ރައީސް މުޢިއްޒުގެ ސަރުކާރުގެ ތިން އަހަރުގެ ނަތީޖާއާމެދު 57.1 އިންސައްތަ މީހުން ހިތްހަމަޖެހޭ: ސަން ޕޯލް

large_179549647062foQT.jpg

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުނުއިރު، މި މުއްދަތުގައި ސަރުކާރުން ނެރުނު ނަތީޖާއާމެދު ރައްޔިތުން ދެކޭގޮތް ދެނެގަތުމަށް ނެގި ސަން ޕޯލްގެ ނަތީޖާއިން ބައިވެރިވި މީހުންގެ އަޣުލަބިއްޔަތު ނުވަތަ 57.1 އިންސައްތަ މީހުން ތިބީ ސަރުކާރުގެ މަސައްކަތްތަކާމެދު ހިތްހަމަޖެހިގެން ކަން ހާމަވެއްޖެއެވެ.

އޮންލައިންކޮށް ވެބްސައިޓަށް ވަދެގެން ވޯޓުލެވޭ ގޮތަށް ކުރިއަށްގެންދިޔަ މި ޕޯލްގައި 30،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. ސަރުކާރުގެ މަސައްކަތްތަކާމެދު އެއްވެސް ވަރަކަށް ހިތްހަމަނުޖެހޭ ކަމަށް ވޯޓުދީފައިވަނީ ބައިވެރިންގެ 23 އިންސައްތަ މީހުންނެވެ.

މީގެ އިތުރުން، ސަރުކާރުން ނިންމެވި ނިންމެވުންތަކާ މެދު ތަފާތު ދެ ވިސްނުމެއްގައި ވޯޓު ދީފައިވާކަން ނަތީޖާއިން ފާހަގަކުރެވެއެވެ. އެގޮތުން، ރަނގަޅު ނިންމެވުންތަކެއް ނިންމެވި ނަމަވެސް ގިނައީ ގޯސް ނިންމެވުންތައް ކަމަށް ދެކޭ ކަމަށް 19.1 އިންސައްތަ މީހުން ބުނެފައިވާއިރު، ގޯސް ނިންމެވުންތަކެއް ހުރި ނަމަވެސް ގިނައީ ރަނގަޅު ނިންމެވުންތައް ކަމަށް ބުނެ ވޯޓުދީފައިވަނީ ބައިވެރިންގެ އެންމެ 0.7 އިންސައްތަ މީހުންނެވެ.

މި ނަތީޖާތަކަށް ބަލާއިރު، ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެއްގެ މީހުން ސަރުކާރުގެ ވޭތުވެދިޔަ ތިން އަހަރުގެ މަސައްކަތާމެދު ހިތްހަމަޖެހުން ފާޅުކޮށްފައިވީ ނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާމެދު ސުވާލު އުފައްދައި، ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުގެ ނިސްބަތްވެސް ގާތްގަނޑަކަށް 42 އިންސައްތައަށް އަރައެވެ.

މި ޕޯލްގެ ނަތީޖާއިން ދައްކުވައިދެނީ، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަށާއި ނިންމުންތަކަށް ޢާންމުންގެ ތާއީދު އޮތް މިންވަރާއި، ހަމައެއާއެކު ބައެއް ނިންމުންތަކާމެދު ރައްޔިތުންގެ މެދުގައި އޮތް ތަފާތު ޚިޔާލުތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމަށް ތިން އަހަރު ފުރުނުއިރު، އެކި ދާއިރާތަކުން ބޮޑެތި ކުރިއެރުންތަކާއި ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. ސިޔާސަތުތައް ތަންފީޒުކުރުމުގައި އަވަސްއަރުވާލުމުގެ ސަބަބުން އާސަންދަ އާއި ސިނގިރޭޓު ޑިއުޓީ ފަދަ ކަންކަމުގައި ނިންމުންތައް ބަދަލުކުރަން ޖެހި، ރައްޔިތުންގެ މެދުގައި ސުވާލު އުފެދުނެވެ. މީގެ އިތުރުން މައުލޫމާތު ހާމަކުރުމުގައި ހުރި ދަތިތަކާއި ޚިޔާލުފާޅުކުރުމުގެ ދާއިރާއިން ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ސިޔާސީ ހަރަކާތްތަކުގެ މިނިވަންކަން އަދިވެސް އެބައޮތެވެ.

ޚާރިޖީ ދާއިރާއަށް ބަލާއިރު، ފޯޅަވަހީގެ މައްސަލައިގައި އަދި އެދެވޭ ކުރިއެރުމެއް ނުފެންނައިރު މޮރިޝަސްއާއެކު އޮތް ގުޅުން ކެނޑިގެންދިޔަ ނަމަވެސް، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުން ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވެއެވެ.

އިގްތިސާދީ ގޮތުން އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބޭރުގެ ދަރަނީގެ ބޮޑު ބައެއް އަދާކޮށް، ސޮވެރިން ސުކޫކް ދައްކައި، ދައުލަތުގެ ރިޒާވް ރެކޯޑު މިންވަރަކަށް އިތުރުކުރެވިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top