ދިޔާ ބޭހެއްގައި ކެމިކަލް މާއްދާއެއް ހިމެނޭތީ މަނާކޮށްފި

large_167352732643guil.jpg

ކެއްސުމާއި ރޯގާއަށް ބޭނުން ކުރަމުންދާ ބޭހެއްގައި ކެމިކަލް އެކުލެވިގެންވާ ކަމަށް ޝައްކު ކުރެވި، އެ ބޭސް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން ބުނިގޮތުގައި ކެއްސުމާއި ރޯގާއަށް އާންމުކޮށް ބޭނުންކުރާ ބޭހެއް ކަމަށްވާ “ސިޓްރިޒެން” ގައި ކެމިކަލް އެކުލެވިގެންވާ ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން މިއަހަރުގެ މިހާތަނަށް 10 ސާމްޕަލް މާކެޓުން ނަގާ ސްކްރީން ކުރިއިރު އެ ބޭހުގައި (އެތިލީން ގްލައިކޯލް) ހުރިކަން ވަނީ ކަށަވަރުވެފައެވެ.

އެހެންކަމުން މި ބޭހުގެ މިހާރު ބޭނުންކުރާ ބެޗުތައް(ބެޗް ނަންބަރ B220) އިތުރަށް ތަހުލީލްކުރުމަށް ރާއްޖޭން ބޭރަށް ފޮނުވަން ނިންމާފައިވާތީ، ޓެސްޓުގެ ނަތީޖާ ލިބި ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން “ސިޓްރިޒެން” އެތެރެ ކުރުމާއި ވިއްކުމަށް އެމްއެފްޑީއޭއިން ވަނީ މަނާކޮށްފައެވެ.

2022 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފައްދާ ކެއްސުމާއި ހުމުގެ އަދި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ވިހަ މާއްދާއެއް ކަމަށްވާ އެތިލީން ގްލައިކޯލް ހިމެނޭ ކަމަށް ދުނިޔޭގެ ސިއްހަތާއިބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ޑަބްލިއުއެޗްއޯއިން ވަނީ އިންޑިއާގެ ކުންފުނިތަކުން އުފެއްދި ބައެއް ކޯފް ސިރަޕްތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށް އެލާޓް ނެރެފަ އެވެ. އެއީ, އޭގައި ސިއްހަތަށް ނުރައްކާވާ ދެ މާއްދާ ކަމަށްވާ “ޑައިއެތިލީން ގްލައިކޯލް” އަދި “އެތިލީން ގްލައިކޯލް” ވަރަށް ގިނައިން ހުރުމުންނެވެ.

“ޑައިއެތިލީން ގްލައިކޯލް” އަދި “އެތިލީން ގްލައިކޯލް” އަކީ އިންސާނުންނަށް ވިހަ ދެ މާއްދާ އެވެ. ހަށިގަނޑަށް އެތެރެވެއްޖެ ނަމަ އޭގެން މަރުވުމުގެ ފުރުސަތު ބޮޑެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top