ޔާމީން އުފައްދަވާ ޕާޓީއާ ގުޅެން ތައްޔާރުވާން އެދިވަޑައިގެންފި

big_Fot3hs3fBwwtbzz0KOWS784LF.jpeg

ރައީސް ޔާމީން ---ފޮޓޯ:އަވަސް

ކުރީގެ ރައީސް ޔާމީން އަލަށް އުފައްދަވާ ސިޔާސީ ޕާޓީއާ ގުޅެން ތައްޔާރުވާން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ގޮވާލައްވައިފި އެވެ.

ޕީޕީއެމްގެ ލީޑަޝިޕާއި މެދު ހިތްހަމަޖެހިވަޑައިނުގެން ޔާމީން ޕީޕީއެމުން ރޭ ވަނީ ވަކިވެވަޑައިގެންފަ އެވެ. އެއާއެކު އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޔާމީން ވަނީ ރޭ ފައްޓަވާފަ އެވެ.

ޕީޕީއެމުން ރޭ ވަކިކުރި އަދި މިހާރު ޔާމީނާ އެކު އެންމެ އަރިސްކޮށް ސިޔާސީ މަސައްކަތް ކުރައްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ އާ ޕާޓީގެ ލޯގޯ އާއި ނަން ޔާމީން ފައިނަލް ކުރައްވާފައިވާ ކަމަށެވެ. އަދި އާދީއްތަ ދުވަހު ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަލީހު ވިދާޅުވި އެވެ.

“ހުރިހާ ބޭފުޅުން ވަރަށް ގާތުން މިކަން ބައްލަވާ އާ ޕާޓީއާ ގުޅުމަށް ތައްޔާރު ވުމަށް ރައީސް އެދިވަޑައިގެންނެވި،” މަލީހު ވިދާޅުވި އެވެ.

ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ޗެނަލް13 އަށް ރޭ ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ ޕީޕީއެމްގެ ލީޑަޝިޕުން ޔާމީންއާ ދުރަށް ވަޑައިގެންފައިވާ ކަމަށާއި ޔާމީންއާ މިހާރު އެއްވެސް ކަމެއްގައި މަޝްވަރާ ނުކުރައްވާ ކަމަށެވެ. އަދި ޔާމީންގެ މަޝްވަރާއާއެކު ޕާޓީގެ ކަމެއް ހިންގަވަން ލީޑަޝިޕްގެ ބޭފުޅުން ބޭނުން ނުވާ ކަމަށާއި އެއީ ޕީޕީއެމް ދޫކޮށްލައްވަން ޔާމީން ނިންމެވި ސަބަބެއް ކަމަށް ޖަމީލު ވިދާޅުވި އެވެ. އަދި އެ ނިންމެވުމަކީ  ޔާމީނަށް ފަސޭހަފުޅު ނިންމެވުމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން އުފައްދަވާ ޕާޓީއާއި ގުޅުމުގެ ޝައުގުވެރިކަން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގިނަ އަދަދެއްގެ އާއްމު ރައްޔިތުންވެސް ގެންދަނީ ފާޅުކުރަމުންނެވެ.

ޕީޕީއެމް މިހާރު އޮތީ ވަކި ބަޔަކު ހިޞާރުކޮށްފައި ކަމަށާއި ޕީޕީއެމާއެކު ރާއްޖޭގެ އެތަކެއް ހާސް ރައްޔިތުން މަގުމަތިކޮށްލުމުގެ ފުރުސަތު ރައީސް ޔާމީން ނުދެއްވާނެ ކަމަށްވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ޕީޕިއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމަވާފައިވާއިރު، ޔާމިން އެންޑޯޒް ކުރައްވައިގެން، ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައި ޑރ. މުޙައްމަދު މުއިއްޒު ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.

“ސީދާ ރައީސް ޔާމީނަށާއި ޕީޕީއެމަށް ހަގީގަތުގައި ވަރަށް ބޮޑު ބޭވަފާތެރިކަމެއް ޕީޕީއެމްގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާއި ޑރ. މުއިއްޒު އާއި އަދި މީގެތެރޭގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުންތަކެއް ވެވަޑައިގެންފައި މިވަނީ،” ޖަމީލު ވިދާޅުވި އެވެ.

ޔާމީންގެ މި ނިންމެވުމާ ގުޅިގެން ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕްގެ އެެއްވެސް ބޭފުޅަކު މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top