ގޮއިދޫން ކާށިލިބުން ދަތިވަނީ ރުއްތަކަށް ބައްޔެއް ޖެހިގެން އުޅޭތީ – ކައުންސިލް

20156030_1924071134521949_3447293304380274679_n.jpg

ގޮއިދޫ ކޯރު ސަރަހައްދުގައި ހެދިފައިވާ ރުއްތަކެއް. ރުއްރުކަށް ބައްޔެއް ޖެހި ގޮއިދޫގެ ރުއްތަކުގެ މަތިވަރު މިދުވަސްވަރު ދަށް / އީވީ ފައިލް ފޮޓޯ

ބ. ގޮއިދޫ ރުއްތަކުގެ މަތިވަރު ދަށްވެ ކާއްޓަށް ދަތިވެގެން އުޅެނީ ރުއްރުކަށް ދިމާވެގެން އުޅޭ ބަލި މަޑުކަމެއްގެ ސަބަބުންކަމަށް ގޮއިދޫ ކައުންސިލުން ބުނެފިއެވެ.

މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ގޮއިދޫގެ ރުއްތަކުން ކާށިލިބުން ދަތިވެ، ކާއްޓެއްގެ އަގު ހަރުފިޔާ ހަތްރުފިޔާއަށް ވަނީ އުފުލިފައެވެ. ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު މިއަދު އީވީއަށް ވިދާޅުވީ ރުއްރުކުގެ މަތިވަރަށް ދިމާވި މައްސަލަ ހައްލުނުވެ އުޅެނިކޮށް މިވަގުތު ބައެއް ރުއްރުކުގައި ބަލި އަޅައި، މަތިވަރު އައުން ހުއްޓިފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިމައްސަލަ ދިމާވާން ފެށީ ވަރަށް ފަހުން ކަމަށާ، މިކަމުގެ ސަބަބުން ކާށީގެ ދަތިކަން އިންތިހާއަށް ބޮޑުވަމުން އަންނަ ކަމަށެވެ.

“ކުރިން ދުވާލެއްގެ މައްޗަށް މިރަށުގެ ރުއްރުކުން ހާހެއްހާ ކާށި ހޮވާނެ. އެކަމަކު ދަންނަވަންތޯ މިހާރު މިއުޅެނީ މިރަށު މީހުން ކާންބޭނުންވާ ކާށިވެސް ހޯދަން އުނދަގޫވެގެން. އަޅުގަނޑަށް ދަންނަވަން ކެރިދާނެ ދުވާލަކު ސާތޭކަ ކާށިވެސް މިހާރު ނުލިބޭ. މަތިވަރު ދަށްކޮށް ގޮސް އޮއްވާ މިދިޔަ އަހަރު ފަހުކޮޅު ރުއްރުކުން ބައްޔެއް ފެންނަންފެށި. މިހާރު ކިތަންމެ ރުކެއް ކަނޑާވެސް ލައިފިން އެކަމާހުރެ. ހަމަ ކުރިގަނޑު ހަލާކުވަނީ” އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށްޓަކައި އަންނަ ހަފްތާތެރޭގައި އެގްރިކަލްޗަރު މިނިސްޓްރީގެ އެހީއަށް އެދޭނެކަމަށެވެ. އަދި ބަލިޖެހޭ ރުއްރުއް ހޯދައި އިތުރަށް ފެތުރިދާނެކަމަށްޓަކައި އެރުއްރުއް ކަނޑަމުންދާކަންވެސް އޭނާ ފާހަގަކުރިއެވެ.

“ހުޅުވުނީމަ އަޅުގަނޑު މިހާރު ވިސްނައިގެން މިހުރީ އެގްރިކަލްޗަރ މިނިސްޓްރީގައި ދަންނަވައިގެން މިކަމަށް ހައްލެއް ލިބޭތޯ ބެލުމަށް. އެކަން އިރާދަކުރެއްވިއްޔާ ހުށައަޅާނަން ވަރަށް އަވަހަށް”

ބ. އަތޮޅުގައި އެންމެގިނަ ރުއްހުރި ގޮއިދޫގައި މިވަގުތު ދިހަހާހަށްވުރެ ގިނަ ފޯދުނު ރުއް އެބަހުރިކަމަށް އެރަށު ކައުންސިލުން މިދިޔަ އަހަރު ބުންޏެވެ. ރަށު ކައުންސިލުން ބުނީ ކާށި ވިޔަފާރިކޮށްގެން އެރަށު މާލިއްޔާއަށް އަހަރަކު ލައްކައިން ފައިސާ ލިބެމުންދާކަމަށެވެ. އަދި ޖުމްލަކޮށް ބަލާއިރު ގޮއިދޫގެ ރައްޔިތުންނަށް މިވިޔަފާރިން އަހަރަކު ބައިމިލިޔަނަކާ ގާތްކުރާ އަދަދަކަށް ފައިސާ ލިބޭނެކަމަށް ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top