ދިވެހި ފައިސާގެ ގޮތުގައި ކުރިން ގެންގުޅުނު ނޫޓުތައް މި މަހުގެ 31 ވަނަ ދުވަހުގެ ފަހުން ބޭނުން ކުރުން ހުއްޓާލާތީވެ އެތާރީޚުގެ ކުރިން ރަންދިހަ ފަހެއްގެ ނޫޓުތަކަށް ބަދަލުކޮށް ނިންމުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެމްއޭ އިން ބުނެފައިވަނީ ކުރިން ބޭނުން ކުރަމުން އައި 10ރުފިޔާއާއި 20 ރުފިޔާ އާއި 50ރުފިޔާ އާއި 100 ރުފިޔާއާއި 500 ރުފިޔާގެ ނޫޓު މިމަހުގެ 31ވަނަ ދުވަހަުގެ ފަހުން ބޭނުންކުރުން ހުއްޓާލަން އިއުލާނުކުރައްވާފައިވާނޭ ކަމަށާއި މި މުއްދަތުގެ ކުރިން ނޫޓުތައް ބަދަލުކުރުމަށް ހަނދާން ކޮށްދޭ ކަމުގައެވެ.
އެމްއެމްއޭ އިން ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 25 އާއި ހަމައަށް، ކުރިން ބޭނުންކުރަމުންދިޔަ ނޫޓުގެ 2.9 ބިލިއަން ރުފިޔާ އިޤްތިޞާދުގައި ދައުރުވަމުން ދިޔަނަމަވެސް، ހުސްވި ނޮވެމްބަރުމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް 2.7 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކަށް ނަގާފައިވާކަމަށެވެ. އެއީ، ކުރިން ބޭނުންކުރަމުންދިޔަ ނޫޓްތަކުގެ 93.5 އިންސައްތަ ނޫޓެވެ. އަދި ބާކީ ނުނެގި ހުރީ، 189 މިލިއަން ރުފިޔާ، ނުވަތަ 6.5 އިންސައްތަ ނޫޓު ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެއެވެ.