ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 12ވަނަ ދުވަހަކީ ގައުމީ ތަރިކަ ދުވަސް

b_au2r9WdR3wgTxEYdKbzT5JB7s.jpg

ކަޅުވަކަރު މިސްކިތުގެ ވަޅު ބެހެއްޓަށް ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު ޝާހިދު --- ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ

ކޮންމެ އަހަރެއްގެ ސެޕްޓެންބަރު 12 ވަނަ ދުވަހަކީ ރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.

ރައީސް މިގޮތަށް ކަނޑައެޅުއްވީ، ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރެއްވުމާ ގުޅޭގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސަށް އެރުވި ލަފާފުޅުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށް ފަހުގަ އެވެ.

ސަގާފީ ތަރިކައިގެ ދުވަހެއް ކަޑައެޅުމާ ގުޅޭ ގޮތުން ކެބިނެޓުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ، މީގެކުރިން އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދަމަހައްޓަން ގައުމީ ފެންވަރެއްގައި އަދި ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރަމުން އައި މަސައްކަތްތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ނެތުން ކަމަށެވެ.

ނަމަވެސް މި ސަރުކާރުން 12 ސެޕްޓެމްބަރު 2019ގައި ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ތަސްދީގު ކުރެއްވުމުގެ ސަބަބުން ރާއްޖޭގެ ސަގާފީ ތަރިކައަށް ކުރިން ނުލިބި އޮތް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންދިޔަ ކަމަށް ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ ގައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ކަނޑައެޅުމަކީ ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ތަރިކަތައް އަމާނާތްތެރިކަމާ އެކު އަދުގެ ޖީލަށާއި ކުރިއަށް އޮތް ޖީލުތަކަށް ވާސިލު ކޮށްދިނުމަށާއި މިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. އަދި ތަރިކައާމެދު ޝައުޤުވެރިކަން އުފައްދާ އެ ވާހަކަތައް ދެއްކުމަށް ޚާއްސަ ގައުމީ ތަރިކަ ދުވަހެއް ފާހަގަކުރުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top