މީޑިއާތަކަށް ދޭ މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

3763a026-03ac-453e-ae1a-700e9b44eef4.png

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުންނާއި އެ އޮފީހުގެ މުވަޒަފުންތަކެއް -- ފޮޓޯ: އެމްއެމްބީސީ

ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް މީޑިއާތަކަށް ދައުލަތުން މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ބުނީ އެ ފުރުސަތު ހުޅުވައިލީ މިއަދުން ފެށިގެން އަންނަ މަހުގެ 3 އާ ހަމައަށް ކަމަށެވެ.

މީޑިއާތަކަށް ދޭ މާލީ އެހީ އަށް އެދެން ހުޅުވައިލި އިރު، މާލީ އެހީތެރިކަން ދިނުމުގެ އާ އުސޫލު ވެސް މިދިޔަ ހަފުތާގެ ތެރޭގައި އާންމުކޮށްފައިވެ އެވެ. އާ އުސޫލުގެ ދަށުން ފައިސާ ދޫކުރާނީ ހިންގާތާ އެއްއަހަރު ދުވަސްވެފައިވާ މީޑިއާ ތަކަށެެވެ. އަދި ކުރިން މީޑިއާ ގްރާންޓުން ފައިސާ ލިބިފައިވާ މީޑިއާއެއް ނަމަ އެ ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލް މަލީ ބަޔާނެއް ހުށަހަޅަން ޖެހެ އެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާކޮށް، މީޑިއާތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ.

އާ އުސޫލުގެ ދަށުން އެއް ފަރާތަކުން އެއް މީޑިއާއަށް ވުރެ ގިނަ މީޑީއާ ހިންގި ނަމަވެސް މާލީ އެހީ ލިބޭނީ އެ ފަރާތަކުން ޚިޔާރުކުރާ އެއް މީޑިއާއަކަށެވެ. އޭގެ ތެރޭގައި މައި ކުންފުނީގެ ހިއްސާ އޮންނަ ނުވަތަ ސަބްސިޑިއަރީ ކުންފުނިތައް ވެސް ހިމެނެ އެވެ.

ކޮންމެ މިޑިއާއަކުން އެއް އެޕްލިކޭޝަން ހުށަހެޅޭ ގޮތަށް އޮތްއިރު، އެ ފަރާތްތަކަށް އިޚްތިޔާރު އުސޫލުގެ ދަށުން އިޚްތިޔާރު ކުރެވޭނީ ގިނަވެގެން ދެ މިޑިއަމް ނުވަތަ އެ މީޑިއާއެއް ބޭނުންކުރާ ދެ މަންސަކަން ބަޔާންކޮށްފައެވެ.

މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، މީޑިއާގެ މުއްދަތު، މުވައްޒަފުންގެ އަދަދު، މުވައްޒަފުންގެ ތަޢުލީމާއ،ި ތަޖުރިބާ އާއި އިދާރީ އިންތިޒާމުތައް، ބިޒިނަސް ޕްލޭން، އަދި ކޮންޓެންޓާއި ބާވަތެވެ.

މާލީ އެހީއަށް އެދި ހުށަހަޅަން ޖެހޭނީ އެމްއެމްބީސީން ހާއްސަކޮށްފައިވާ ޕޯޓަލް mediaapp.one.gov.mv މެދުވެރިކޮށެވެ. އަދި ކޮމިޝަނުން މާކްސް ދޭ ގޮތް ޕޯޓަލް މެދުވެރިކޮށް އެ ފަރާތްތަކަށް ފެންނާނެއެވެ. މާކްސް ދެވުނު ގޮތާއި މެދު ހިތްހަމަ ނުޖެހޭނަމަ މާކްސް މުރާޖާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ވެސް އުސޫލުގެ ދަށުން އޮންނާނެ އެވެ.

މީޑިއާތަކަށް ފައިސާ ދޫކުރާނީ އުސޫލުގެ ދަށުން ފައިސާ ދޫކުރަން ކަނޑައަޅާ މީޑިއާތަކަށެވެ. އަދި ފައިސާ މިންވަރު ކަނޑައަޅާނެ ފޯމިއުލާއެއް ވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ފައިސާ ދޫކުރާނީ ކޮމިޝަނުން މީޑިއާތައް ކަނޑައެޅުމުން، ހޯމްލޭންޑް މިނިސްޓްރީ އަށް ލިސްޓު ފޮނުވުމުން އެ ލިސްޓް މާލީ ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިގެންނެވެ.

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީ ދޭން ބަޖެޓުން 0.1 ޕަސެންޓް ކަނޑައަޅާފައިވެ އެވެ.

މި އެހީގެ އެންމެ ބޮޑު އެއް ބޭނުމަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ. އަދި އުފެއްދުންތެރި ކޮންޓެންޓް އުފައްދައި ނޫސްވެރިކަމުގެ ދާއިރާއަކީ ޒިންމާދާރު ކަމާއި އިތުބާރާއެކު ވަޒީފާގެ ފުރުޞަތުތަކަށް ހެދުމާއި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާކޮށް، މީޑިއާތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ.

މީޑިއާތަކަށް މާލީ އެހީ ފުރަތަމަ ދިނީ މިދިޔަ އަހަރު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top