އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުވާނެ، ބޭނުންވަނީ ލިބޭ އެއްޗެއް ބޮޑުކުރަން: ރައީސް

IMG_2135-scaled-1.jpeg

ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް މުރާޖައާކުރާއިރު، އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރަ ކުޑަނުވާނެ ގޮތަށް މުސާރަތައް ކަނޑައެޅުއްވުމަށް އަންގަވާފައިވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ”ރައްޔިތުންގެ އަޑު“ ސިލްސިލާ ޕްރޮގްރާމްގައި ބައިވެރިވި އާންމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

”ރައްޔިތުންގެ އަޑު“ޕްރޮގްރާމްގެ ހަވަނަ އެޕިސޯޑްގައި ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވަނީ މުސާރައިގެ އައު އޮނިގަނޑަށް އަމަލުކުރަން ފެށިނަމަވެސް ބައެއް މީހުން އެ އޮނިގަނޑަށް ނުފެތޭކަން ފާހަގަކުރައްވާފައެވެ.

މި ކަންބޮޑުވުމާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ދައުލަތުގެ މުސާރަ އެއްހަމަކުރާ ޕޭ ފްރޭމްވޯކުގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުވާނެކަމަށް ވިދާޅުވި ވަޢުދާ އެއްގޮތަށް، މުވައްޒަފަކު ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެކަމަށް ޕޭ ކޮމިޝަނަށް އަންގަވާފައިވާނެ ކަމަށެވެ.

އަދި ސަރުކާރުގެ ބޭނުމަކީ ހުރިހާ މުވައްޒަފުންނަށްވެސް ކުރިއަށްވުރެ ބޮޑު މުސާރައެއް ލިބުން ކަމަށާއި، ހައްލުނުވެ ތިބި މުވައްޒަފުންގެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ބޭނުންވަނީ ހުރިހާ މުވައްޒަފުންނަށްވެސް ގެއަށް ގެންދަން ލިބޭއެއްޗެެއް ކުރިއަށްވުރެ ބޮޑުވަން. އެގޮތަށް ހައްލުނުވެ ތިބި ހުރިހާ އެންމެނަށް އެކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރާނަން.“ ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ދެއްވުމަށްޓަކައި ”ރައްޔިތުންގެ އަޑު“ ގެ ނަމުގައި ބާއްވަވާ ސިލްސިލާގެ މައިގަނޑު ބޭނުމަކީ ރައީސް ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ރައީސްއާއެކު ބޭއްވޭ މި ބައްދަލުވުމުގައި އަމިއްލަ ކަންކަމާއި އިދާރީ އަދި އިޖުތިމާއީ މަސްލަހަތު ހުރި ތަފާތު ކަންކަމާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދެއެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ މީހަކަށްވެސް ވާހަކަދެއްކުމަށް 10 މިނިޓުގެ ވަގުތެއް ލިބެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top