ގޮއިދޫން އަހްމަދު ރިޔާޒު
ބ. އަތޮޅު ގޮއިދޫގެ ރައްޔިތުން މޫދަށް އެރުމަށާ، ކަސްރަތު ކުރުމަށް ބޭނުންކުރާނޭ ސަރަހައްދެއް ތަރައްޤީކޮށް މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މިއަދު ހަވީރު ގޮއިދޫގައި އޮތް ރަސްމިއްޔާތެއްގައި މި “ފަންނު” ހުޅުވައިދެއްވީ ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ މުހައްމަދު ޝިނާނެވެ. ކަސްރަތު މައިޒާނުގެ ގޮތުގައި ކަސްރަތުކުރާ ސާމާނާއެކު މައިޒާން ހުޅުވާފައިވަނީ އާންމުކޮށް އެރަށުގެ އަންހެނުން ކަސްރަތަށްދާ ރަށުގެ ދެކުނު ސަރަހައްދުގައެވެ. ފަސޭހައިން މޫދަށް އެރެވޭގޮތަށް ތަރައްޤީކުރި މޫދަށް އެރޭ ސަރަހައްދު ހަދާފައިވަނީ ބަންދަރު ސަރަހައްދާ ކައިރީގައެވެ.
ގޮއިދޫ ކައުންސިލުން ބުނީ ކަސްރަތުކުރާ މައިޒާނަކާއި، މޫދަށް އެރޭ ސަރަހައްދަކީ އެރަށުގެ ފިރިހެނުން އަމިއްލަ ޖީބުން ހަރަދުކޮށްގެން އެމީހުންގެ މަސައްކަތުން އެރަށު ރައްޔިތުންނަށް ހާއްސަގޮތެއްގައި އަންހެނުންނަށް ކުރި ހަދިޔާއެއްކަމަށެވެ. ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު އީވީއަށް ވިދާޅުވީ ރައްޔިތުންގެ އެކުވެރިކަމާ، ގުޅުމާއެކު މިދެއްކި ނަމޫނާއާމެދު ފަހުރުވެރިވާކަމަށާ، މިއީ ވަރަށް އުފާވެރި ވަގުތެއްކަމުގައެވެ.
“ވަރަށް ފަހުރުވެރިވާ ރައްޔިތެއް އުޅޭ ރަށެއް މީ. އަޅުގަނޑު ވަރަށް އުފާވޭ މިފަދަ ރައްޔިތެއްގެ ވެރިއަކަށް މިއަދު ހުރެވުނީމާވެސް. މިއީ ނަމޫނާ ރައްޔިތުންގެ ރަށެއް” އާމިރު ވިދާޅުވިއެވެ.

މައިޒާންތައް ހުޅުވުމުގެ ރަސްމިއްޔާތުގައި ގޮއިދޫ ރައްޔިތުންގެ ބަޔަކު ބައިވެރިވަނީ. މައިޒާންތަކަކީ ރައްޔިތުން ކުރި މަސައްކަތެއްކަމަށް ކައުންސިލުން ބުނޭ / އީވީ ފޮޓޯ: އަހްމަދު ރިޔާޒު
މައިޒާންތައް ތަރައްޤީކުރުމުގައި އިސްކޮށް އުޅުނު މީހަކު އީވީއަށް ބުނީ ކަސްރަތު މައިޒާން ހަދަންޖެހުނީ އެރަށުގެ އަންހެނުންނަކީ ދުޅަހެޔޮކަންމަތީ ތިބުމަށް ވަރަށް މަސައްކަތް ކުރާ ބަޔަކަށްވާތީ، އެކަމަށް ތަރުހީބުދީ، ހިތްވަރުދިނުމުގެ ގޮތުންކަމަށެވެ. އަދި މޫދަށް އެރުމަށް މިހާތަނަށް އާންމު ރައްޔިތުންނަށް ވަރަށްބޮޑު ދަތިތަކާ ކުރިމަތިވަމުންދިޔަކަމަށާ، އެކަން ހައްލުކުރުމަށް މިމަޝްރޫއުގެ ތެރެއިން ސިޑިއަކާއި، ކުޑަ ބްރިޖެއް އެޅިފައިވާކަމަށެވެ.

ގޮއިދޫ މޫދަށް އެރޭ މައިޒާންގައި ބެހެއްޓިފައިވާ ބްރިޖު. މޫދަށް އެރުމަށްވެސް މިއަދު ވަނީ ގޮިއދޫގައި ސަރަހައްދެއް ހާއްސަކޮށްފައި / އީވީފޮޓޯ: އަހްމަދު ރިޔާޒު
“ރައްޔިތުން މިކަންކަމަށް ބޭނުންވެފައިވާލެއް ބޮޑުކަމުން ކޮންމެހެން މިކަމާ އުޅެން މިޖެހުނީ. މިތަންތަން އިތުރަށް ތަރައްޤީކޮށް ބެލެހެއްޓުމަށްވެސް މިދަނީ މަސައްކަތް ކުރަމުން. ” ނަންހާމަ ނުކުރުމަށްއެދި މިމަސައްކަތުގައި އިސްކޮށް އުޅުނު އެކަކު ބުންޏެވެ.
ގޮއިދޫގައި އާންމު ރައްޔިތުންނަށް “ރަސްފަންނެން” ހުޅުވި ހިދްމަތް ފެށުނު އިރު އޭދަފުށީގައިވެސް މިދިޔައަހަރު އެރަށު އާންމުންގެ ބަޔަކު ވަނީ “ފުށި ފަންނު” ގެ ނަމުގައި މޫދަށް އެރި، ހިތްފަސޭހަ ކޮށްލެވޭގޮތަށް މައިޒާނެއް ހަދާފައެވެ.