އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެންމެ ފުރަތަމަ އިންޑިއަން އައިޑަލް ކާމިޔާބުކުރި އަބިޖީތު ސާވަންތު، އަންނަ މަހުގެ 10 ވަނަ ދުވަހުގެ ރޭ 8:00 އިން ފެށިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އުރީދޫ ފަން ރަން މިއުޒިކް ޝޯގައި އެންމެ އިސް ފަންނާނެއްގެ ގޮތުގައި ހުށަހެޅުންތައް ހުށަހަޅައިދޭނެކަން އުރީދޫ މޯލްޑިވްސްއިން އިއުލާނު ކޮށްފިއެވެ.
އަބިޖީތު ސާވަންތު، ރާއްޖެ ގެނައުމަށް ހަމަޖެހިގެން ދިއުމަކީ މިއަހަރުގެ އުރީދޫ ފަން ރަންގެ ފޯރި އިތުރުކޮށްދޭނެ ކަމެއްގެ ގޮތުގައި އުރީދޫއިން ސިފަކުރެއެވެ. އަދި މިއީ ލައިވް މިއުޒިކާއި، މުނިފޫހިފިލުވުމާއި، އުފާވެރިކަމުން ފުރިގެންވާ، ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ރެއަކަށް ވާނެކަމުގެ ޔަގީންކަން، އުރީދޫއިން ދީފައިވެއެވެ.
އަބިޖީތު ސާވަންތު ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދީ 2005 ވަނަ އަހަރު ބޭއްވި އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށް، އޭނާގެ ހިތްގައިމު އަޑާއި ހުށަހެޅުންތަކުން އެތައް މިލިއަން ބައެއްގެ ހިތްތައް ފަތަހަކުރުމަށް ފަހުގައެވެ. އޭނާގެ ފުރަތަމަ އަލްބަމް ކަމަށްވާ “އާޕްކާ އަބިޖީތު ސާވަންތު” އާއި، އޭގައި ހިމެނޭ މަޝްހޫރު ލަވަ “މޮހައްބަތޭން ލުޓާއުންގާ” ގެ ސަބަބުން އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަންނާނެއްގެ ގޮތުގައި އޭނާގެ ނަން ވިދާލި އެވެ.
ވިއްސަކަށް އަހަރަށް ވުރެ ދިގު މިއުޒިކީ ހަޔާތުގައި، ރެކޯޑިންގ އާޓިސްޓެއްގެ ގޮތުންނާއި، ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދޭ ފަންނާނެއްގެ ގޮތުން އަދި ލައިވް ޝޯތައް ހުށަހަޅައިދޭ ފަންނާނެއްގެ ގޮތުން އަބިޖީތު ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.
އިންޑިއަން އައިޑަލް ބަލަމުން އަދި ބޮލީވުޑްގެ ލަވަތައް އަޑުއަހަމުން ބޮޑުވި ގިނަ ދިވެހިންނަށް، އަބިޖީތު ސާވަންތުގެ ލައިވް ހުށަހެޅުންތައް ރާއްޖޭގައި ތަޖުރިބާކޮށްލަން ލިބޭ މި ފުރުސަތަކީ، ކުރީގެ އުފާވެރި ހަނދާންތައް އާވެ، ޚާއްސަ ފޯރިއެއް ގެނުވާނެ ކަމެއްކަމަށް އުރީދޫއިން ދެކެއެވެ.
ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި މަޝްހޫރުވެފައިވާ އުރީދޫ ފަން ރަން މިހާރު ވަނީ، ކުލައާއި، ފޯމާއި، މިއުޒިކާއި، ދުޅަހެޔޮކަމާއި އަދި މުނިފޫހިފިލުވުމުގެ ތެރެއިން އެތައް ހާސް ބަޔަކު އެއްތަނަކަށް ޖަމާކޮށްދޭ، ރާއްޖޭގެ އެންމެ ފޯރިގަދަ އެއް އިޖުތިމާއީ ހަރަކާތަށް ބަދަލުވެފައެވެ.




