ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވުމަށް ހަރުކަށި އަދަބު

ހކހުިކ.jpg

މަގުމަތީގެ އަމާންކަން ގާއިމުކުރުމުގެ ގޮތުންނާއި ނުރައްކާތެރިކޮށް އަދި ޒިންމާދާރުކަން ކުޑަ ގޮތެއްގައި އެއްގަމު އުޅަނދު ފަހަރު ދުއްވާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެކުލަވާލި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.

މި ގާނޫނަކީ މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް މަދުކުރުމަށާއި، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ހަމަމަގަށް އެޅުވުމުގެ މަގްސަދުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މުހިންމު ބިލެކެވެ.

މި އާ ގާނޫނުގެ ދަށުން، ގަވާއިދާ ޚިލާފަށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާއި، އާންމުންގެ ފުރާނައާއި މުދަލަށް ގެއްލުންވާ ފަދަ ގޮތްގޮތަށް އަމަލުކުރާ ޑްރައިވަރުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ އެވެ. ގާނޫނުގައި ވާގޮތުން، ދުއްވާފައިދާ އުޅަނދެއްގެ ކޮންޓްރޯލް ލައިސަންސް ނެތް މީހަކާ ނުވަތަ ކުޑަކުއްޖަކާ ހަވާލުކުރުމާއި، ފަސިންޖަރު ސީޓުގައި އިންނަ މީހަކާ ހުންގާނު ހަވާލުކުރުމަކީ ކަނޑައެޅިގެން މަނާ އަދި އަދަބު ލިބޭނެ ކުށެކެވެ. މިފަދަ އަމަލެއް ހިންގައިފިނަމަ އަދަބެއްގެ ގޮތުން ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25,000 އާއި 50,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

އެ އަމަލުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ، ޖޫރިމަނާގެ އަދަދު 50,000 އިން ފެށިގެން 100,000ރ. އާ ހަމައަށް ބޮޑުވާނެ އެވެ.

އުޅަނދުގެ ކޮންޓްރޯލް ހަވާލުކުރީ ކުޑަކުއްޖަކާ ކަމަށްވާނަމަ، ސީދާ އެންމެ ބޮޑު އަދަބު ކަމުގައިވާ 50,000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އަނިޔާއެއް ލިބިއްޖެނަމަ 100,000ރ. އިން ޖޫރިމަނާކުރަން ޖެހޭނެ އެވެ.

މީގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކާ ހިލާފަށް މަގު ހުރަސްކުރާ ކަފިހިހުރަސްތަކުން މީހުންނަށް ތަންނުދީ އުޅަނދުފަހަރު ދުއްވާ ފަރާތްތައް 1500 ރުފިޔާއިން ޖޫރިމަނާ ކުރަންވެސް ގާނޫނުގައި ވަނީ ހިމަނާފައެވެ.

މަގުމަތީގެ ނުރައްކާ ބޮޑުވާ މިފަދަ ކަންކަމުގައި އިތުރު ފިޔަވަޅުތަކެއް ވެސް ގާނޫނުގައި ވަނީ ހިމަނާފައެވެ. އެގޮތުން، ކުށް ސާބިތުވާ ފަރާތްތަކުގެ ލައިސަންސް ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓޭނެއެވެ. އަދި ލައިސަންސް ނެތް ފަރާތެއްނަމަ އެ މުއްދަތުގައި ލައިސަންސް ނެގުން މަނާވާނެއެވެ. މި މުއްދަތު ހަމަވުމުން ވެސް އަލުން ލައިސަންސް ދޫކުރެވޭނީ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ފާސްވުމުންނެވެ.

މީގެއިތުރުން، މިފަދަ ހާދިސާއެއްގައި މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައެއް ގެއްލިއްޖެނަމަ ގާނޫނުލްއުބާތުގެ ދަށުން ޖިނާއީ ދައުވާ ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ޚާއްސަ ގިންތީގެ އުޅަނދު ފިޔަވައި އެހެން އެއްވެސް އެއްގަމު އުޅަނދެއް ބޭނުން ކުރެވޭނީ އެ އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރުގެ މުއްދަތަކަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ރައީސް މި ގާނޫނު ތަސްދީގުކުރައްވައި ގެޒެޓުގައި ޝާއިޢުކުރެއްވުމާ ގުޅިގެން، ކަމާބެހޭ މުއައްސަސާތަކުން މިހާރު ދަނީ މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top