ބ.އަތޮޅު ފުޓްބޯޅަ ޗެލެންޖްގެ ފައިނަލުގައި މިއަދު އަވައްޓެރި ފެހެންދުއާ ވާދަކޮށް އެޓީމު ބަލިކުރުމަށް ފަހު ގޮއިދޫ ޗެމްޕިއަންކަން ހޯދައިފިއެވެ.
މޫސުން ގޯސްވެ އަތޮޅުފެރީގެ ދަތުރުތައްވެސް ކެންސަލް ކޮށްްްްފައިވިޔަސް ވަޔާ އޮޔާ ދެކޮޅަށް ދަތުރުކުރުމަށް ފަހު ދެޓީމުގެ ސަޕޯޓަރުން ވަނީ އޭދަފުށްޓަށް މިއަދުގެ މެޗަށް އައިސް ދަނޑު ފުރާލާފައެވެ.
ގޮއިދޫ ޓީމުގެ ރަތްކުލައާއި ފެހެންދޫ ޓީމުގެ ނޫކުލައިން ދަނޑުގެ ހަތަރުފަރާތުން ފުޓްބޯޅައިގެ އީދެއް ފާހަގަކުރާހެން މުޅި ދަނޑުވަނީ ސަޕޯޓަރުންގެ އަޑުން ގުގުމާލާފައެވެ.
މިއަދުގެ މެޗުން ގޮއިދޫ މޮޅުވެފައިވަނީ މެޗް ނިމެން އެންމެ 10 މިނިޓަށް ވެފައިވަނިކޮށް އިޝާން އިބްރާހީމް އެޓީމަށް ޖަހާދީފައިވާ ހަމައެކަނި ލަނޑުންނެވެ. އިޝާން މި ލަނޑު ޖަހާފައިވަނީ މެދު ރޮނގު ހުރަސްކޮށް ފެހެންދޫގެ ފަސްކުޅުންތެރިންގެ ކައިރިން ނައްޓުވާލުމަށްފަހު ސީދާ ގޯލަށް ޖަހައިގެންނެވެ.
މިއަދުގެ މެޗް ކުޑަތަފާތުން ގޮއިދޫ ކާމިޔާބުކުރިނަމަވެސް އެ ޓީމު މިއަދު ދެއްކި ކުޅުމަކީ ރާއްޖޭގެ ގައުމީ ޓީމަށްވެސް ގޮންޖަހާލެވޭވަރުގެ މޮޅު ކުޅުމެއް ދެއްކި މެޗެއްކަމުގައި ފުޓްބޯޅައިގެ ތަޖްރިބާކާރުން ބުނެއެވެ.
ގޮއިދޫގެ ލަނޑަށް ފަހު ފެހެންދޫވެސް ލަނޑެއްޖެހޭތޯ ޓީމް ކުރިއަށް އަރައިގެން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ނަތީޖާބަދަލުކުރެވޭ ގޮތެއްނުވިއެވެ.
މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި މިއަދު ވަނީ މި މިމުބާރާތުން ވަނަ ވަނައަށްއައި ކުޅުންތެރިންގެ ނަންތައްވެސް އިއުލާނު ކޮށްފައެވެ.
އެގޮތުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މާގާމް ލިބުނީ ގޮއިދޫ ޓީމުގެ އިޝާން އިބްރާހީމް (ސައްޓު)އަށެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ފެހެންދޫގެ ކީޕަރު އިބްރާހީމް ޒަޔާން އެވެ. 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވާފައިވަނީ ފެހެންދޫ ޓީމުގެ ޙުސައިން ޝިފާޢު އަށެވެ. އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމަށް ހޮވާފައިވަނީ ގޮއިދޫ ޓީމުގެ އާދަމް ނިޒާމް (ކިތުނާ) އެވެ. ފެއާ ޕްލޭ ޓީމަކީ އޭދަފުށީ ފުޓްބޯޅަ ޓީމެވެ.
މި މުބާރާތުގައި މިއަހަރު ބައިވެރި ވެފައިވަނީ އަތޮޅުގެ 5 ރަށަކުންނެވެ.
މިއަހަރުގެ މުބާރާތް ގޮއިދޫ ކާމިޔާބު ކުރުމުން މިއީ ގޮއިދޫ މި މުބާރާތް ކާމިޔާބު ކުރި ތިންވަނަ އަހަރެވެ. މިދިޔަ އަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ ފެހެންދޫއެވެ.