(ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް)
އެއްދުވަހަކު މީހަކު ދޫންޏެއް ހިފިއެވެ. ދެން، އެ މީހާ ކުރެން ދޫނި އެއްސެވެ. ”ސާހިބާއެވެ! އަޅުގަނޑާ ދޭތެރޭ ސާހިބު މަނިކުފާނު ކަންތައް ކުރައްވާނީ ކިހިނަކުންތޯއެވެ؟“
ދެން، އެ މީހާ ދޫނި ގާތު ބުންޏެވެ. ”އަހަރެން ގަސުދުކުރަނީ ކަލޭ ކާލާށެވެ.“
ވަރަށް ދެރަވެފައި، ނަމަވެސް، ހިއްވަރާއެކު ދޫނި ބުންޏެވެ. ”އަޅެ ނިކަން ރަނގަޅަށް އަޅުގަނޑަށް ބައްލަވާލައްވާށެވެ! އަޅުގަނޑުގެ ޖިސްމު ނުލާހިކު ކުޑައެވެ. އަޅުގަނޑު ކަހަލަ ދިހަ ދޫނި މަނިކުފާނު ފަރިއްކުޅުވިޔަސް މަނިކުފާނަކަށް ނުފުދޭނެއެވެ. އެހެންވީމާ އަޅުގަނޑު ފަރިއްކުޅުއްވާލުމުގެ ބޭނުމެއް ނެތެއް ނޫންތޯއެވެ. އަދި، މަނިކުފާނު އަރިހުގައި އަޅުގަނޑު ވާހަކައެއް ދަންނަވާފާނަމަވެ. އަޅުގަނޑަށް މިނިވަންކަން ދެއްވައި، އަޅުގަނޑު ދޫކޮށްލައްވައިފި ނަމަ، މަނިކުފާނަށް އަޅުގަނޑު ތިން ކަމެއް އުނގަންނައިދޭނަމަވެ. އަޅުގަނޑު ފަރިއްކުޅުއްވާލުމަށް ވުރެ އެ ތިންކަންތައް މަނިކުފާނަށް ހެޔޮކަން ބޮޑުވެގެން ވެއެވެ. މަނިކުފާނުގެ އަތްޕުޅުގައި އަޅުގަނޑު ވާހާލު، ފުރަތަމަ ކަންތައް މަނިކުފާނު އަރިހު ދަންނަވާނަމެވެ. ދެން، އެހެރި ގަހުގެ ގޮފިގަނޑުގައި އިށީނދެފައި ދެވަނަ ކަންތައް ދަންނަވާނަމެވެ. އަދި، އެ ފެންނަ ފަރުބަދަ މައްޗަށް ދެވުމުން، ތިންވަނަ ކަންތައް ދަންނަވާނަމެވެ.“
ދެން، އެ މީހާ ބުންޏެވެ. ”އެންމެ ރަނގަޅެވެ. ފުރަތަމަ ކަންތައް ކިޔައިދޭށެވެ!“
ދޫނި ބުންޏެވެ. ”މަނިކުފާނުގެ އަތްޕުޅުން ގެއްލޭ އެއްޗަކަމާ މެދު ހިތާމަ ކުރައްވަން ނުހައްދަވާށެވެ!“
މިހެން ދޫނި ބުނުމުން، އެ މީހާ ދޫނި ދޫކޮށްލިއެވެ. ދެން، ދޫނި ގަހުގެ ގޮފިގަނޑެއްގައި އިށީނދެފައި ބުންޏެވެ. ”އިވޭހާ ވާހަކައަކީ ތެދެއްކަމަށް ބަލައި ގަބޫލުނުކުރާށެވެ.“
ދެން، ދޫނި އުދުހިފައި ފަރުބަދަ މައްޗަށް ދިޔައެވެ. އަދި ފަރުބަދަ މަތީ ޖައްސާލައިފައި ބުންޏެވެ. ”އޭ މިހިރަ މޮޔައާއެވެ! ކަލޭ އަހަރެންގެ ބަނޑުފަޅާލި ނަމަ، އަހަރެންގެ ބަނޑުން ބޮޑު ދެ މުތް ފެނުނީހެވެ. އެއިން ކޮންމެ މުތެއްގެ ބަރުދަނުގައި މަދުވެގެން ކިލޯއެއް ހުންނާނެއެވެ. އެ ވިއްކާލުމުން އެތައް ހާސް ޑޮލަރެއް ކަލެއަށް ލިބުނީހެވެ!“
އެ މީހާ ވަރަށް ހިތާމަކުރިއެވެ. އޭނާ އަތުން ދޫނި ބީވެގެން ދިޔައީމައެވެ. އަދި، ދާދި ފަސޭހައިން ލިބިފައި އޮތް ފައިސާތަކެއް ގެއްލުނީމައެވެ. ކޮންމެއަކަސް، މި ކަމާ ވަރަށް ދެރަވެފައި ބޮލުގައި ޖަހާލާފައި އެ މީހާ ދޫންޏަށް ބުންޏެވެ. ”ދެން އެންމެ ރަނގަޅެވެ. ތިން ވަނަ ކަންތައް ބުނެދޭށެވެ!“
މި ވާހަކަ އަޑުއަހާފައި ދޫނި ބުންޏެވެ.”ތިންވަނަ ކަމުން ކަލެއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އަހަރެން ކަލޭ ގާތު ދާދި ދެންމެއަކު ބުނި ދެކަންތައް ހަނދާން ނެތިއްޖެއެވެ. އަތުން ބީވެގެންދާ އެއްޗަކާ މެދު ހިތާމަ ނުކުރާށޭ އަހަރެން ބުނީމު ނޫން ހެއްޔެވެ؟ ނަމަވެސް، ކަލޭ އަތުން އަހަރެން ބިވެގެން ދިޔައިމާ ތިހިތާމަ ކުރަނީއެވެ. ދެން، އަހަރެން ބުނީ އިވޭހާ އެއްޗަކީ ތެދުކަމަށް ބަލައި ގަބޫލު ނުކުރުމަށެވެ. ކަލޭ ނިކަން އަމިއްލައަށް ވިސްނާލަ ބަލާށެވެ. އަހަރެން މި ކުޑަ ކުޑަ ދޫނީގެ ބަނޑަށް ދެކިލޯގެ މުތެއް ލެވޭނީ ކިހިނެއް ހެއްޔެވެ؟ ޚުދް އަހަރެންގެ ބަރުދަނުގައި ހުންނަނީ ދުއިސައްތަ ވަރަކަށް ގުރާމެވެ. އެހެންކަމަށްވާ އިރު، އެފަދަ ބަރު ދެ މުތް އަހަންރެންގެ ބަނޑުގައި ބާއްވައިގެން އަހަންނަށް ހިރިލެވޭނެ ހެއްޔެވެ؟ އެހެންވީމާ، ކުރިން ބުނި ދެކަމުން ފައިދާއެއް ލިބި ނުގަނެވުނު އިރު، ތިންވަނަ ކަމުން އަސަރެއް ކުރާނޭ ކަމަކަށް އަހަރެން ނުދެކެމެވެ.“
މިހެން ބުނެފައި ދޫނި އުދުހި ޖައްވުގެ ތެރެއަށް ގޮސް އޮބާލިއެވެ.





