އޭދަފުށީ ޒުވާނުންގެ ޓީމަކާ ރޯޔަލް އައިލެންޑް ރިސޯޓާ ކުޅުނު އެކުވެރިކަމުގެ މެޗް އެއްވަރުވެ ނިމެއްޖެއެވެ.
އިއްޔެ ހަވީރު ރޯޔަލް އައިލެންޑް ރިސޯޓްގައި ކުޅުނު މިމެޗް ނިމިގެން ދިޔައީ 2 ލަނޑު 2 ލަނޑުން އެއްވަރުވެގެންނެވެ. މިމެޗް ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ ކުރީކޮޅު ކާމިޔާބުކުރީ ރޯޔަލް އައިލެންޑް ރިސޯޓުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ސޮބާހުއެވެ.
ފުރަތަމަ ހާފު ނިމުނުއިރު 1- 0 ލީޑަކުން ކުރީގައި ރޯޔަލް އައިލެންޑް ރިސޯޓް ޓީމެވެ.
އެހެން ނަމަވެސް ދެވަނަ ހާފު ފެށިތަނުން މާ ގެނަ އިރެއް ނުވަނީސް އޭދަފުށީ ޒުވާނުންގެ ޓީމުގެ ފަތީން ޙާލިދު ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަކޮށްފަ އެވެ. މީގެ އިރުކޮޅެއް ފަހުން އަނެއްކާވެސް އޭދަފުށީ ޒުވާނުންގެ ޓީމުން އިޝާން އިބްރާހީމް (ސައްޓު) ވަނީ ލަނޑެއް ޖަހާ ނަތީޖާ 2- 1 އަށް ބަދަލުކޮށްލާފައެވެ. ރޯޔަލް އައިލެންޑް ރިސޯޓުން މެޗު އެއްވަރުކޮށްދިން ލަނޑަކީ މެޗު ނިމެން އުޅެނިކޮށް އޭދަފުށި ޒުވާން ޓީމުގެ އަލީ ޝަފީގު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މިމެޗަކީ ކްލަބް ކޮމްބިނޭޝަންގެ ފަރާތުން އަންނަ މަހު އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަ ރިޒޯޓް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅެވުނު އެކުވެރިކަމަމުގެ މެޗެކެވެ.