އޭދަފުށީ އިރުމަތީ ފުޓްބޯޅަ ދަނޑު ސަރަހައްދަށް 1 ލައްކަ އަކަފޫޓް ބޮޑުކޮށްފި

Doc1.jpg

އޭދަފުށީ ޔޫތުސެންޓަރު ސަރަހައްދު. މިބިމަށް އެއްލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް ވަނީ އިތުރުކޮށްފައި / ފޮޓޯ: ފޭސްބުކް

އޭދަފުށީ އިރުމަތީ ސަރަހައްދު ޔޫތު ސެންޓަރާ އިންވެގެން އޮތް ފުޓްބޯޅަ ދަނޑަށް އެއްލައްކަ ދިހަހާސް އަކަފޫޓަށްވުރެ ބޮޑުބިމެއް އިތުރުކޮށް އެބިން ޔޫތު މިނިސޓްރީއާ ހަވާލުކޮށްފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިބިން ދަނޑު ސަރަހައްދަށް އިތުރުކުރުމަށް ނިންމާފައިވަނީ ނިމިދިޔަ ކައުންސިލްގެ ދައުރުގައި ކަމަށެވެ. ނަމަވެސް ޔޫތު މިނިސްޓްރީއަށް ބިން ރަޖިސްޓްރީކޮށް ނިންމީ މިދިޔަ ހަފްތާބޭއްވި މިދައުރުގެ ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށްފަހުކަމަަށް އޭދަފުށީ ކައުންސިލުން ބުންޏެވެ. އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ އިތުރުކުރެވުނު ބިމަކީ ދަނޑާ އިންވެގެން އިރުމައްޗަށާއި، އުތުރަށް އޮތް ބިންކަމަށެވެ.

“ދެހާސްފަނަރަ ހިސާބުގައި އޭރުގެ ކައުންސިލުން ނިންމާފައި އޮތް ކަމެއްމީ. އިރުމަތީ ކޮޅުން މުޅި ގޯތީގެ ދިގުމިނަށްވުރެވެސް ދިގުކޮށް 169 ފޫޓް އިރުމައްޗަށް ދަމާލާފަ މިހާރު އެއޮތީ. އުތުރުންވެސް ލިބެން އޮތް ޖާގައިން ސަރަހައްދަށް އިތުރުކުރެވެން އޮތްބައި އިތުރުކުރީ. ޖުމްލަ 110475 އަކަފޫޓް ބޮޑުކޮށް ރަޖިސްޓްރީ ހަދާ ޔޫތު މިނިސްޓްރީއަށް މިހާރު ވަނީ އެންގިފައި އެބައި ބޮޑުކުރެވުނުކަމަށް” ތޮލާލް ވިދާޅުވިއެވެ.

އޭދަފުށީ އިރުމަތީ ސަރަހައްދު ފުޓްބޯޅަ ދަނޑަކީ އޭދަފުށީގެ މަހުޖަނު އަހްމަދު ނަޒީރުގެ ހަރަދުގައި ފެންވަރު ރަނގަޅު ޓާފް ދަނޑެއް އެޅުމަށް ހަމަޖެހިފައިވާ ބިމެވެ. އަދި އެބިމުގައި ބައިނަލް އަގުވާމީ ފެންވަރުގެ ޓްރެކަކާއި، ކުޅިބަލާނެ ސަރަހައްދެއްގެ އިތުރުން އެކަމަޑޭޝަން ބްލޮކެއް ހެދުމަށްވެސް ކުރިން މަޝްވަރާ ކޮށްފައިވެއެވެ. ތޮލާލް ވިދާޅުވީ ނަޒީރު އަޅުއްވާ ދަނޑުގެ މައުލޫމާތު ރަސްމީކޮށް އެކައުންސިލަށް އަދި ނުލިބޭކަމަށެވެ. ނަމަވެސް އެކަން ކުރިޔަށް ދާވަރު ނުރަސްމީކޮށް ބައްލަވާކަމަށް ތޮލާލް ވިދާޅުވިއެވެ.

“ނަޒީރު އަޅުއްވާ ދަނޑާބެހޭ މައުލޫމާތު މިވަގުތު އަޅުގަނޑަށް ވަރަށް ދަތި މީޑިޔާއާ ހިއްސާކުރަން. ނަމަވެސް ދަންނަވަންކެރޭ އެކަން ކުރިޔަށް އެބަދާކަން. އަދި އަޅުގަނޑުވެސް މިދަނީ އެކަން އަމިއްލަގޮތުން ބަލަމުން”

އޭދަފުށީ އިރުމަތީ ފުޓްބޯޅަ ދަނޑާއި، އެދަނޑާ އިންވެގެން ހުރި ޔޫތު ސެންޓަރު އިމާރާތް ހިމެނޭ ބިން ބޮޑު ކުރެވުމާއެކު އެސަރަހައްދުގެ ޖުމްލަ ބޮޑުމިން މިހާރުވަނީ 254000 އަކަފޫޓަށްވުރެ ބޮޑުވެފައެވެ. 2005 ވަނަ އަހަރު އޭދަފުށީގައި ގާއިމްކުރެވުނު ޔޫތު ސެންޓަރުގައި ބެޑްމިންޓަން އިންޑޯ ކޯޓަކާއި، އިންޑޯ އިތުރު ބައެއް ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ. ނަމަވެސް އެސަރަހައްދާ އިންވެގެން އޮތް ހުސްބިން އަދި ތަރައްޤީކޮށްފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top