ހަށިގަނޑުގެ ވަނާތައް އެނގޭ ގޮތަށް ގަޔަށްބާރު ހެދުން ލުމަކީ ޖާހިލީ ޒަމާނުގެ އާދައެއް: ޚުޠުބާ

5e789224-efb0-49de-872a-d969c743d702.png

ހަށިގަނޑުގެ ވަނާތައް އެނގޭ ގޮތަށް ގަޔަށްބާރު ހެދުން ލައި، ހިލޭ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ފަދަ ގޮތްގޮތަށް ޒީނަތްތެރިވުމަކީ އިހުގެ ޖާހިލީ ޒަމާނުގެ އާދައެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެ އެވެ.

”ސާފުތާހިރުކަމާއި ޒީނަތްތެރިވުން“ މި މައުޟޫޢަށް ރާއްޖޭގެ އެކިކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި، އިސްލާމްދީނުގައި ސާފުތާހިރުކަމަށް ދީފައިވާ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ.

ޚުތުބާގައި ވަނީ މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަން ކަމަށާއި އޭނާ ނަމާދަށް ހުއްޓެނީ ވުޟޫކޮށް ތާހިރުވެގެން ކަމާއި ޤުރްއާން ކިޔަވަނީ ވެސް ތާހިރުކަންމަތީ ހުރެގެން ކަން ހަނދާންކޮށްދީފައެވެ.

މުސްލިމުންގެ ހަށިގަނޑާއި ފޭރާމާއި، އުޅޭ ތަން ސާފުކޮށް ބެލެހެއްޓުމަކީ ހަމައެކަނި އާދައެއް ނޫން ކަމަށާއި އެއީ ﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި އަޅުކަމެއް ކަމަށް ޚުތުބާގައި ފާހަގަކޮށް ވިދާޅުވެފައިވަނީ މާތްﷲ އިންސާނާ އުފައްދަވާފައިވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަަމަށާއި އެ ސާފުކަން ދެމެހެއްޓުމަށްޓަކައި މާތް ނަބިއްޔާ “ފިޠުރަތުގެ ސުންނަތްތައް” އުނގަންނައިދެއްވާފައިވާ ކަމަށެވެ.

ޚުތުބާގައި ވަނީ އަދުގެ ޒަމާނީ ވަސީލަތްތަކާ އެކު ސާފުތާހިރުވުމުގެ ނަމުގައި ބައެއް ފަހަރު ދީނީ އިންތަކުން ބޭރުވާތަން ފެންނަކަން ފާހަގަކޮށްފައެވެ.  އޭގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ކަމަކީ ސެލޫންތަކަށް ގޮސް “ވެކްސް”ކުރުމަށް ނުވަތަ “ލޭޒާ ޓްރީޓްމެންޓް” ހެދުމަށްޓަކައި، ތިމާއަށް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުން ކަމަށާއި އެއީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

”ބުރުގާ އެޅުމުގެ އަޞްލު މަޤުޞަދަކީ ޢައުރަ ނިވައިކުރުމެވެ. ޢިއްފަތްތެރިވެ އަބުރުވެރި ވުމެވެ. ނަމަވެސް ބުރުގާ އަޅައިގެން ތިބޭ އިރު، ކަންފަތުގައިލާ މުދި ނުވަތަ ކަރުގައި އަޅާ ފަށް ފެންނަގޮތަށް ބުރުގާ އެޅުމާއި، ބޮލުގައި ފޮތިކޮޅެއް އޮޅާލައިގެން ކަނދުރާ ފެންނަގޮތަށް ހެދުން އެޅުމަކީ ޙިޖާބުގެ މަޤުޞަދު ގެއްލޭ ކަމެކެވެ.“ ޚުތުބާގައި ބުނެފައި ވެއެވެ.

ޚުތުބާގައި ބަޔާންކުރި ގޮތުގައި، ﷲ އުފެއްދެވި ސިފަ ބަދަލުކުރުމުގެ ގޮތުން ޓެޓޫ ޖެހުމާއި ބުމަ ހެދުމަކީ ﷲގެ ލަޢުނަތް ހުރި ކަންކަމެވެ. އަދި މިސްކިތްތަކަށްދާއިރު ގައިން ނުބައިވަސް ދުވާ ހާލަތުގައި ނުދިއުމަށާއި، މަލާއިކަތުންނަށް އުނދަގޫވާ ފަދަ ކަންކަމުން ދުރުހެލިވުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ޒީނަތްތެރިވުމަކީ އިސްލާމްދީން ހިތްވަރުދޭ ކަމެއް ނަމަވެސް، އެކަން ކުރަންވާނީ ދީނީ އިންތަކުގެ ތެރޭގައެވެ. އެންމެ ބޮޑަށް ޒީނަތްތެރިވާންވީ ތިމާގެ ޙަލާލު ބައިވެރިޔާއަށްޓަކައި ގޭތެރޭގައި ކަމަށާއި، އާއިލާގެ މެންބަރުންނަށް މިފަދަ ކަންކަމުގައި އޯގާތެރިކަމާއެކު ނަސޭހަތްދީ، ރަނގަޅު މަގަށް މަގުދެއްކުމަށް މިއަދުގެ ޚުތުބާގައި ހުރިހާ މުސްލިމުންނަށް ގޮވާލެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top