ބ.އަތޮޅު ތައުލީމީމަރުކަޒުގެ އެއްވަނަ ދަރިވަރުންނަށް މާއިޝް އާއި މަނޫން

bbaba.jpg

މާއިޝް އާއި މަނޫން

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ އެއްވަނަ ދަރިވަރުންނަށް މުހައްމަދު މާއިޝްއާއި މުހައްމަދު މަނޫން ފާއިޒް ހޮވައިފި އެވެ.

ރޭ އެސްކޫލްގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މިދަރިވަރުންނަށް އިނާމާއި ޓްރޮފީތައް ހަވާލުކޮށް ދެއްވީ ޝަރަފްވެރި މެހްމާން އެންވަޔަރންމަންޓް މިނިސްޓަރު، އައިމިނަތު ޝައުނާ އެވެ.

ސާނަވީ ބައިން އެއްވަނަ ހޯދި މަނޫން ވަނީ ހަތް މާއްދާއިން އޭ ސްޓާ، އެއް މާއްދާއިން އޭ ފާސް ހޯދައގެން ގައުމީ ގަދަ ދިހަކުން ދެވަނަ ވަނަ ހޯދައިފަ އެވެ.މީގެ އިތުރުން މަނޫން ވަނީ ކެމިސްޓްރީން ވެސް މުޅި ރާއްޖެއިން އެއްވަނަ ހޯދައިފަ އެވެ.

މަތީ ސާނަވީ އިން އެއްވަނަ ހޯދި ނާއިޝް ވަނީ ގައުމީ ގަދަ ދިހަކުން ތިންވަނަ ހޯދުމުގެ އިތުރުން ތިން މާއްދާއިން އޭ ސްޓާ އާއި ދެ އޭ ހޯދާފައެވެ.

އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވަނީ އިނާމު ހޯދި ވަރިވަރުންނަށް ހިތްވަރު ދެއްވައި ކާމިޔާބަށް ޝުކުރު އަދާކުރައްވާފައެވެ. އޭގެ އިތުރުން އެކަމަނާ ވިދާޅުވީ، ބ. އަތޮޅުގެ ރައްޔިތުންނާއި ބ. އަތޮޅުގެ ދަރިވަރުން ފަދަ ތިމާވެށީގެ ކަންކަމަށް ހޭލުންތެރި މުޖުތަމައެއް އޮތް އަތޮޅަކުން ރާއްޖޭގެ އެހެން އަތޮޅުތަކާއި، މުޅި ދުނިޔެއަށް ވެސް މިސާލު ދެއްކިދާނެ ކަމަށެވެ.

އެގޮތުން ބ. އަތޮޅުގެ ވެށީގެ ހިތްގައިމުކަމާއި ކަނޑުގެ ދިރުމުގެ މުއްސަނދިކަން ،އަންނަ އޮތް ޖީލުތަކަށް ގެންދިއުމަށް މިއަދުގެ ކިޔަވާ ކުދިންގެ ހިއްސާ ބޮޑުކުރަން އެކަމަނާ އެދިވަޑައިގެންނެވި އެވެ.

ސްކޫލުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވީ އިމްތިހާނުތަކުން ދަރިވަރުން ހޯދާ ނަތީޖާ އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުވަމުން އަންނަ ކަމަށާއި ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރަކީ އެ ސްކޫލްގެ ހަޔާތުގައި އެންމެ ގިނަ އޭލެވެލް ދަރިވަރުން ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު އަހަރު ކަމުގަ އެވެ.

މިދިޔަ އަހަރު ނުވަ ދަރިވަރަކު އޯލެވެލްގެ ގަދަ ދިހެއްގައި ހިމެނުނުއިރު އޭލެވެލްގެ ގަދަ ދިހެއްގައި 15 ދަރިވަރުން ހިމެނިފައި ވެ އެވެ.

ރޭގެ ހަފުލާގައި، މިދިޔަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުން ފާހަގަކުރެވޭ ކާމިޔާބީތައް ހޯދި 60 އަށް ވުރެ ގިނަ ދަރިވަރުންނަށް އިނާމު ދީފައިވެ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top