ރާއްޖޭގެ ތާރީޚްގައިވެސް ދިމާވި އެންމެ ބިރުވެރި ކާރިސާ އަކީ ސުނާމީއެވެ. 82 މީހުން މަރުވެ 26 މީހުން ގެއްލިދިޔަ އެ ހިތާމަވެރި ކާރިސާގެ ހަނދާންތައް އަދިވެސް އަހަރެމެން އެބަ ކުރަމުއެވެ. އެފަދަ ކާރިސާއެއް ދެވަނަ ފަހަރަށް ނައުން އެދި ދުއާ ދަންނަވަމުއެވެ.
މިފަދަ ކަންކަން ލޮލުން ދެކެ އަތުން ހިފާފައިވާ ވަކި ވަކި ފަރުދުންގެ ވާހަކަތަކަކީ ކޮންމެވެސް ސިފައެއްގައި ލިޔެވެން ޖެހޭނެ ވާހަކަ ތަކެކެވެ. ރަށެއްގެ ނިސްބަތުން ބަލާނަމަ އެކަން ކުރުން އެންމެ އައުލާކަން ބޮޑުވާނީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ތާރީޚު ދިރާސާ ކުރާ މީހުންނާއި ހަބަރާ މައުލޫމާތު ގެނެސް ދިނުމަށް މަސައްކަތްކުރާ މީޑިއާ ގެ ވަސީލަތްތަކެވެ. އެއީ ފޮޓޯތަކެއްގެ ސިފައިގާ ނަމަވެސް ނުވަތަ އަޑުން ރެކޯޑް ކުރެވިފައިވާ ވާހަކަތަކެއްގެ ސިފައިގާ ނަމަވެސް އެވާހަކަތައް ތާރީޚަށްޓަކާ ރައްކާ ކުރެވެންް ވާނެއެވެ. އެއީ ބައެއްގެ ޒާތީ ދިރިއުޅުމާ ބެހުންކަމަށް ދެކޭބަޔަކު އުޅޭކަމަށް ވާނަމަ އެ ހިސާބުން އެކަމުގައި އެހެން ކުލައެއް އެ ޖެއްސުނީއެވެ.
ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި އޭދަފުށި ހިމެނެއެވެ. މީސްމީހުންގެ ގެދޮރާއި މުދަލަށް އަދި އޮޑިދޯނި ފަހަރަށްވެސް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ލިބުނެވެ. އެކާރިސާގެ ތަޖްރިބާ ކުރި މީހުންނަށް ލިބުނު ކުއްލި ސިހުމާއި ބިރުވެރިކަމުގެ ސަބަބުން ދިމާވި ނަފްސާނީ ގެއްލުން އަދިމާ ބޮޑެވެ.
އޭދަފުށީ އަނޯނާގޭ އަލީހަސަން އަކީ ސުނާމީ ކާރިސާގައ ބޮޑެތި އަނިޔާ ލިބިފައިވާ މީހެކެވެ. ޖިސްމާނީ އަދި ނަފްސާނީ އަނިޔާއެވެ. ހަށިގަނޑުގެ އެތަންމިތަން ޒަޚަމްވެ އެ ޒަޚަމްތަކުން އުފެދުނު ލަކުނުތައް އަދިވެސް ހުރީ ތާޒާކަން މަތީގައެވެ.
ސުނާމީގެ 12 އަހަރު ކުރީގެ ހަނދާންތައް އަލީ ހަސަން އޭދަފުށީ ވޮއިސްއާ ގުޅާލަދިނީ މިގޮތަށެވެ.
ހޮސްޕިޓަލުގައި ބަލިވެ އޮތް ދަރިފުޅުގެ ކައިރީގައި ހޭލާ ހުރުމަށް ފަހު އަނެއް ދުވަހު ހެދުނު ސައިބޮއި ނިމިގެން އަލީ އުތުރުފަރާތު އަތިރިމައްޗަށް ނުކުތީ ތުޅާދޫ ރައްޓެއްސަކާ ބައްދަލުކުރާށެވެ.
އެވަގުތު އަލީއަށް އަށް ރާޅު އަރަމުން އަންނަތަން ފެނުނީ ބިރުވެރި ގޮތަކަށެވެ. އޭނާ އަވަސްވީ ފަޅުތެރޭގައި އޮތް އޭނާ މަހަށް ދާ ޒިންދަގީ ދޯނި ސަލާމަތްކުރުމުގެ ގޮތުން ދޯނި ފަޅުތެރެއިން ނެރެވޭތޯއެވެ. އޭރު ފަޅުގައި އަޅާފައި އޮތް ގިނަ ދޯނިފަހަރު ފަޅުން ނެރެފިއެވެ. އަލީ ދޯންޏަށް އެރިއިރު ދޯނީގެ ވެރިފަރާތުގެ އިތުރުން ހަތަރު މީހަކު ވެސް މަސައްކަތްކުރަމުން ދިޔައީ ވީހާ އަވަހަކަށް ދޯނި ކަނޑަށް ނެރެވޭތޯއެވެ. އޭރުވެސް ބިޔަ ރާޅުތައް އައިސް ވާޓަރު ހުރަސްކޮށް ރަށުތެރެއަށް އަރަމުން ދެއެވެ. ކުޑަކުޑަައިރުކޮޅެއްގެ ތެރޭގައި އިރުމަތީކޮޅުގައި އަޅާފައި ހުރި ފާލަންވެސް އެއްކޮށް ފުނޑުފުނޑު ވެއްޖެއެވެ.
“ފުނަދޫ (ސޮނޭވާފުށި )ގެ މަލައެއް ނުފެނޭ. ” ރާޅުތަކުގެގެ އުސްމިން އަލީ ކިޔައިދިނީ މިގޮތަށެވެ.
އަލީ ބުނީ ދެން ފެނުނީ ބިރުން ފިތް ކަނޑައިގެން ދާވަރުގެ ކަމެކެވެ. ބިޔަ ރާޅެއް އައިސް ރަށުތެރެއަށް ބިންދާލާފައި ދިއުމަށްފަހު މޫދު ފެނުނީ މުޅިން އެކީ ހިކިފައި އޮތ ސަރަހައްދެއްގެ ގޮތުގައެވެ.
“ހަމައެއްގޮތަކަށް ވެސް އެއޮއް ބޮޑު މޫދުގައި އެންމެފެންފޮދެއްވެސް ނެތީ. މަސްތައްވެސް މަރަށް ތެޅޭތަން ފެނުނިީ. “
އަލީބުނީ ދޯނީގެ ވާތައް ނަގާ ނިމުމާއެކު އިންޖީނު ސްޓާޓް ކޮށް ނައްޓާލިތަނާ ފަޅުން ބޭރު ނުވެވި އުޅެނިކޮށް އެހެންރާޅެއް އައިސް ދޯނި ބަންޑުން ޖަހާލީއެވެ. އެއަށް ފަހު ދޯނި ރާޅުތަކުގެ ތެރޭގައި އެނބުރެން ފެށީއެވެ. ދެން ތިބީ އެންމެންވެސް ދޯނީގެ ފަށަން މަތީގައެވެ. އަލީމެންނަށް ފަށަން މަތީގައި ތިބެން މަޖްބޫރުވީ ފަޅު ތެރޭގައި އެވަގުތު އެނބުރެމުން ދިޔަ ގަދަ އޮއިވަރާ ބާނި ތަކުގެ ސަބަބުން ދޯނި ދޫކޮށްލާފައި ގޮސް ރަށަށް އެރިދާނެކަމަށް ނުފެންނާތީއެވެ. މި ވަގުތު ކޮޅުގެ ތެރޭގައި ރަށުގެ ވާޓަރުގެ އެކި ތަންތަނުން ބިންދައިގެންގޮސް ކޮންކްރިޓް ގަނޑު ނެއްޓި އެތެރޭގައި ހުރި ދަގަނޑުތައްވެސް ހުރީ ހާމަ އަށް ފެންނާށެވެ.
އިރުކޮޅަކުން ފެނުނީ އެބޮޑުދޯނި ފަޅުތެރޭގައި ދެބުރިވެފައި ވަނިކޮށެވެ. ދޯނި ދެބުރިވާން ދިމާވީ ފަޅުތެރެގައި އެގޮތް މިގޮތަށް އެނބުރި ވާޓަރުގައިވެސް އެތައް ފަހަރަކު ޖެހުމުގެ ސަބަބުންނެވެ.
އޭރު ރަށުގެ ގިނަ ބަޔަކު އަތިރިމައްޗަށް ޖަމާވެފައި އޮތީ ގުދުރަތުގެ މި އަޖާއިބު ދެކޭށާއި ފަޅުތެރޭގައި ތިބި މީހުންނަށް އެހީވާން ޖެހިއްޖެނަމަ އެކަމަށް ވެސް ތައްޔާރުގައެވެ. ” އެމީހުން ކަންތައް ކުރި ގޮތަކީ ވަލެއް އެއްލަނީ. ދެން އެވަލުގައި އެލިގަތުމުން ދަމާފައި އެއްގަމަށް އަރުވަނީ. ” އަލީ ކިޔައިދިނެވެ.
އެހެންނަމަވެސް އެކަންވެސް ނުވީ އަލީއަށެވެ. އަލީ ބުނީ އޭނާ އާ ހަމައަށް އައިއިރު ދޯނި އޮތީ މާބޮޑަށް ބޭރުވެފައި ކަމުގައެވެ. ” ދެން ހިތަށް އެރީ ފުންމާލާފައި ގޮސް އެތަނުގައި އޮތް ކުޑަ ދޯންޏަށް އަރާނީއޭ. އެ ނިޔަތުގައި ފުންމާލިތަނާ ކުޑަދޯނީއަޅާގައި އޮތް ވަލުގައި ފައި ޖެހުނީ އެއީ ނަސީބަކުން. ހިތްވަރުކޮށްލާފައި ދޯންޏަށް އެރީ. އެހިސާބުން ދެން ވީގޮތެއް ނޭގުނު.”
އެހިސާބުން އަލީގެ ހޭ ނެތުނީއެވެ. އަލީގެ އަންހެނުން ސުރައްޔާ ބުނި ގޮތުގައި އަލީ ފަތްޖެހި އެނދަކަށް ލައިގެން ހޮސްޕިޓަލަށް ގެނައިއިރު މުޅި ގައިން ލޭ އޮހޮރޭ ކަމަށާއި ހޭވެސް ނެތްކަމުގައެވެ.
އަލީގެ ހަށިގަނޑުގައި ބޮޑެތި ޒަޚަމްތަކެއް ހުންނަންޖެހުނީ ދޯނި ބަންޑުންޖަހާލުމުން ދޯނި ތެރެއިން ނުކުންނަން އުޅެނިކޮށް ލިބުނު ގެއްލުމުން ކަމުގައެވެ.
އެ ޒަޚަމްތައް މިހާރު ހުރީ ލަކުނަށް ވެފައެވެ. އެލަކުނުތައް ވެސް އޭގެ މުއްދަތު ހަމަކޮށް ފިލާފާނެއެވެ. އެހެންނަމަވެސް އެ ހިތްދަތި ހަނދާންތައް ދުވަހަކުވެސް ނުފިލާނެކަމަށް އަލީ ބުންޏެވެ.
” ސުނާމީގެ ހަނދާންތަކަކީ ވަކި ނުވާނެ ހަނދާނެއް. އެއަށް ވުރެ މާ އަސަރު ހުރި ހިތާމަވެރި ބިރުވެރި ދުވަހެއް އެއީ ” އިސްޖަހައިގެން އިދެ އަލީ އެހެން ބުނެފައި ދައްކާލީ އޭނާގެ މޭމައްޗެވެ. މޭކަށިގަނޑާ ދިމާލުން އުފުލިފައިހުރި ތަނަކީ އެދުވަހުގެ ހާދިސާގައި ދޯނި ބަންޑުންޖަހާލާފައި އޮއްވާ އެތަނުން ނުކުންނަން އުޅެނިކޮށް ދޯނީގެ މެއްކެއްގައި އަޅައިގަނެ ވެފައިވާ އަނިޔާކަމަށް އަލީ ބުންޏެވެ.