
ދަރަވަންދޫ ފެމެލީ ސްޓާރ ފިހާރަ ފަޅާލި ދޮރުފަތް އިއްޔެ މަރާމާތު ކުރަނީ. ވަގަށްގެންދިޔަ ތަކެތިވަނީ ފުލުހުން ހޯދައި ބަޔަކު ހައްޔަރުކޮށްފައި/ ފޮޓޯ ސަން އޮންލައިން
ބ. އަތޮޅު ދަރަވަންދޫ ދެ ފިހާރައަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހަނަކާއި 25 އަހަރުގެ ފިރިހެނެއްގެ އިތުރުން 29 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. މިއެންމެނަކީވެސް ދިވެހީންނެވެ.
މި 4 މީހުން ހައްޔަރުކޮށްފައިވަނީ ބ.ދަރަވަންދޫ ދެ ފިހާރައެއް ފަޅާލައި އެތަނުން ވައްކަންކޮށްފައިވާކަމަށް ބުނެ ބ.އޭދަފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލަކާ ގުޅިގެން އެ ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 2014 މާރޗް 14 ވަނަދުވަހުގެ 14:30 ހާއިރުކަމަށްވެސް ފުލުހުން ބުނެއެވެ.
އެ ދެފިހާރައިން ވަގަށް ނަގާފައިވާ ތަކެތި ހޯދާފައިވަނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ 4 މީހުން ދިރިއުޅެމުންދާ 5 ގެއަކަށް ކޯޓު އަމުރެއްގެ ދަށުން ވަދެ އެ ގެތައް ބަލައިފާސްކުރުމުން އެގެތަކުގެ ތެރެއިންނެވެ. އެގޮތުން އެ ދެފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ -/300ރ (ތިން ސަތޭކަ ރުފިޔާ) އާއި 6 ބޮޑީ ސްޕްރޭ ފުޅިއާއި 5 އާފްޓަރ ޝޭވް ފުޅިއާއި 1 ކެމަލް ބްރޭންޑުގެ ސިނގިރޭޓް ކާޓޫނެއްގެ އިތުރުން -/10000ރ (ދިހަ ހާސް ރުފިޔާ) ވަނީ ފެނިފައެވެ.
މި މައްސަލަ ބ.އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤުކުރަމުންނެވެ.