރެން ބަލައިގެންފައިވަނީ ފިލްމީ ދާއިރާއަށްވުރެ ބޮޑަށް ހާޖަރާ އާއެކު ކުޅެފައިވާ ނާނާވީ ސީދާ ލޯތްބާއި ދިން މި ހިތެއް އަނބުރާ ނުގެންދާނަން މި ދެލަވައިން ކަން. އެއީ އެންމެ ޒުވާން އިރު. މީ އޭގެ އެތައް އަހަރެއްގެ ފަސް. މިއަދު އަހަރެން އެކަހަލަ ރޯލަކަށް ފިޓެއް ނުވާނެ. މިހާރު އަހަރެންގެ އުމުރަކީ47 އަހަރު. އެހެންވީމާ އުމުރާ އެކަށީގެންވާ ރޯލުތަކުން ފެންނާނީ.” އެފްޑީއައިގެ އެޗްއާރ އެންޑް އެޑްމިން ސުޕަވައިޒަރެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ އަފްރާހު ބުންޏެވެ.

ހާޖަރާއާއެކު ލަވައެއް ކުޅުމަށް އޭރު ފުރުސަތު ލިބުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ދިވެހި ފިލްމި ދާއިރާ އެންމެ ޅަފަތުގައި އޮތް އިރު ޑައިރެކްޓަރުން ބޭނުންވާނީ މި ފަންނަން  ފިޓް މީހެކެވެ. އަފްރާހަށް އެފުރުސަތު ލިބުނީ ކިހިނެއް ހެއްޔެވެ؟

“ސްކޫލް ނިންމާފަ ހުއްޓާ ކޮޕީ ރަޝީދު ޑައިރެކްޓްކުރި ގަލޮޅު އަވަށުން ކުޅުނު ސްޓޭޖް ޑްރާމާއެއްގައި ބައިވެރިވީ. އެޑްރާމާ ބެއްލެވުމަށްފަހު ޓީވީ މޯލްޑިވްސްގެ އިސް ބޭފުޅެއް ކަމަށްވާ އަބްދުލް މުހުސިން އަށް އަޅުގަނޑު ކަމުގޮސްގެން ދެއްވި ފުރުސަތެއްއެއީ. “އަފްރާހު ބުންޏެވެ.

އެދުވަސް ވަރަކީ ޓީވީގެ ޑްރާމާތަކާއި ދިވެހި ލަވަތަކާއި ދިވެހި ފިލްމަށް ވެސް އާއްމުން އެންމެ ބޮޑަށް ދެވި ހިފާފައިތިބި ދުވަސްވަރުކަމަށް ވެފައި ކޮމެޑީ އެއްޗެތި ތަންކޮޅެއް މަދުކަމަށް ފާހަގަ ކުރެއްވިގެން އަފްރާހު ގާތު މުހުސިން ފުރަތަމަވެސް އެދުނީ ހާޖަރާ އާއެކު ލަވައެއް ކުޅުމަށެވެ. ތަންކޮޅެއް ކޮމެޑީވިޔަސް މީހުންގެ ތެރޭގައި ވަރަށް ހިނގާނެ ކަމަށާ އެޕްރޮގްރާމާއެކު އަފްރާހުވެސް މަޝްހޫރުވެގެން ދާނެ ކަމަށް ބުނުމުން އެއްބަސް ވީއެވެ.

ކަންތައް ވީވެސް އެހެންނެވެ. ލަވަ ނިކުތުމާއެކު މީހުން އަފްރާހު ފާހަގަ ކޮށްފިއެވެ. ގިނަ ކޮމެންޓްތައް ޕޮޒިޓިވް ކަމަށް ވިޔަސް މަދުމަދުން ދެރަވާ ކަހަލަ ވާހަކަތައްވެސް އަމާޒުވަމުން ދިޔައެވެ.

“އެކި ކަހަލަ ކޮމެންޓް ތައް އައި. އެއީ އަނެއްކާ ރެފްރީކަން ކުރަން ފެށި ދުވަސް ވަރު ވީމާ ދަނޑުމަތިންވެސް އޭގެ އަސަރުތައް ފޯރި. ކުޅިބަލަން ތިބޭ މީހުން ރެފްރީގެ ނިންމުމަށް ހިތްހަމަނުޖެހިއްޖެނަމަ ހާޖަރާ އާއެކު ލަވަ ކުޅެން ދާންވީ ނޫންހޭ ގޮވާ . އެކަމަކު އެކަންކަން ބަލައިގަތީ  ކުރިއެރުމެއްގެ ގޮތުގަ. ހަމައެގޮތަށް މަގުމަތިން ދިމާވާ ދަންނަ މީހުންނާއި ނުދަންނަ މީހުން އަހަރެންގެ އެކްޓް ވަރަށް ރަނގަޅޭ ބުނެ ހިތްވަރު ދިން . މަދު ބަޔަކު ބުނި އެހާ އުމުރު ތަފާތުވީމާ ކަމަކު ނުދެއޭވެސް. ”

އަފްރާހު ގަބޫލު ކުރަނީ މުހިއްމުވަނީ އުމުރު ނޫން ކަމުގައެވެ. މުހިއްމުވާނީ މީހާގެ އެކްޓެވެ.

އޭނާ ބެލީ އެކަމެވެ. ލޯބީގެ ލަވައެއްކަމަށް ވިޔަސް ލަވައިގަ އެކިޔާ އެއްޗަކާ މޫނުގެ އެކްސްޕްރެޝަން އާ ހަރަކާތްތައް ގެންގުޅޭނެ ގޮތް ކުރިން ހާޖަރާ އޮތި ކިޔާދީފައެވެ. އެހެންވިޔަސް މުޅިން އަލަށް ވީމާ ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން މެދުވެރި ވިއެވެ.

“ސްޓޭޖް ޑްރާމާ ކުޅެފަ ޓަސްލާފަ ކެމެރާގެ ކުރިމައްޗަށް ނުކުތުމުން އުނދަގޫތަކެއްވި. ހާޖަރާ އަކީއޭރުވެސް ވަރަށް ތަޖްރިބާހުރި ޑައިރެކްޓަރެއް . މޮޅު މަޝްހޫރު ތަރިއެއް. އޭނާ ޑައިރެކްޓް ކުރާ ލަވައއެއް ވިމާ ވަރަށް ކިޔައިދީ ހިތްވަރު ދިން.”

ހާޖާރާގެ ޑައިރެކްޝަންގެ މޮޅު ވާހަކަ ދައްކަމުން އަފްރާހު ބުނީ ހާޖަރާގެ އެންމެ މޮޅު ކަމަކީ ލިޔެފައި ފައިއޮތް އެއްވެސް ޑައިލޮގެއް ނެތި މިހެން ހަދާ އެހެން ހަދާށޭ ބުނެ އެއް ޝޮޓުން މުޅި ލަވަ ނިންމާލާފައިވާތީއެވެ.

“މިލަވަވެސް ވަގުތުން ޑައިރެކްޓް ކުރީ. ފްރީ ޑައިލޮގް. ވަން ޝޮޓުން މުޅި ލަވަ ނަގާފައި އޮންނާނީ.” އެރު ކުއްޖަކާ ރައްޓެހިނުވެ ހުރި 18 އަހަރުގެ އަފްރާހު ބުންޏެވެ.

އެކަމަކު ލަވަ ކުޅެ ޓީވީއިން ދެއްކުމުން އެކަން ނިމުމަކަށް އަތުވެއްޖެއެވެ. ރައްޓެހިވާން ބޭނުންކަމުގެ ސިގްނަލްތައް އެކި ގޮތްގޮތުން ލިބެމުން އައެވެ.

އަފްރާހު މިހާރުވެސް ފީޗަރ ދެ ފިލްމްގައި މަސައްކަތް ކުރެއެވެ. އެތަނުން އެއް ފިލްމް އަންނަ ސެޕްޓެމްބަރުގައި ރިލިޒް ވާނެއެވެ. އޭނާ ބައިވެރިވާ ބިތުފަންގި ޑްރާމާގެ 2 ވަނަ އެޕިސޯޑް މިހާރު ވަނީ ނުކުމެފައެވެ. ބައިސްކޯފުން ދައްކާ “ކަރުހަކުރު” ސީރީޒް 1 ގައިވެސް ފުދޭ ވަރެއްގެ ބޮޑުރޯލެއްއޭނާ އަދާ ކުރެއެވެ.

އަފްރާހުގެ ފިލްމީ ދުވެލި ހަގީގީ ބާރުމިނުގައި ދުއްވައިގަންނަން މިފެށީ އެެހެން ސްޓާރުންނާއި ތަފާތުކޮށް ދެބައި އުމުރުގައި ކަމަށް އޭނާ ގަބޫލު ކުރެއެވެ. ޒުވާން ދައުރު މިދާއިރާއާ ދުރުގައި ހުރީ ފުރުސަތު ނުލިބިގެން ނޫންކަންވެސް ހަނދާން ކުރަން ޖެހެއެވެ. ބޭނުންވީ ވަޒީފާގެ ސަބަބުން މި ދާއިރާއިން ދިގު ބްރޭކެއް ނަގާށެވެ. ދެން އަނެއްކާވެސް ކުރިއަށެވެ.

 

 

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު