ކުޑަކުދީންނަކީ ބެލެނިވެރީންނަށް، މާތްﷲ ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެއް ކަމަށާއި، ކޮންމެ ހާލަތެއްގައި އަދި ކޮންމެ ވަގުތެއްގައި ވެސް މި އަމާނާތަށް ފުރިހަމައަށް ރައްކައުތެރިވުމަކީ މައިންބަފައިންނާއި މުޅި މުޖުތަމައުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
މި ހަފުތާގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ”ކުޑަކުދީންގެ ޙައްޤުތައް“ މި މަޢުޟޫއަށެވެ.
ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ކުދީންނަށް ޙައްޤުވާ ހިމާޔަތް ފުރިހަމައަށް ފޯރުކޮށްދެވޭނީ ހަރުދަނާ ޢާއިލީ ނިޒާމެއްގެ ތެރެއިން އަދި އެފަދަ ޢާއިލާތަކުން އެކުލެވޭ މުޖުތަމައަކުންނެވެ. ކުއްޖަކު ދުނިޔެއަށް އުފަންވާ ހިނދުން ފެށިގެން ރަނގަޅު ރިވެތި ނަމެއް ކިޔުމަކީ ލިބެންޖެހޭ ޙައްޤެކެވެ. މީގެއިތުރުން، އެކިއެކި އަނިޔާތަކާއި، ބޭއިންސާފުން ކުރެވޭ ތަފާތުކުރުންތަކާއި، ގަނާކުރުމުގެ އަމަލުތަކުން އެ ކުދީން ސަލާމަތްކުރުމަކީ ވެސް ކަށަވަރުކޮށްދޭން ޖެހޭ އަސާސީ ޙައްޤުތަކެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ކުދިން ތަރުބިއްޔަތު ކުރުމުގައި ޢިލްމާއި އަޚުލާޤުގެ އިތުރުން ރޫޙާނީ ގޮތުން الله އާ އޮންނަ ގުޅުން ވަރުގަދަކުރުމުގެ މުހިންމުކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅާ ޙަވާލާދެއްވައި ޚުތުބާގައި ބުނީ، ދަރީންނަށް ހަތް އަހަރު ފުރުމުން ނަމާދުކުރުމަށް އަމުރުކުރުމަށާއި، ދިހަ އަހަރުވުމުން ނަމާދު ނުކުރާނަމަ އަނިޔާނުވާ ގޮތަށް އަދަބުދީގެން ވެސް ނަމާދަށް އަހުލުވެރިކުރުވަން ޖެހޭނެ ކަމަށެވެ.
ވޭތުވެދިޔަ ހަފުތާގައި އިވުނު ހިތްދަތި ޚަބަރުތަކަށް އަލިއަޅުއްވާލައްވަމުން، ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވި މައުސޫމު ކުއްޖަކު ފަރުވާދެމުން ދަނިކޮށް ނިޔާވި ހާދިސާއާއި، އިމާރާތެއްގެ މަތިން ތުއްތު ކުއްޖަކު ވެއްޓި ފުރާނަ ގެއްލުނު ހިތާމަވެރި ޚަބަރު ފާހަގަކުރެއްވިއެވެ. އަދި އެ މައުސޫމު ފުރާނަތަކަށް ހެޔޮ ރަޙުމަތް ލައްވައި، ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދެންނެވިއެވެ.
”ދަރީން ތަރުބިއްޔަތު ކުރުމުގައި އިލްމާއި ރިވެތި އަޚުލާޤުގެ އިތުރުން ރޫޙާނީ ތަރުބިއްޔަތުގެ ދައުރު ނުހަނު ބޮޑެވެ. މިގޮތުން ރޫޙާނިއްޔަތުގެ ބިންގަލަކީ އިންސާނާއާއި އޭނާ ހެއްދެވި ފަރާތާ ދެމެދު އޮންނަ ވަރުގަދަ ގުޅުމެވެ. ދުނިޔޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މުޢާހަދާތައް އުފެދުމުގެ މާކުރީން، މާތްވެގެންވާ އިސްލާމްދީނުގެ ޝަރީޢަތުގައި ކުޑަކުދީންގެ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ކަނޑައަޅުއްވައި ރައްކާތެރިކުރައްވާފައިވެއެވެ.“ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި ކުޑަކުދީންނަކީ މާތް ﷲ ދެއްވި އަގުބޮޑު ނިޢުމަތެކެވެ. އެހެންނަމަވެސް، މުޖުތަމަޢުގެ ތެރޭގައި އެ ކުދީންނަށް އިހުމާލުވެ، އެއްވެސް އޯގާތެރިކަމެއް ނެތި ލާއިންސާނީ ގޮތްގޮތަށް އަނިޔާކުރާ މީހުން އުޅޭކަމީ ހިތާމަހުރި ކަމެކެވެ. ޚާއްޞަކޮށް އެ ކުދީންނަށް އެންމެ ބޮޑަށް ލޯތްބާއި އަޅާލުން ދޭންޖެހޭ ބެލެނިވެރިންގެ ފަރާތުން މިފަދަ ކަންކަން ފެނުމަކީ ނުހަނު ހިތްދަތި މަންޒަރެއްކަމަށްވެސް ޚުތުބާގައި ފާހަގަ ކުރިއެވެ.
އެހެންކަމުން، ކުޑަކުދީންނާމެދު އިހުމާލުވެ، އަނިޔާވެރި ޢަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި ފިޔަވަޅު އަޅައި، އެކަށީގެންވާ އަދަބު ދިނުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށާއި ޒިންމާދާރު ފަރާތްތަކަށް ހުކުރު ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.





